ސިޔާސީ ޕާޓީގެ ޤާނޫނަށް ގެނެވޭ އިސްލާޙުތަކާއެކު ޕާޓީތަކުގެ ހަރަކާތްތައް ޒިންމާދާކުރުކަންމަތީ ކުރިއަށްގެންދާކަން ކަށަވަރުކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ. މެންބަރުން މިހެން ވިދާޅުވީ ސިޔާސީ ޕާޓީގެ ޤާނޫނަށް އިސްލާޙު ގެންނަން ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ހުށައެޅުއްވި އިޞްލާހަށް ވާހަކަފުޅު ދައްކަވަމުންނެވެ.
ސިޔާސީ ޕާޓީގެ ޤާނޫނަށް ހުށައަޅާފައިވާ އިޞްލާހަށް ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުގެ ސީނިއަރ ޑެޕިޔުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވީ މީގެ ކުރިން ސިޔާސީ ޕާޓީގެ ޤާނޫނުގައި އޮންނަނީ އަހަރަކަށް ކަނޑައަޅާ ދައުލަތުގެ ބަޖެޓުން 0.1 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޭ ގޮތަށް ކަމަށެވެ. އެހެންނަމަވެސް އައު އިސްލާޙާއެކު ދައުލަތަށް ލިބޭ އާމްދަނީގެ 0.1 އިންސައްތަ ޕާޓީތަކަށް ދެވޭނެ ކަމަށާއި، މިއީ ދައުލަތަށްވެސް އެންމެ ރަނގަޅުގޮތްކަމަށެވެ.
"މީގެ ކުރިން ޕާޓީތަކަށް ފައިސާ މި ދެވެނީ ދަރަންޏާ އެއްކޮށް. ދައުލަތުން ޕާޓީތަކަށް ފައިސާ ދެނީ ސިޔާސީ ހަރަކާތް ރަނގަޅަށް ހިންގަން. ރަށްރަށުގައި ޖަގަހަ ތައް ހިނގަނީ ރަނގަޅަކަށްނޫން." ޝުޖާޢު ވިދާޅުވިއެވެ.
ޝުޖާޢު ވިދާޅުވީ އައު އިސްލާޙާއެކު ޕާޓީތަކަށް ފައިސާ ދެވޭނީ ދައުލަތަށް ލިބޭ އާމްދަނީންކަމަށާއި ދެވޭ ފައިސާގައި ޑެފިސިޓު ނުހިމެނޭނެ ކަމަށެވެ.
ޝުޖާޢު ވިދާޅުވީ އައު އިސްލާޙާއެކު ޕާޓީގެ ހަރަކާތްތައް ޒިންމާދާރުކަމާއެކީ ކުރިއަށްގެންދެވޭކަން ކަށަވަރު ކުރެވޭނެ ކަމަށެވެ. އަދި ފައިސާ ޚަރަދުކުރެވެނީވެސް ޒިންމާދާރު ކަންކަމަށްކަން ކަށަވަރުކުރެވޭނެކަމަށް މެންބަރު ވިދާޅުވިއެވެ. އަދި މި އިސްލާޙާއެކު ރާއްޖޭގެ މަލްޓި ޕާޓީ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެނެސްދޭނެ ކަމަށާއި ސިޔާސީ ޕާޓީތައް އަމިއްލަ ފައި މައްޗަށް ތެދުވުމަށް މަގު ފަހިވާނެ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
މި އިޞްލާހަށް ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙު ވިދާޅުވީ މީގެ ކުރިން ސިޔާސީ ޕާޓީތަކުގެ ވެރިން ޕާޓީއަށް ލިބޭ ފައިސާ ނަހަމަގޮތުގައި ބޭނުން ހިފައިފާވާ ކަމަށެވެ. ނަމަވެސް އައު އިސްލާޙާއެކު މިކަން ތަކުރާރުނުވެ، ސިޔާސީ ޕާޓީތަކުން ފައިސާ ޚަރަދުކުރާ ގޮތް ޒިންމާދާރުވެ، ސިޔާސީ ހަރަކާތްތައް ހިންގުމަށް ޚަރަދު ކުރެވޭކަން ކަށަވަރުކުރެވޭނެކަމަށް މެންބަރު ވިދާޅުވިއެވެ.
"ރައްޔިތުންގެ ފައިސާ މި ދެވެނީ ސިޔާސީ ޕާޓީތަކަށް. ޕާޓީތަކުން ނުޖެހޭ ޓެކްސް ދައްކާކަށް. އެމްޑީޕީއަށް ލިބުނު މިދިޔަ ދައުރުގައި 24 މިލިޔަން ރުފިޔާ. އެބޭފުޅުން އޭގެން އެއްވެސް ފައިސާއެއް ރަށްރަށުގައި ޖަގަހައެއް ހިންގާލަން ޚަރަދުކުރިކަމާމެދު ސުވާލު އުފެދޭ. އެކަމަކު އަޅުގަނޑުމެން މިދަނީ އިންތިޚާބުތަކަށާއި ޕާޓީ އޮފީހުގެ ކުއްޔަށް ޕާޓީގެ ފައިސާއިން ޚަރަދު ކުރަމުން. އަދި އަތޮޅުތަކުގައި ހުރި ޕާޓީގެ ޖަގަހަތަކަށްވެސް އެހީވުމަށް މިދަނީ ތައްޔާރުވަމުން." ފަލާޙު ވިދާޅުވިއެވެ.
ސިޔާސީ ޕާޓީގެ ޤާނޫނަށް ހުށައަޅާފައިވާ އިޞްލާހަށް ވާހަކަ ދައްކަވަމުން ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙުވެސް ވަނީ ސިޔާސީ ޕާޓީތައް ޒިންމާދާރުކުރުވުން ހަރުދަނާ ކަމާއެކީ ކުރިއަށްގެންދިއުމަށް އައު އިސްލާޙު އެހީވެދޭނެކަން ފާހަގަކުރައްވާފައެވެ.
ސިޔާސީ ޕާޓީގެ ޤާނޫނަށް ގެންނަ އައު އިސްލާޙުގައި ޤާނޫނާ ޚިލާފަށް ޕާޓީގެ ހަރަކާތެއް ޕާޓީގެ މެންބަރެއް ހިންގައިފިނަމަ، ސިޔާސީ ޕާޓީއާއި މެންބަރު ޖޫރިމަނާ ކުރެވޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.
މަމްދޫޙު ވިދާޅުވީ ސިޔާސީ ހަރަކާތެއްގެ ނަމުގައި ޕާޓީއަކުން ނުވަތަ ޕާޓީގެ މެންބަރެއް ޤާނޫނާއި ގަވާއިދާ ޚިލާފަށް ކަމެއް ކޮށްފިނަމަ، ޕާޓީއާއި މެންބަރު ޖަވާބުދާރީ ކުރެވޭނެ ކަމަށެވެ.
"2012 ވަނަ އަހަރު ވެރިކަން ނިމި، ރައްޔިތުންގެ މުދަލަށް ސިޔާސީ ހަރަކާތްތަކެއްގެ ނަމުގައި ބޮޑެތި ގެއްލުންތަކެއް ދިން މަންޒަރު ފެނުނު. 240 މިލިޔަނެއްހާ ރުފިޔާގެ ގެއްލުން ލިބުނު. އެކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކެއް ތިބެންޖެހޭނެކަމަށް ޤަބޫލުކުރަން. އެކަން މިއަދު ހުށައެޅޭ އިސްލާޙާއެކީގައި އެކަންކަން ކަށަވަރުކުރެވޭނެ. އެމީހުން ޖަވާބުދާރީ ކުރެވޭނެ ގޮތްތަކެއް އޮންނަންޖެހޭ." މަމްދޫޙު ވިދާޅުވިއެވެ.
ބިލަށް ބަހުސްކުރައްވަމުން ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލްވެސް، ވަނީ މި އިޞްލާޙާއެކު އިސްލާމީ އުޞޫލުތަކާއި ޤާނޫނީ ހަމަތަކުގެ މަތިން ޕާޓީތަކުން ހަރަކާތްތައް ހިންގާކަން ކަށަވަރުކުރެވޭނެކަމަށް ވިދާޅުވިއެވެ. އަދި ޕާޓީއަށް ލިބޭ ފައިސާއިން ޕާޓީތަކުގެ ވެރިންގެ އަމިއްލަ ލާބައަށް ޚަރަދުކުރުން ހުއްޓުވުމަކަށް ގެނެވޭނެކަމަށް މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.
"މީގެ ކުރިން ފެނިފައިވަނީ ޕާޓީތަކުގެ ވެރިން އެބޭފުޅުންގެ އަމިއްލަ ލާބައަށް ކަންކަން ކޮށްފައި، ޕާޓީގެ ފައިސާ ޚަރަދުކޮށްފައި ހުރި މަންޒަރު. މިސަރުކާރުން ބޭނުންވަނީ ޕާޓީގެ ކަންކަން ހަރުދަނާކޮށް، ޕާޓީގެ ފައިސާއިން ޕާޓީގެ ކުރިމަގަށް ޚަރަދުކުރެވޭނެ ގޮތް ހަދަން." މުޙައްމަދު އިސްމާޢިލް ވިދާޅުވިއެވެ.
ސިޔާސީ ޕާޓީގެ ޤާނޫނަށް ގެންނަ އިސްލާޙުތަކަށް ގިނަ މެންބަރުން ތާޢީދުކުރައްވާފާވާއިރު ސަރުކާރާ އިދިކޮޅު ބައެއް މެންބަރުން ވަނީ އިސްލާޙާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.