ބޮންޑެޑް ވެއަރހައުސްތަކުގައި ދުންފަތުގެ ބާވަތްތައް ރައްކާކޮށްފައި ނުބެހެއްޓޭގޮތަށް ކަސްޓަމްސްގެ އާންމު ޤަވާއިދު އިސްލާހުކޮށްފިއެވެ.
ކަސްޓަމްސްގެ އާންމު ޤަވާއިދު އިސްލާހުކޮށްފައި މިވަނީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް ގެނައި އިސްލާހަށް މި މަހުން ފެށިގެން އަމަލުކުރަން ފަށާފައިވަނިކޮށެވެ. އެ އިސްލާހުގައި ރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ވަނީ ބޮޑުކޮށްފައެވެ.
ރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތައް މީގެ ކުރިން ބޮންޑެޑް ވެއަރހައުސްތަކުގައި ބެހެއްޓެއެވެ. ނަމަވެސް ކަސްޓަމްސްގެ އާންމު ޤަވާއިދަށް ގެނެސްފައިވާ 15ވަނަ އިސްލާހުގައިވާގޮތުން ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި ދުންފަތް އެކުލެވޭ ތަކެއްޗާއި ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތައް ބެހެއްޓުމަށް ބޮންޑެޑް ވެއަރހައުސް ރަޖިސްޓްރީ ނުކުރެވޭނެއެވެ.
މީގެ އިތުރުން އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތަކާއި ނިކޮޓިން ނުވަތަ ނިކޮޓީންފަދަ އެހެނިހެން ކެމިކަލް އެކުލެވޭ އެރޯސަލް ބޭރުކޮށްދޭ ޓޮބޭކޯ ސްޓިކް ފަދަ އުފެއްދުންތައް ބެހެއްޓުމަށްވެސް ބޮންޑެޑް ވެއަރހައުސް ރަޖިސްޓްރީ ނުކުރެވޭނެއެވެ.
ޤަވާއިދަށް ގެނައި މި އިސްލާހާއެކު އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތީގެ ތެރެއިން ދުންފަތް، ނިކޮޓިން އެކުލެވޭ ބާވަތްތަކާއި، އެތަކެތި ބުއިމަށް ބޭނުންކުރާ އާލާތްތަކުން މި މަހުން ފެށިގެން ޑިއުޓީ އިނާޔަތް ދިނުމުން ކަސްޓަމްސްއިން ވަނީ ހުއްޓާލާފައެވެ.
ކަސްޓަމްސްގެ އާންމު ޤަވާއިދަށް ގެނައި އިސްލާހުގެ ދަށުން ބަނގުރަލާއި އޫރުމަސް އެކުލެވޭ ތަކެއްޗާއި ދުންފަތުގެ ބާވަތްތައް ޝިޕް ސްޓޯރސްގެ ގޮތުގައި އެތެރެކުރުމުގެ ހުއްދަ ނުދޭނެއެވެ. ކުރިން މި އުފެއްދުންތައް ޝިޕް ސްޓޯރސްގެ ގޮތުގައި އެތެރެކުރުމުގެ ހުއްދަ ކަސްޓަމްސްގެ ކޮންޓްރޯލްގަ އޮންނަ އުޅަނދަކަށް ކަސްޓަމްސްއިން ހުއްދަކުރާ މިންވަރަކަށް ހުއްދަ ދޫކުރެވެއެވެ.
މީގެ އިތުރުން ރާއްޖެއަށް އަންނަ ކަނޑު އުޅަނދުފަހަރުގައި ހަރުކޮށްފައި ހުންނަ އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް، އޭއައިއެސް އަބަދުވެސް "އޮން" ކޮށްފައި ބަހައްޓަންޖެހޭނެ ކަމަށްވެސް ޤަވާއިދަށް ގެނައި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
މި އިސްލާހުގައި ކަސްޓަމްސްއަށް ޖޫރިމަނާ ކުރެވޭނެ އިތުރު ތިން ގޮތެއްވެސް ހިމަނާފައިއެވެ. އެގޮތުން، އިންވަރޑް ކާގޯ މެނިފްސްޓް ނުވަތަ އައުޓްވަރޑް ކާގޯ މެނިފެސްޓް ނުހިމަނައި ރާއްޖެއަށް ސިއްރުން މުދާ އެތެރެކޮށްފަނަމަ ނުވަތަ ކުރަން އުޅެފިނަމަ ނުވަތަ ކުރުމުގައި ބައިވެރިވެއްޖެނަމަ އެ ފަރާތެއް ކޮންމެ ފަހަރކު 200،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.
އުޅަނދު ބަނދަރުކުރުމަށް ހަމަޖެހިފައިވާ ބަނދަރާއި ދަތުރުކުރާ ރޫޓާއި ރާއްޖެއަށް ވަންނާނެ ސަރަހައްދު ކަމަށް ބުނެ ކަސްޓަމްސްއަށް ހުށަހަޅާ ލިޔެކިޔުންތަކުގައި ބަޔާންކޮށްފައިވާ ގޮތަ ޚިލާފަށް ދަތުރުކޮށްފިނަމަ އެ ފަރާތެއް 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށްވެސް އިސްލާހުގައިވަނީ ހިމަނާފައެވެ. އަދި ރާއްޖެއަށް އަންނަ ކަނޑު އުޅަނދުފަހަރުގައި ހަރުކޮށްފައި ހުންނަ އޭއައިއެސް ނިއްވާލައިފިނަމަ 200،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ކަސްޓަމްސްގެ އާންމު ޤަވާއިދަށް ގެނައި އިސްލާހުގައި ވަނީ ބުނެފައެވެ.