މި ފަހަރުގެ ބަޖެޓް ފާސްވާއިރުގައިވެސް ޤާނޫނުގައި އޮތް ގޮތަށް ބްލޮކް ގްރާންޓުގެ ގޮތުގައި ފަސް އިންސައްތަ ކައުންސިލްތަކަށް ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ޕެޓް ކެއަރ ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ސަރުކާރުން ކައުންސިލްތައް ބާރުވެރިކުރުވައި ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް މަގުފަހިކޮށްދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން ކައުންސިލްތަކަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ކައުންސިލްތަކަށް ފަޅުރަށްތައް ލިބޭނެ މަގުފަހިކޮށްދެއްވުމާއި، ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓެކްސްގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ޖަމާކޮށްދިނުމަށް ނިންމާމަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ބްލޮކް ގްރާންޓުގެ %5 ގެ އިތުރަށް ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓެކްސްގެ ވަކި އިންސައްތައެއް ކައުންސިލުތަކަށް ލިބޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހުގެނައުމަށް ފޮނުއްވާނެކަމުގައި ވިދާޅުވެފައެވެ.
މީގެ އިތުރަށްވެސް ޤާނޫނުގައި ލިޔެވިފައިހުރި، މިއަދާ ހަމައަށް ނުކޮށްހުރި ކަންތައްތަކެއް ކުރިއަށް އޮތް ހަފުތާއެއް ނުވަތަ ދެހަފުތާއެއްގެ ތެރޭގައި ކައުންސިލްތަކަށް ހަވާލުކުރުމަށްޓަކައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާތައް ހިނގަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
"ބްލޮކް ގްރާންޓުގެ %5 އެއީ ޤާނޫނުގައި އޮތްގޮތް، އެ ޤާނޫނުގައި އޮތްގޮތަށް ހުރިހާ ކައުންސިލަކަށް މިފަހަރުގެ ބަޖެޓް ފާސްވާއިރުގައިވެސް ބްލޮކް ގްރާންޓް %5 ލިބޭނެ. އޭގެ އިތުރަށް ލޯކަލް ޓޫރިޒަމްގެ ތެރެއިން ވަކި އިންސައްތައެއް ޙަވާލުކުރަން އަޅުގަނޑުމެން ޤާނޫނު އިސްލާޙުކުރަން ފޮނުވާނަން." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލްތައް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ބާރުވެރިކުރުވައިގެން ކައުންސިލްތައް މެދުވެރިކޮށް ކަންތައްތައް ކުރުމުގައި މި ސަރުކާރުން ގެންދަނީ ޢަމަލާ ބަހާ ދިމާކުރަމުންކަމަށެވެ. އަދި މިއަދު ހުޅުވިގެންދާ "އޮޅު ހިޔާ" އަކީ އެކަމުގެ ނަތީޖާއެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.