ނޮވެމްބަރު މަހުގެ 3ވަނަ ދުވަސް ދިވެހިން ފާހަގަކުރަމުން އައީ ފަޚުރުވެރި ނަޞްރުގެ ދުވަހުގެ ގޮތުގައެވެ. އެދުވަހަކީ ދިވެހިންނަށް އިބުރަތާއި ދަރުހާއި ފިލާވަޅު ލިއްބައިދޭ ދުވަހެވެ. ދިވެހި ސިފައިންގެ ހިތްވަރުގަދަކަމުގެ އުފާވެސް ފާހަގަކުރެއެވެ. އެއީ ޝަހީދުންގެ ޒިކުރާވެސް އާކުރަމުންނެވެ. ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމުގެ ޒަޢާމަތުގައި ފުރަތަމަ ފަހަރަށް މިދުވަސް ފާހަގަކުރަން ފެއްޓެވިއެވެ.
ނޮވެމްބަރު 3ގެ ޢުދުވާނުގެ ޣައްދާރުންގެ ނަން އަޑުއިވޭ ހިނދު ދިވެހިންގެ ލޭކެކޭނެއެވެ. އެމީހުންގެ އަނިޔާވެރިކަމާއި މިޤައުމަށް ދިން އާދަޔާޚިލާފު ބޮޑު ގެއްލުމުގެ ވާހަކަ ރާއްޖެ ދެމިއޮތްހާހިނދަކު ދެކެވެންޖެހެއެވެ.
ނަމަވެސް 2018ވަނަ އަހަރުން ފެށިގެން ދިވެހިންގެ ފަޚުރުވެރި މި ނަޞްރުގެ ދުވަހަގެ ކުލަ ކުއްލިއަކަށް ފަނޑުވެއްޖެއެވެ. ދިވެހިން ޒަމާނުއްސުރެ ފާހަގަކުރަމުން އައި ނަޞްރުގެ ދުވަސް ފުރަތަމަ ފަހަރަށް ފާހަގަކުރުން ހުއްޓުނެވެ. ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ކަންކޮޅުތަކުގައި ބާއްވަމުން އައި ޚާއްސަ ރަސްމިއްޔާތުތައް ހުއްޓުނެވެ. ޤައުމީ ދިފާޢީ ބާރުން މިދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައި ނުގަންނަވައެވެ. ދިވެހިންނަށް ލިބުނު ނަޞްރުގެ ވާހަކަ ދައްކާލަންވެސް ކެރިވަޑައިނުގަތެވެ.
އެހެނަސް އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ ހަވާލުވެވަޑައިގެން އެންމެފުރަތަމަވެސް ވިދާޅުވީ ދިވެހި ޤައުމިއްޔަތަށް އިސްކަންދެއްވާނެކަމުގެ ވާހަކަފުޅެވެ. ދިވެހިންގެ ޤައުމީ ފަޚުރުތަކަށް އިސްކަންދެއްވާނެކަމަށް ހުވާކުރެއްވުމުގެ ދަރުބާރުގައި ދިވެހި ޤައުމާ މުޚާތަބުކުރައްވާ ވިދާޅުވިއެވެ. އެ ވަޢުދާ އެއްގޮތަށް ޤައުމީ މުނާސަބަތުތަކަށް އެމަނިކުފާނު ޚާއްސަ އިސްކަމެއް ދެއްވިއެވެ. އެކަން ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާއިން އެކަނިވެސް ސާބިތުކޮށްދީފިއެވެ.
ނަޞްރުގެ ދުވަހުގެ ޖަލްސާއަށް މުޅި ޤައުމުގެ ނަޒަރު ހުއްޓުނެވެ. އޭގެ އެއް ސަބަބަކީ ނޮވެމްބަރު 3ގެ އުދުވާން ކުރިމަތިވީއިރު އޭރުގެ ޤައުމުގެ ވަލިއްޔުން ޢަމްރުގެ މަޤާމުގައި އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ މަޤާމުގައި ހުންނެވި ނިޝާން ޣާޒީ ޢިއްޔަތުގެވެރިޔާ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަތުމެވެ. އަދި އެ ރަސްމިއްޔާތުގައި އެމަނިކުފާނު ވާހަކަފުޅު ދެއްކެވުމެވެ. އެމަނިކުފާނުގެ އެދުވަހުގެ ހަނދާންތަކާއި ތަޖުރިބާއަކީ އެތައް ބަޔަކަށް ޝަޢުގުވެރި ވާހަކަތަކަކަށްވެއެވެ.
މިއީ ފަހުގެ ތާރީޚުގައި މިފަދަ ޖަލްސާތަކުން ކުރީގެ ރައީސުންނަށް ޖާގައެއް ލިބިވަޑައިނުގަންނަވައެވެ. އަދި އަމުދުން ބައިވެރިވެވަޑައިގަތަސް ވާހަކަފުޅު ނުދައްކަވައެވެ. އެހެނަސް މިފަހަރުގެ މި ޚާއްޞަ އިޙްތިފާލުގައި ރައީސް މަޢުމޫނަށް އެފުރުޞަތު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވިއެވެ. އެ ޖަލްސާގައި އެންމެ ފުރަތަމަ ވާހަކަފުޅު ދެއްކެވީވެސް ރައީސް މައުމޫނެވެ.
މި ޖަލްސާގައި ރައީސް މައުމޫންގެ ވާހަކަފުޅު ވެގެންދިޔައީ އެތައް ޢިބްރަތެއް ލިބިިދިން ދަރުހަކަށެވެ. ނަޞްރުގެ ދުވަހުން ޙާޞިލުކުރެވިދާނެ ޢިބުރަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް މައުމޫން ވަނީ، ޤައުމީ އުޞޫލުތަކަކީ ސިޔާސީ ކަންކަމަށްވުރެ އިސްކަންދޭންޖެހޭ ކަންތައްތަކެއްކަން ހަނދުމަފުޅުކޮށްއަރުވާފައެވެ. އަދި ޤައުމުގެ ޢިއްޒަތާއި ޝަރަފަށްޓަކައި ފުރާނައިން ޤުރުބާންވުމަކީ ދިވެހިންގެ ތެރޭގައި ވަރަށް ފުނަށް، ބިންވަޅުނެގިފައިވާ ކަމެއްކަން ނަޞްރުގެ ދުވަހު އެނގިވަޑައިގެންނެވި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
"ދުނިޔޭގެ ކަންތައްތައް ބަދަލުވަމުންދާގޮތުން ރާއްޖޭގެ ޤައުމީ މަސްރަޙަށް ބަދަލުތަކެއް އައި ނަމަވެސް، އަދި ޒަމާނާ އެކަށީގެންވާ ގޮތަކަށް ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތައް ބަދަލުވަމުން ދިޔަ ނަމަވެސް، ރާއްޖޭގައި ސިޔާސީ ޕާޓިތަކެއް އުފެދި ހިނގަމުންދިޔަ ނަމަވެސް، މިއިން އެއްވެސް ކަމެއްގެ ސަބަބުން އަޅުގަނޑުމެންގެ ޤައުމީ ވަހުދަތަށް އެއްވެސް އުނިކަމެއް އައިސްގެން ނުވާނެ،" ރައީސް މައުމޫން ވިދާޅުވުއެވެ.
ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ޢުދުވަން ފެށިއިރު ރައީސް މައުމޫނާއި އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ގިނިކަންޏާ ކަހަލަ ގޮތަކަށް ހިންގަވާފައި ތީމުގޭގެ ވަލުދޮރާށިން ނުކުމެވަޑައިގެންނެވިއިރު އަރިހުގައި ހުންނެވި ހަމައެކަނި ބޭފުޅަކީ އޭރު އުމުރުފުޅުން އެންމެ 8 އަހަރުގެ މުޙައްމަދު ޣައްސާން މައުމޫނެވެ. އެހެނަސް މިއަދު އެއީ ޤައުމުގެ ދިފާޢީ ވަޒީރެވެ.
އޭރުގެ ސިފައިންގެ އެންމެ މަތީ ވެރިޔާގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި، މިއަދުގެ ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން، ދިފާޢީ ވަޒީރު މި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަކީވެސް މި ޖަލްސާ ތާރީޚުގައި ފެވިގެންދާނެ އެއް ސަބަބެވެ. މި ޖަލްސާގައި ބައްޕާފުޅަށް އޮތް ލޯތްބާއި އިޙްތިރާމް ޣައްސާން ދެއްކެވިއެވެ. ބައްޕާފުޅުގެ އަތްޕުޅުގައި ހިފަހައްޓަވައިގެން ޕޯޑިއަމާ ހަމައަށް ގެންދަވައި އަދި ވާހަކަފުޅު ދައްކަވައި ނިމުމުން އަތްޕުޅުގައި ހިފަހައްޓަވައިގެން ވަޑައިގަތެވެ. މިއީވެސް ތަފާތު މަންޒަރެކެވެ.
މި ޖަލްސާގައި ދިފާޢީ ވަޒީރު ޣައްސާން މައުމޫން ރައްޔިތުންނަށް ދެއްވި ޔަޤީންކަމަކީ ދިވެހި ޤައުމާއި އިސްލާމްދީނުގެ ހިމާޔަތުގައި އަޅުއްވަންޖެހިވަޑައިގެންނެވި ކޮންމެ ފިޔަވަޅެއް ދިވެހި އަސްކަރިއްޔާއިން އަޅުއްވާނެކަމުގެ ޔަޤީންކަމެވެ.
ހަމައެހެންމެ ނޮވެމްބަރު 3ގެ އުދުވާން ކުރިމަތިވީއިރު ޤައުމުގެ ދިފާޢުގައި މަސައްކަތްކުރެއްވި އެތައް ބަޔަކަށް އެ ޖަލްސާގެ އެންމެ ކުރީ ސަފުން ޖާގަ ދެއްވިއެވެ. އޭގެތެރެއިން އެއް ބޭފުޅަކީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި މޫސާ އަލީ ޖަލީލެވެ. މީގެ 36 އަހަރު ކުރިން ޤައުމަށް ދިން ޢުދުވާނާ ކުރިމަތިލެއްވައި ދެއްކެވި ހިތްވަރުގެ އަގުވަޒަން މިހާތަނަށް ކުރެވިފައި ނެތްނަމަވެސް މި ޖަލްސާގައި ވަނީ އެކަމުގެ އަގުވަޒަންކޮށް ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް އަރުވާފައެވެ. ދުޝްމަނުން ހަމަލާދެމުން ދަނިކޮށް އެހަމަލާގެ ކުރިމައްޗަށް ނިކުނަން ކެރިވަޑައިގަންނަވާނީ ވަރަށް ޖެހިލުންކުޑަ މީހަކަށެވެ. ވަޠަނާއި ދީން ދެކެ ލޯބިވާ މީހަކަށެވެ. މޫސާ ޢަލީ ޖަލީލަކީ ހަގީގަތުގައި ވެސް އެފަދަ ޤައުމީ ބަޠަލެކެވެ. ވުމާއެކު ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު އިއްވެވި ވަގުތު މޫސާ ޢަލީ ޖަލީލަށް ފުން އަސަރުތަކެއް ކުރުވިއެވެ. ކީރިތި ނުކުރައްވަން ވަރަށް ހިތްވަރު ކުރެއްވިނަމަވެސް އެމަނިކުފާނުގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ޖަލްސާ ބަލަން ތިބި ކޮންމެ މީހަކަށްވެސް އަސަރުކުރުވިއެވެ.
މި ޖަލްސާގެ އިތުރުން މިފަހަރުގެ ނަޞްރުގެ ދުވަހަށް ލިބުނު ސަމާލުކަން ބޮޑުވި އެތައް ސަބަބެއް އެބައޮތެވެ. އެހެނީ ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު މިއަހަރު ނަޞްރުގެ ދުވަހުގެ ހަރަކާތްތައް މުޅިރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރުމެވެ. މި ހަރަކާތްތަކަކީ ސަރުކާރުން އެންމެ މަތީ ފެންވަރުގައި ފާހަގަކުރާ ހަރަކާތްތަކެއްކަން ސާބިތުވެގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދުވަހުގެ ހުރިހާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމުންނެވެ.
މިއަހަރުގެ ނަޞްރުގެ ދުވަސް ފެށިގެން އައީ ބޮޑު ޖަމާޢަތުގައި ކުރެވުނު ފަތިސްނަމާދުންނެވެ. މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުން ޢައުޒަމްގައި ކުރެވުނު ފަތިސްނަމާދުގެ ޖަމާޢަތުގައި ގިނަ އަދަދެއްގެ ސިފައިން، އެބޭކަލުންގެ ރަސްމީ ޔުނިފޯނުގައި ބައިވެރިވިއެވެ. މި ޖަމާޢަތުގެ އެންމެ ކުރީސަފުގައި ހުންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ. އަދި އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނެވިއެވެ.
ނޮވެމްބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓުކުރުމަކީ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ސިފައިން ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް ރައީސުން ބައިވެރިވެވަޑައެއް ނުގަންނަވައެވެ. 3 ނޮވެމްބަރުގެ ހަނދާނީ ބިނާއަކީ އެދުވަހު ޤައުމުގެ ދިފާޢުގައި ވެފައިވާ އަގުނުކުރެވޭ ގުރުބާނީގެ ޒިކުރާ އައުކުރުމަށް ޤާއިމްކޮށްފައިވާ ބިނާއެކެވެ. އެހެން އަހަރުތަކާ މިއަހަރުގެ މި ހަރަކާތުގެ ތަފާތަކީ ޚުދު ރައީސުލްޖުމްހޫރިއްޔާ މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމެވެ.
ނަޞްރުގެ ދުވަސް ފާއިތުވި ގިނަ އަހަރުތަކުގައި ބާއްވަމުން އައިސްފައިވަނީ ސިފައިންގެ ހަރަކާތެއްގެ ގޮތުގައެވެ. އެދުވަހަށް ދޭންޖެހޭ ސަމާލުކަން އެންމެ ރަނގަޅަށް އެންމެ އެކަށީގެންވާގޮތަށް ނުދެވިއެވެ. ނަމަވެސް އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިދުވަސް ދުވަސް ޤައުމީ ފެންވަރުގައި އަދި އެންމެ މަތީ ފެންވަރުގައި ފާހަފަކުރުމަށެވެ. އެއީ ޤައުމަށްޓަކައި ޝަހީދުވި ސިފައިންގެ ޤުރުބާނީގެ އަގު ވަޒަންކުރުމަށްޓަކައެވެ.
"ނަސްރުގެ ދުވަހުގެ ފުރަތަމަ ހަރަކާތްފެށިގެން އައީ ޖަމާޢަތުގައި ކުރެވުނު ފަތިސް ނަމާދުން. އޭގެފަހުން ޝަހީދުންގެ ޒިކުރާ އައުކުރުމަށް ޝަހީދުންގެ ބިނާގައި ދިދަ ޖެހުނު، މިއީ އެހެން އަހަރުތަކުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ބައިވެރިވެވަޑައިގަންނަވާ ހަރަކާތްތަކެއް ނޫން. ނަމަވެސް އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު މި ހަރަކާތްތެރިތަކުގައި ބައިވެރިވެވަޑައިގެން ސާބިތުކޮށްދެއްވަނީ އެމަނިކުފާނަކީ މިޤައުމުގެ ހައްގުގައި ޝަހީދުވެވަޑައިގެންފައިވާ ބޭކަލުންނާއި، ޤައުމުގެ ހައްގުގައި މަތިވެރި ގުރުބާނީ ވެފައިވާ ދިވެހި ސިފައިން، ހަމައެހެންމެ ދިވެހިންގެ ހައްގުގައި އަޒަންކުރައްވާނެ ރައީސުލްޖުމްހޫރިއްޔާއެއްކަން." ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވިއެވެ.
މިކަންކަމުން އެނގި ސާބިތުވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ހިތްޕުޅުގައި ހުއްބުލް ވަޠަންގެ ރޫހު އޮތް މިންވަރެވެ. ދިވެހި ޝަހީދުންގެ އަގުމާތް ޖިހާދަށް އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް މަތިވެރި ޤަދަރާއި އިޙުތިރާމެވެ. އަދި މިހުރިހާކަމަކަށްވުރެ ބޮޑަށް ހާމަވަނީ ޤައުމުގެ ވަލިއްޔުލް އަމްރަކީ ޤައުމީ މުނާސަބަތުތަކަށް އިސްކަންދެއްވަންޖެހިވަޑައިގަންނަވާ ބޭފުޅެއްކަމެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒު މިސާލު ދެއްކެވީ ރައީސެއްގެ ކިބައިގައި ހުންނަވީ ޤައުމީ ލޯބީގެ މިސާލެވެ.