މި މަހުގެ ސަރުކާރު ބަންދު ދުވަސްތައް ކަމުގައިވާ 3 ވަނަ ދުވަހާއި 10 ވަނަ ދުވަހުވެސް ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހުގެ މުނާސަތުގައި މާދަމާއަކީ ސަރުކާރު ބަންދުދުވަހެކެވެ. އަދި ޖުމްހުރީ ދުވަހުގެ މުނާސަބަތުގައި އަންނަ ނޮވެމްބަރު މަހުގެ 10ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހަމަޖައްސަވައިފިއެވެ.
މި ދެ ދުވަހަކީ ބަންދު ދުވަސްތަކެއް ނަމަވެސް މޯލްޑިވްސް އިމިގްރޭޝަންގެ މާލެ އޮފީހުން ޕާސްޕޯޓުގެ ޚިދުމަތް ދެމުންގެންދާނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
ސަރުކާރު ބަންދު ދުވަސްތައް ކަމުގައިވާ 2024 ނޮވެންބަރު 3 އަދި 10 ވަނަ ދުވަހު ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް. pic.twitter.com/ciV3KtoRPQ
— Maldives Immigration (@ImmigrationMV) October 31, 2024
އިމިގްރޭޝަނުން ވިދާޅުވީ، ޕާސްޕޯޓު ހެދުމަށްޓަކައި އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ހުށައެޅުމުގެ ފުރުޞަތު އޮންނާނެކަމަށެވެ. އަދި ޕާސްޕޯޓު ދޫކުރުމަށްޓަކައި ނަންބަރު ދޫކުރުން ހެނދުނު 08:30 އިން މެންދުރު 14:00 އަށް ކުރިއަށްދާނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
ޢާއްމުގޮތެއްގައި ބަންދު ދުވަސްތަކާއި ދިމާކޮށްވެސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނަށް މެދު ކެނޑުމެއްނެތި ފޯރުކޮށްދެއެވެ.
ބަންދު ދުވަސްތަކުގެ ކުރިއަށް ދުރާލާ ޕާސްޕޯޓުގެ މުއްދަތު ބެލުމަށްފަހު ޕާސްޕޯޓު ހެއްދުމަށް ހުށައެޅުމަށް އިމިގްރޭޝަނުން އިލްތިމާސްކުރެއެވެ. އެހެންނަމަވެސް އިމަރޖެންސީ ޙާލަތްތަކުގައިވެސް ޕާސްޕޯޓުގެ ޚިދުމަތް އެއިދާރާއިން އަބްދުވެސް ފޯރުކޮށްދެއެވެ.