ތިމާވެށި

މާލޭގައި ކުނި އުކާލުމަށް ބޭނުންކުރާނެ ވެހިކަލް ހޯދަނީ


ކުނީގެ މައްސަލައަކީ މާލޭ ސަރަޙައްދުގެ އިތުރުން މުޅި ރާއްޖެއަށްވެސް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. 

މާލޭ ސަރަޙައްދުގައި ދިރިއުޅޭ އާބާދީ ބޮޑުވެފައި، ރައްކާތެރިގޮތުގައި ކުނި ނައްތާލެވޭނެ ހަރުދަނާ ޒަމާނީ ނިޒާމެއް ޤާއިމުވެފައި ނެތުމުން، މާލޭ ސަރަޙައްދުގައި މި މައްސަލަ އިތުރުވެފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން މާލޭގެ މަގުތަކަށް ބަލާލުމުންވެސް ފެނިގެންދަނީ އެކި ސަރަޙައްދުތަކަށް ދަޅާއި ފުޅިފަދަ ތަކެތި އުކާފައި ހުންނަ މަންޒަރެވެ. ވަކިން ޚާއްޞަގޮތެއްގައި ރަމަޟާންމަހު ގޭގެއިން އުކާލާ ކުނީގެ ނިސްބަތް އިތުރުކަންވެސް ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން މާލޭގައި ދުވާލެއްގެ މައްޗަށް އެވެރެޖްކޮށް 70 ޕިކަޕުގެ ކުނި އުކާލެވޭއިރު، ރަމަޟާންމަހު މި ނިސްބަތް 33 އިންސައްތައަށް އިތުރުވެފައިވާ ކަމަށް "ވޭސްޓްމެނޭޖްމަންޓް ކޯރޕަރޭޝަން ލިމިޓެޑް" ވެމްކޯއިން ހާމަކުރެއެވެ.

img:http://s3.psmnews.mv/images/660x400/14629011256774.jpg|މާލޭގެ މަގެއްގެ މަތީގައި ކުނި ބަހައްޓާފައި - ފައިލް ފޮޓޯ: ޕީއެސްއެމް

މާލޭ ސަރަޙައްދުގެ ކުނި ރައްކާތެރިގޮތުގައި މެނޭޖްކޮށް، ނައްތާލުމުގެ މަސައްކަތް ސަރުކާރުން ޙަވާލުކުރައްވާފައިވަނީ ވެމްކޯއާއެވެ. އެކުންފުނިން އަންނަނީ ފަހުގެ ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ކުނި ނައްތާލުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މާލޭ ސިޓީން އުކާލެވޭ ކުނި މެނޭޖްކޮށް، އެތަކެތި ރައްކާތެރިގޮތުގައި ނައްތާލުމަށްޓަކައި ވެމްކޯއިން އެކުލަވާލާފައިވާ ނިޒާމްގެ ދަށުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލޭގެ ގޭގެއިން އުކާލެވޭ ކުންޏާއި، އެހެނިހެން ގޮތްގޮތުންވެސް އުފެދޭ ކުނީގެ ތެރެއިން، ކުނިވާ ޒާތުގެ ކުންޏާއި، ކުނިނުވާ ޒާތުގެ ކުނި ވަކިކޮށް، މާލޭގެ ދެ ސަރަޙައްދަކަށް ޖަމާކުރެވި، އެތަކެތި ރައްކާތެރިގޮތުގައި ތިލަފުއްޓަށް ގެންދިޔުމުގެ މަސައްކަތް އެކުންފުނީގެ ފަރާތުން މިހާރުވެސް ކުރަމުންދެއެވެ.

ރާއްޖެއަކީ ބިމުގެގޮތުން ކުޑަ ޤައުމަކަށްވެފައި، ވަކިން ޚާއްޞަގޮތެއްގައި މާލެއަށް ދިމާވެފައިވާ ޖާގައިގެ މައްސަލައާއެކު، ދުނިޔޭގެ ކޮންމެ ކޮންމެ ޤައުމެއްގައި ކުނި ނައްތާލުމަށް ބޭނުންކުރާ ފަދަ ނިޒާމެއް މާލޭގައި ޤާއިމުކުރުމަކީ ޚަރަދުގެ ގޮތުން ބެލިކަމުގައިވިޔަސް އެހާ ފަސޭހަ ކަމެއް ނޫންކަމަށް ވެމްކޯއިން ބުނެއެވެ. އެހެންކަމުން ފާއިތުވި ފަސް ވަރަށް މަހުގެ ތެރޭގައި އެކުންފުނީގެ ފަރާތުން ކުރި ދިރާސާއެއްގެ އަލީގައި، މާލެއަށް ޚާއްޞަކޮށްގެން ކުނި މެނޭޖްކުރެވޭނެ ޕްލޭނެއް ވަނީ އެކުލަވާލާފައެވެ. މި ޕްލޭންގެ ދަށުން މާލޭ ދިހަ ސަރަޙައްދަކަށް ބަހާލުމަށްފަހު، ކުނި ޖަމާކުރާނެ ވަކި ޕޮއިންޓްތަކެއް ކަނޑައެޅިގެންދާނެ ކަމަށާއި، ކުނި އުކާލުމަށްޓަކައި ޚާއްޞަ ވެހިކަލްތަކެއް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެެވެ. އަދި މިހާރު އެ ވެހިކަލްތައް ހޯދުމަށް އިޢުލާންކުރެވި، އެމަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރަމުންދާކަމަށް ވެމްކޯގެ ޑިރެކްޓަރ އޮފް ލޮޖިސްޓިކްސް އެންޑް މެއިންޓެނެންސް ޢަލީ މޫސާ ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14659805463614.jpg|މާލޭގެ މަގެއްގެ މަތީގައި ކުނި ބަހައްޓާފައި - ފައިލް ފޮޓޯ: ޕީއެސްއެމް

މީގެ އިތުރުން މާލޭ ސަރަޙައްދުގައި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމުގެ ގޮތުން ކުރުމަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި މާލޭގެ ކުނިއުފުލުގެ މައްސަލަ ޙައްލުކުރުމަށް ތިމާވެއްޓާ ރައްޓެހި ގޮތްތަކެއް ތަޢާރަފްކުރުން ހިމެނެއެވެ. އަދި ތިލަފުށީގައި މިކަމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކުރެވި، ކުނި ނައްތާލުމުގެ މަސައްކަތް އެންމެ އެދެވޭ ގޮތުގައި ކުރިއަށް ގެންދިއުމަށްވެސް ވަނީ ރާވާފައެވެ. ހަމައެހެންމެ މާލޭ ހުޅަނގު ދެކުނު ފަރާތުގައި ތަރައްޤީކުރައްވާ އިންޑަސްޓްރިއަލް ވިލެޖްގައި ވޭސްޓް ކަލެކްޝަން ސަރވިސް ސެންޓަރެއް ޤާއިމުކުރުންވެސް މި ޕްލޭންގައި ހިމެނެއެވެ.