އަންނަ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހު ލިބޭ ގޮތަށް ބަދަލުކޮށް އަންނަ އަހަރުގެ ދިރާސީ އަހަރުގެ އެކަޑަމިކް ކަލަންޑަރ ނެރެފިއެވެ.
ބޮޑު ޗުއްޓީ ޖޫން ޖުލައިއަށް ފަށަން ނިންމީ 2021 ވަނަ އަހަރުގައެވެ. ނަމަވެސް އެ ދުވަސްވަރު ދިމާވަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސްވަރާ ކަމަށާއި އޭގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ދަތިވެ، ބެލެނިވެރިންނާއި ދަރިވަރުންނަށް ޗުއްޓީ ހޭދަކުރަން ދަތިވާ ކަމަށް އޭރު ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.
މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުން ގިނަ ބަޔަކު އެދުނު އެއް ކަމަކީވެސް ދިރާސީ އައު އަހަރު ފަށާ ދުވަސްވަރު ކުރިން އޮތް ގޮތަށް ބަދަލުކޮށް ދިނުމަށެވެ. އަދި ރައީސް ވަނީ ބޮޑު ޗުއްޓީ އަލުން ޑިސެމްބަރު މަހަށް ބަދަލުކޮށް ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީމަހަށް ފެށުމަށް ބަދަލުކުރުމަށް ނިންމަވާފައެވެ.
ވަގުތީ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ. ނަމަވެސް ޓީޗަރުން އޭޕްރީލް 3 ވަނަ ދުވަހު ސްކޫލަށް ނިކުންނަން ޖެހޭނެ ކަމަށް އެ ކަލަންޑަރުގައިވެއެވެ.
ކަލަންޑަރުގައިވާގޮތުން ފުރަތަމަ ޓާމުގެ ޗުއްޓީ ލިބެނީ ޖުލައި 28 އިން އޮގަސްޓު 7 ވަނަ ދުވަހާ ހަމައަށެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އޮގަސްޓް 10 ވަނަ ދުވަހުއެވެ. ނަމަވެސް ދެވަނަ ޓާމުގެ މެދު ތެރެއިން ސެޕްޓެމްބަރު 21 އިން 25 ޗުއްޓީއެއް ލިބޭނެއެވެ.
މީގެ އިތުރުން ދެވަނަ ޓާމުގެ ކިޔެވުން ނިމޭނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އަދި ރިޕޯޓް ކާޑު ދޫކޮށް، ރަސްމީކޮށް ޗުއްޓީ ފެށޭނީ ޑިސެމްބަރު 28 ވަނަ ދުވަހުކަމަށް ކަލަންޑަރުގައިވެއެވެ. އަދި ޖެނުއަރީ 22އާ ހަމައަށް ޗުއްޓީ ދިނުމަށްފަހު 2026 ވަނަ އަހަރުގެ ކިޔެވުން ފަށަން ނިންމާފައިވަނީ ޖެނުއަރީ 27 ވަނަ ދުވަހުއެވެ.
ރާއްޖޭގައި ކުރިން ދިރާސީ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަހު ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ކިޔެވުމަށް އައި ބަދަލުތަކާ ގުޅިގެން ކިޔެވުން ހަ މަސް ދުވަހަށް ދަންމާލައި، ދިރާސީ އަހަރު އޮގަސްޓް މަހު ފަށާ ގޮތަށް 2021 ވަނަ އަހަރު ބަދަލުކުރިއެވެ. އޭގެފަހުން ވޭތުވެދިޔަ ތިން އަހަރު ވެސް ދިރާސީ އަހަރު ފެށީ އޮގަސްޓް މަހު އެވެ. އޭރު އެގޮތަށް ނިންމާފައިވަނީ ޚިޔާލު ހޯދި މީހުންގެ ތެރެއިން %70 މީޙުންގެ ޚިޔާލާ ދެކޮޅަށެވެ.