ނުހައްގުން ހޯދި މުއްސަނދިކަން ސާބިތުކޮށްދިނުމުގެ ޒިންމާ ތުހުމަތުވާ ފަރާތަކުން އުފުލަންޖެހޭގޮތަށް ޤާނޫނުންޢުޤޫބާތަށް ހުށައެޅި އިޞްލާހަށް ސަރުކާރަށް ތާޢީދުކުރާ މެންބަރުންނާއި އިދިކޮޅުމެންބަރުންވެސް ތާޢީދުކޮށްފިއެވެ. މި އިސްލާޙައެކު ނުޙައްޤު މުއްސަނދިކަން ހޯދާ މީހުންނަށް ފިޔަވަޅުއަޅަން ފަސޭހަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު އިސްލާޙުކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލު ހުށައެޅުއްވީ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޟާ އާދަމެވެ.
ޤާނޫނުލްޢުޤޫބާތަށް ހުށައަޅާފައިވާ އިސްލާޙަށް ބަހުސްކުރައްވަމުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު ވިދާޅުވީ މިދިޔަ 19 ވަނަ މަޖިލީހުން ޤާނޫނުލްޢުޤޫބާތަށް އިސްލާޙު ގެނެސްފައި އޮތީ ޖިނާޢީ ބޮޑު ކުށެއްކޮށްފިކަން ސާބިތުވެއްޖެނަމަ ނުޙައްޤުން މުއްސަނދިކަން ހޯދާ ފަރާތްތަކަށް ފިޔަވަޅު އެޅޭގޮތަށް ކަމަށެވެ. އެހެންނަމަވެސް، ގިނަ މީހުން ނުޙައްޤު މުއްސަނދިކަން ހޯދަނީ އެފަދަ ކުށެއްކޮށްގެން ނޫން ކަމަށާއި އެމީހުންނަށް މިހާރު ޤާނޫނުލްޢުޤޫބާތު އޮތްގޮތުން ފިޔަވަޅު އެޅެން ނެތް ކަމަށް އަޒާން ވިދާޅުވިއެވެ. އެހެންކަމުން މިހާރު އަލަށް ގެންނަ އިސްލާޙާއެކު ނުޙައްޤުން މުއްސަނދިވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ފަސޭހަވާނެކަމަށް މެންބަރު ވިދާޅުވިއެވެ.
"ނާޖާއިޒު ގޮތުގައި ފައިދާއާއި މަންފާ ހޯދައި މުއްސަނދިވާ ފަރާތްތަކުގެ މައްސަލަތައް ބެލޭނެ ދުވަހެއް ހޯދަންވެގެން އަޅުގަނޑުމެން މިއުޅެނީ. މި އިސްލާޙާއެކީގައި އެކަން ކުރެވޭނެ. އަދިވެސް އިތުރު ޤާނޫނުތައް އަންނަން އެބަޖެހޭ މުޅި މައްސަލައަށް ޙައްލު ގެންނަން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެއްވެސް ދިވެހި ރައްޔިތަކަށް ނުޙައްޤު މުއްސަނދިކަމެއް ލިބިގެން ނުވާނެ." މެންބަރު އަޒާން ވިދާޅުވިއެވެ.
އިސްލާޙަށް ބަހުސްކުރައްވަމުން އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވީ ދައުލަތުގެ ވެރީންގެ ގޮތުގައި ތިއްބަވާ ބޭފުޅުން ނުޙައްޤުން މުއްސަނދިކަން މީގެ ކުރިން ހޯދާފައި އެބަހުރި ކަމަށެވެ. މިގޮތުން މަސްތުވާތަކެއްޗާއި ސިނގިރޭޓުފަދަ ތަކެތި އެތެރެކޮށް މުއްސަނދިކަން ހޯދާފައި އެބަހުރިކަމަށް ސަލީމް ތުހުމަތުކުރެއްވިއެވެ.އަދި މީގެ ކުރިން އެކި ސަރުކާރުތަކުގައި ކޮރަޕްޝަންގެ ޢަމަލުތައް ހިންގާފައި އެބަހުރި ކަމަށާއި، އެތަން ބިލިޔަން ރުފިޔާއެއް މި ޢަމަލުތަކުގެ ސަބަބުން ގެއްލިފާވާއިރު އެ މައްސަލަތައް އަދިވެސް ބެލިފައިނުވާކަމަށް ސަލީމް ވިދާޅުވިއެވެ.
"ކޮންމެ މީހަކަށްވެސް ނުހައްޤު މުއްސަނދިކަމެއް ލިބިއްޖެއްޔާ އެކަން ބެލެންޖެހޭނެ. ދައުލަތަށް ވުރެ އެއްވެސް މީހަކު ބޮޑުވެގެން ނުވާނެ." މެންބަރު ސަލީމް ވިދާޅުވިއެވެ.
ސަރުކާރުން ހުށައަޅާފައިވާ އިޞްލާޙަށް އިދިކޮޅު ބައެއް މެންބަރުންވެސް ވަނީ ތާޢީދުކުރައްވާފައެވެ. އެގޮތުން ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވީ ދިވެހި ދައުލަތުގެ މަތީ ފަންތީގައި ތިއްބެވި ބޭފުޅުން ކޮރަޕްޝަންގެ ޢަމަލުތައް ހިންގާފައިވާކަން އެންމެންވެސް ޤަބޫލުކުރަންޖެހޭ ކަމަށެވެ. އަދި އެ މައްސަލަތައް ފަސޭހައިން ބެލޭނެ ގޮތެއް ހޯދަންޖެހޭކަމަށާއި އެހެންކަމުން މި އިސްލާޙަށް ތާޢީދުކުރައްވާކަމަށް ޢަބްދުލްޣަފޫރު މޫސާ ވިދާޅުވިއެވެ.
"ނުހައްޤު ގޮތުގައި ހޯދާ ފައިސައަކީ ހުއްދަ އެއްޗެއް ނޫން. ގަވާއިދާ ޚިލާފަށް މުއްސަނދިކަން ހޯދައި ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ގޮތެއް ހޯދަން އެބަޖެހޭ." ޢަބްދުލްޣަފޫރު މޫސާ ވިދާޅުވިއެވެ.
މިހާރު ޤާނޫނުލްޢުޤޫބާތުގައި އޮންނަނީ އެއްވެސް މީހެއްގެ ނަމުގައި ނުވަތަ އޭނާއާ ޢާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައިވާ މުދަލަކީ ނުވަތަ ފައިސާއަކީ ނުވަތަ ޤާއިމުކޮށްފައިވާ ދިރިއުޅުމުގެ ފެންވަރަކީ ޖިނާޢީ ބޮޑު ކުށެއްގެ ޢަމަލުން ހޯދި ފައިސާއެއްކަމަށް ނުވަތަ މުދަލެއްކަމަށް ނުވަތަ ޤާއިމުކޮށްފައިވާ ދިރިއުޅުމުގެ ފެންވަރެއްކަމަށް ޤަބޫލުކުރުމަށް އެކަށީގެންވާ ހެކި ހުރުމުން ކުށެއްގެ ގޮތުގައި ބަލައިގަނެ ފިޔަވަޅު އެޅުމަށެވެ.
ނަމަވެސް، މިހާރު ހުށައަޅާފައިވާ އިސްލާޙުގައިވާ ގޮތުން ނުޙައްޤުން ހޯދާފައިވާ މުއްސަނދިކަމަކީ ޖިނާޢީ ބޮޑު ކުށެއްގެ ޢަމަލުން ހޯދާފައިވާ މުއްސަނދިކަމެއްކަމަށް ޤަބޫލުކުރުމަށް އެކަށީގެންވާ ހެކި ހުންނާކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް އެ މުއްސަނދިކަމެއް ހޯދީ ޤާނޫނީ ގޮތުން ހުއްދަކޮށްފައިވާ ގޮތުގެ މަތިންކަން އޭނާއަށް ސާބިތުކޮށްނުދެވިއްޖެނަމަ، ކުށެއްގެ ގޮތުގައި ބަލައިގަނެ ފިޔަވަޅު އެޅޭނެކަމަށް އައު އިޞްލާހުގައި ބަޔާންކުރައްވާފައިވެއެވެ.