މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމުން މިދިޔަ ހޯމަ ދުވަހު ވަކިކުރި އެރިކް ޓެން ހާގް އެދެނީ އެ ކުލަބަށް އިތުރު ކާމިޔާބީތައް ކަމަށް އޭނާ ބުނެފިއެވެ.
އުމުރުން 54 އަހަރުގެ ޓެންހާގް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ކަމުން ވަކިކޮށްފައިވަނީ މިދިޔަ ހަފްތާގައި ވެސްޓް ހޭމް އަތުން 2-1 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހުގަ އެވެ. އަދި މި ސީޒަނުގައި އެ ޓީމުން ނެރެފައިވާ ދަށް ނަތީޖާ ތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑު ކިއުންތައް އޭނާއަށް ވަނީ އަމާޒުވެފަ އެވެ.
މެންޗެސްޓަރ ޔުނައިޓެޑާއި އެކު ހޭދަކުރި ދުވަސްތަކުގައި ޓެންހާގް އިރުޝާދުގެ ދަށުން އޭނާ ވަނީ ދެ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން އެ ކްލަބުން ކާމިޔާބުކޮށްފައިވާ ދެ މުބާރާތަކީ އެފްއޭ ކަޕާއި ކަރަބާއޯ ކަޕެވެ.
ޓެންހާގް ފަރާތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބުނެފައިވަނީ މެންޗެސްޓަރ ޔުނައިޓެޑާއިއެކު އޭނާ ހޭދަކުރި ދުވަސްތަކަކީ އަބަދުވެސް އޭނާ ހަނދާނުގައި ބަހައްޓާނެ ދުވަސްތަކެއް ކަމަށާއި އަދި އެ ކްލަބުގެ ސަޕޯޓަރުންގެ ފަރާތުން ފެނިގެންދިޔަ ސަޕޯޓަކީ ފުޓްބޯޅަ ކްލަބެއްގެ ސަޕޯޓަރުންގެ ފަރާތުން ފެންނަންވާނެ ފަދަ މިސާލުތަކެއް ކަމަށެވެ. އަދި އޭނާ އަބަދުވެސް އެދެނީ މެންޗެސްޓަރ ޔުނައިޓެޑަށް ކާމިޔާބީ ކަމަށްވެސް ޓެންހާގްގެ ފަރާތުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.
2022 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމާއި ހަވާލު ވުމުގެ ކުރިން އޭނާ ހުރީ ނެދަލޭންޑްސްގެ އަޔަކްސްގެ ކޯޗަކަށެވެ. އަދި އޭނާ މެންޗެސްޓަރ ޔުނައިޓެޑާއި ހަވާލުވުމަށްފަހު މާގިނަ ދުވަސްތަކެއް ނުވެ އޭރު އެ ޓީމަށް ކުޅެމުންދިޔަ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މައްސަލަ ޖެހި އޭނާ ވަނީ އެ ކްލަބް ދޫކޮށްފަ އެވެ.
ޓެންހާގް ވަކި ކުރުމަށްފަހު މެންޗެސްޓަރ ޔުނައިޓެޑް އިން ވަނީ އެ ޓީމުގެ ދާއިމީ ކޯޗަކަށް ޕޯޗުގަލްގެ އަމޮރިމް ހަމަޖައްސާފަ އެވެ.