ޚަބަރު

މިއަހަރުގެ ތެރޭ އިތުރު ވިއްސަކަށް ބަނދަރުގެ މަސައްކަތް ނިންމަނީ


މިއަހަރުގެ ތެރޭގައި އިތުރަށް ވިއްސަކަށް ބަނދަރުގެ މަސައްކަތް ނިންމޭތޯ މަސައްކަތްކުރަމުން ގެންދަވާކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވީ މިހާރުވެސް ބަނދަރާ ގުޅުން ހުރި 46 މަޝްރޫޢެއް ކުރިޔަށްދާކަމަށެވެ.

ރާއްޖޭގައި މިހާރުވެސް 1.4 ބިލިޔަން ރުފިޔާގެ ބަނދަރުގެ މަޝްރޫޢުތައް ކުރިޔަށްގެންދަވާކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. މީގެތެރޭގައި އިސްލާމިކް ޑިވިލޮޕްމެންޓް ބޭންކްގެ އެހީގައި ކުރިޔަށް ގެންދަވާ 10 ބަނދަރުގެ މަސައްކަތް ފިޔަވައި، ދެންހުރި ބަނދަރުތަކަކީ ސަރުކާރުގެ ބަޖެޓުން ކުރިޔަށްގެންދަވާ މަޝްރޫޢުތައްކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ހައުސިންގ މިނިސްޓްރީން ކުރިން ބައެއް ބަނދަރުތަކުގެ މަސައްކަތް ލަސްވެގެން ގޮސްފައިވަނީ ރާއްޖެއަށް ހިލަގެނައުން ލަސްވެގެން ގޮސްފައިވާތީކަމަށާއި ނަމަވެސް އެ ބަނދަރުތަކުގެ މަސައްކަތްވެސް މިހާރު ބާރަށް ކުރިޔަށްދާކަމަށެވެ. މީގެ އިތުރުން މިހާރު ސޮއިކޮށްފައި ބައެއް ބަނދަރުތަކުގެ މަސައްކަތްވެސް އީއައިއޭގެ މަސައްކަތް ނިމުމުން ފައްޓަވާނެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ސަރުކާރުން ކުރިޔަށްގެންދަވާ ބަނދަރުތަކުގެ މަޝްރޫޢުތަކުގެ ތެރޭން ގިނަ މަސައްކަތްތަކެއް ކުރިޔަށް ގެންދަވަނީ އެމްޓީސީސީންނެވެ. އެމްޓީސީގެ އިތުރުން ރާއްޖޭގެ އިތުރު ކުންފުނިތަކުންވެސް ބަނދަރު ހެދުމުގެ މަޝްރޫޢުތައް ކުރިޔަށްގެންދަވައެވެ.