ރަޝިޔާއާއި އުތުރު ކޮރެޔާއާ ދެމެދު އޮތް ގުޅުންތައް އިތުރަށް ހަރުދަނާ ކުރަން ތައްޔާރަށް އޮތް ކަން ދެ ޤައުމުން ހާމަކޮށްފިއެވެ. މި ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އުތުރު ކޮރެޔާގެ ޚާރިޖީ ވަޒީރު ޗުއެ ސޮން ހުޔީ ވަނީ ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ގޮސްފައެވެ. އޭނާއަށް މަރުޙަބާ ވިދާޅުވީ, ރަޝިޔާގެ ޚާރިޖީ ވަޒީރު ސިރްގިޔޭ ލެވްރޮފެވެ. ރަޝިޔާއާއި އުތުރު ކޮރެޔާއާ ދެމެދު ގުޅުން ބަދަހި ކުރުމަކީ, ޚާއްޞަ ގޮތެއްގައި އަސްކަރީ ދާއިރާއިން ގުޅުންތައް ހަރުދަނާ ކުރުމަކީ, އެމެރިކާއާއި ހުޅަނގުގެ ބާރުތަކަށް ހަޖަމުވާ ކަމެއް ނޫނެވެ.
އުތުރު ކޮރެޔާއާއި ރަޝިޔާއާ ދެމެދު އަސްކަރީ ދާއިރާއިން ގުޅުންތައް ބަދަހިކޮށް ހަރުދަނާ ކުރުމަށް ޖޫން މަހު އެއްބަސްވުމެއްގައި ސޮއިކުރިއެވެ. ދެ ޤައުމުން އެ ކަމަށް އެއްބަސްވެފައި ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާއި އުތުރު ކޮރެޔާގެ ޒައީމް ކިމް ޖޮންގ އުންއާ ދެމެދު ބޭއްވި ބައްދަލުވުމެއްގައެވެ. ޗުއެއާއި ލެވްރޮފާ ދެމެދު ބޭއްވި ބައްދަލުވުމުގައި ޕުޓިންއާއި ކިމް ސޮއި ކުރައްވާފައިވާ އެއްބަސްވުންތައް ތަންފީޒުކޮށް, ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ދެ ޤައުމުން ތައްޔާރަށް އޮތް ކަން ހާމަކުރިއެވެ.
ރަޝިޔާއާއި އުތުރު ކޮރެޔާއާ ދެމެދު ސޮއިކޮށްފައިވާ ދިފާޢީ އެއްބަސްވުމުގެ ހަތަރުވަނަ މާއްދާގައި ބުނެފައި ވަނީ, ރަޝިޔާ ނުވަތަ އުތުރު ކޮރެޔާއާ ދެކޮޅަށް އެއްވެސް ޤައުމަކުން, ނުވަތަ ޤައުމުތަކަކުން, ޙަމަލާދީފި ނަމަ, ނުވަތަ ހަނގުރާމަ ފަށައިފިނަމަ, އުތުރު ކޮރެޔާއާއި ރަޝިޔާއިން އެއް ޤައުމުން އަނެއް ޤައުމަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭން އެއްބަސްވާ ކަމުގައެވެ.
އެ އެއްބަސްވުމުގެ ދަށުން އުތުރު ކޮރެޔާގެ ސިފައިން ރަޝިޔާއަށް ފޮނުވާފައިވާ ކަމުގައި އެމެރިކާއާއި ދެކުނު ކޮރެޔާގެ އިތުރުން ޔޫކްރެއިނުން ދަނީ ތުހުމަތު ކުރަމުންނެވެ. މި މޭރުމުން ތުހުމަތު ކުރާ ފަރާތްތަކުގެ ތެރޭގައި ހުޅަނގުގެ ޤައުމުތަކުގެ ދިފާޢީ އިއްތިޙާދު, ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން (ނޭޓޯ) ވެސް ހިމެނެއެވެ. އަދި, ޔޫކްރެެއިނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގައި އުތުރު ކޮރެޔާގެ އަސްކަރީ އެހީތެރިކަމާއި, އުތުރު ކޮރެޔާގެ ސިފައިންގެ ބައިވެރިވުން ހޯދުމަށް ރަޝިޔާއިން މަސައްކަތް ކުރަމުންދާ ކަމުގައި ހުޅަނގުން ތުހުމަތު ކުރެއެވެ.
ޔޫކްރެއިންގައި ހަނގުރާމަ ކުރަމުންދާ ރަޝިޔާގެ ސިފައިންނާ އެއް ސަފެއްގައި ބައިވެރިވުމަށް އުތުރު ކޮރެޔާއިން 3,000އެއްހާ ސިފައިން ފޮނުވާފައިވާ ކަމުގައި އެމެރިކާއިން ތުހުމަތު ކުރެއެވެ. ނަމަވެސް, ފަހުން ބުނެފައި ވަނީ އުތުރު ކޮރެޔާގެ 10,000އެއްހާ ސިފައިން ރަޝިޔާގައި ތިބި ކަމުގައެވެ. ރަޝިޔާގެ ހުޅަނގުގައި އޮތް ކޫރްސްކް ސަރަޙައްދަށް އަރައިގަނެފައިވާ ޔޫކްރެއިންގެ ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ރަޝިޔާގެ ފައުޖުތަކަށް އެހީތެރިވުމަށް އުތުރު ކޮރެޔާގެ ސިފައިން މަސައްކަތް ކުރަމުންދާ ކަމުގައި ނޭޓޯއިން ވެސް ތުހުމަތު ކުރެއެވެ. ޔޫކްރެއިންގެ މަދަދުގާރުން ކަމުގައިވާ އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ޤަބޫލު ކުރާ ގޮތުގައި, މިއީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ މަސްރަޙު އިތުރަށް ހޫނުވެގެންދާނެ އަމަލެކެވެ.
އުތުރު ކޮރެޔާގެ ޚާރިޖީ ވަޒީރު މޮސްކޯއަށް ގޮސްފައި މި ވަނީ, އުތުރު ކޮރެޔާގެ އަސްކަރިއްޔާއިން އައު މިސައިލެއްގެ އަޖުމަ ބަލާފައިވާ ދަނޑިވަޅެއްގައެވެ. އެ ޤައުމުގެ ދައުލަތުގެ މީޑިޔާ, ކޭސީއެންއޭން ބުނީ އެންމެ ފަހުން އަޖުމަ ބަލާފައި ވަނީ ހްވާސޮންގ-19 މަރުކާގެ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް (އައިސީބީއެމެ)އް ކަމުގައެވެ. އެއީ, ދުރުގައި އޮތް ބައްރަކަށް ނުވަތަ ޤައުމަކަށް ޙަމަލާ ދިނުމަށް ބޭނުން ކުރެވޭނެ ދުރު-ރާސްތާ މިސައިލެކެވެ.
އުތުރު ކޮރެޔާއިން މިހާތަނަށް އަޖުމަ ބަލާފައިވާ އެހެން އައިސީބީއެމްތަކާ ޚިލާފަށް, މި ފަހަރު ޓެސްޓު ކޮށްފައިވާ މިސައިލް ވަރަށް އުހަށް ދަތުރު ކޮށްފައިވާ ކަމުގައި ކޭސީއެންއޭން ރިޕޯޓު ކުރިއެވެ. އަދި, ދުނިޔޭގެ ވައިގެ ފަށަލައިން ޖައްވަށް ބޭރުވުމަށް ފަހު, ޖަޕާނާއި ރަޝިޔާ ގުޅޭ ކަނޑުގެ ސަރަޙައްދަށް މިސައިލް ވެއްޓުނު ކަމުގައި ވެސް ކޭސީއެންއޭން ބުންޏެވެ. ދެކުނު ކޮރެޔާއާއި ޖަޕާނުން ވަނީ އުތުރު ކޮރެޔާގެ އައިސީބީއެމް ޓެސްޓާ ގުޅޭ ކަންކަން ވަރަށް ގާތުން ބަލާފައެވެ. ކޭސީއެންއޭން ސިފަކުރި ގޮތުގައި އެއީ "ދުނިޔޭގެ އެންމެ ބާރުގަދަ މިސައިލެ"ވެ.
އުތުރު ކޮރެޔާގެ އައިސީބީއެމްތައް ވަކި ރާސްތާއަކަށް ދަތުރު ކުރުވުމުގެ ޤާބިލުކަމާއި, ވަކި އަމާޒަކަށް ނުވަތަ ރަށަކަށް ޙަމަލާ ދިނުމަށް ބޭނުން ކުރުމުގެ ޤާބިލުކަން ހޯދާފައިވާ ކަމާ މެދު މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސުވާލު އުފައްދައެވެ. ނަމަވެސް, ކޭސީއެންއޭން ބުނީ, އެންމެ ފަހުން އަޖުމަ ބަލާފައިވާ އައިސީބީއެމަކީ އެމެރިކާގެ ކޮންމެ ހިސާބަކަށް ޙަމަލާ ދިނުމަށް ބޭނުން ކުރެވިދާނެ ހަތިޔާރެއް ކަމުގައެވެ.
އުތުރު ކޮރެޔާއިން އައިސީބީއެމެއްގެ އަޖުމަ ބަލާފައި މި ވަނީ, ނޮވެންބަރު 5ވަނަ ދުވަހު އެމެރިކާގެ ރިޔާސީ އިންތިޚާބު ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ އިތުރުން ދެކުނު ކޮރެޔާއާއި, ޖަޕާނާއި ވިލާތުގެ ޤައުމުތައް އަދި އދން ވެސް ވަނީ އުތުރު ކޮރެޔާގެ މި އަމަލު ކުށްވެރިކޮށްފައެވެ.