ޚަބަރު

ސްޕެއިންގައި ފެންބޮޑުވެ 158 މީހުން މަރުވެއްޖެ


ސްޕެއިންގެ އިރުމަތީ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި, ފެންބޮޑުވުމާ ގުޅިގެން ކުރިމަތި އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 158އަަށް އުފުލިއްޖެއެވެ. ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ވަލެންސިޔާ ސަރަޙައްދަށެވެ. އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ, އަހަރެއްގެ ތެރޭގައި އެވުރެޖުކޮށް ވާރޭވެހޭ މިންވަރާ އެއް ވަރަކަށް, އެންމެ އަށް ގަޑިއިރެއްހާއިރުގެ ތެރޭގައި ވަލެންސިޔާ ސަރަޙައްދަށް ވާރޭވެހިފައިވާ ކަމުގައެވެ.

މިއީ, ފާއިތުވި ފަސް ދަހަރެއްހާ ދުވަހުގެ ތެރޭގައި ވިލާތުގެ ޤައުމަކަށް ކުރިމަތިވެފައިވާ މި ފަދަ އެންމެ ނުރައްކާތެރި ހާދިސާގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަކުރިއެވެ. "[މަރުވެފައިވާ] ޖުމުލަ މީހުންގެ އަދަދު 158އަށް އުފުލިފައިވާއިރު, ގެއްލިފައިވާ ކަމަށް ބެލެވޭ މީހުންގެ އަދަދު ޑަޒަނުން, ޑަޒަނުން ގުނައިލެވޭނެ،" ސްޕެއިންގެ އެކި ސަރަޙައްދުތަކުގެ މެދުގައި މުއާޞަލާތު ކުރުމާ ބެހޭ ވަޒީރު އަންހެލް ވިކްތޮރް ތޮރޭސް ވިދާޅުވިއެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, މިއީ ފެންބޮޑުވުމާ ގުޅިގެން ސްޕެއިންގެ ތާރީޚުގައި ވެސް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި ހާދިސާ ކަމުގައެވެ. މޫސުމީ މާހިރުން ބުނީ, ސްޕެއިންގެ އިރުމަތީ ސަރަޙައްދުތަކަށް ކުއްލި ގޮތަކަށް ބޯކޮށް ވާރޭވެހިފައި މި ވަނީ އިންސާނުންގެ ނޭދެވޭ އަމަލުތަކާ ގުޅިގެން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަމުގައެވެ. އަދި, މޫސުމީ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ޤުދުރަތީ ކާރިސާތަކުގެ ނުރައްކާތެރިކަމާއި, ލިބޭ ގެއްލުން އެތަކެއް ގުނައަކަށް އިތުރުވަމުންދާ ކަމުގައެވެ.

ވަލެންސިޔާގެ މޭޔަރު މަރިއްޔާ ހޯސޭ ކަތަލާ ވިދާޅުވީ, މަރުވެފައިވާ އިތުރު މީހުންގެ ހަށިތައް މިހާރު ވެސް ފެންނަމުންދާ ކަމުގައެވެ. މި ގޮތުން, ވަލެންސިޔާގެ ރަށްބޭރު ސަރަޙައްދެއްގައި މަރުވެފައިވާ އިތުރު އަށް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި, އޭގެ ތެރޭގައި ފުލުހެއްގެ ހަށިގަނޑު ވެސް ހިމެނޭ ކަމުގައެވެ. އެ ސަރަޙައްދުގައި އޮންނަ ލަ ތޮރޭގެ ގެއެއްގެ ތެރެއިން މަރުވެފައިވާ 45 އަހަރުގެ އަންހެނެއްގެ ހަށިގަނޑު ފެނިފައިވާ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ.

ފެންބޮޑުވުމާ ގުޅިގެން ވަލެންސިޔާއާއި ލަ ތޮރޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. އަދި, ކާބޯތަކެތި ހުސްވުމާ ގުޅިގެން, ލަ ތޮރޭގައި ދިރިއުޅޭ ގިނަ އަަދަދެއްގެ ބަޔަކު ކާބޯތަކެތި ހޯދުމަށް ވަލެންސިޔާއަށް ދަތުރު ކުރަމުންދާ ކަމުގައި އެ ރަށުގެ އޮފިޝަލުން ބުންޏެވެ. އެ ސަރަޙައްދުތަކުގައި ސާފު ބޯފެން ލިބޭނެ ގޮތެއް ނެތް ކަން ވެސް އޮފިޝަލުން ހާމަކުރިއެވެ.

އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ބުނީ, ކުއްލިއަކަށް ވިއްސާރަވެ, ބޯކޮށް ވާރޭވެހޭނެ ކަމުގެ އެއްވެސް އިންޒާރެއް, އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން, ނުވަތަ ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ވެސް ދީފައި ނުވާ ކަމުގައެވެ. އަދި, ކުރިން އިންޒާރު ކުރި ނަމަ ގިނަ އަދަދެއްގެ ބަޔެއްގެ ފުރާނަ ސަލާމަތް ކުރެވުނީސް ކަމުގައި ވެސް އެ ސަރަޙައްދުގެ ރައްޔިތުން ބުންޏެވެ.

ފެންބޮޑުވުމާ ގުޅިގެން ވަލެންސިޔާގެ ޢުމްރާނީ ވަސީލަތްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މި ގޮތުން, ޢާންމުންގެ ގެދޮރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު ބުރިޖުތަކާއި, މަގުތަކާއި ރޭލު ދަތުރުކުރާ މަގުތައް ވެސް ވަނީ ހަލާކުވެފައެވެ. ސްޕެއިނަކީ އޮރެންޖު ފަދަ މޭވާ ހައްދާ ޤައުމަކަށްވާއިރު, ވަލެންސިޔާ ސަރަޙައްދުގައި ހުރި ގިނަ ދަނޑުބިންތަކަށް ވެސް ފެންބޮޑުވުމާ ގުޅިގެން ބޯޑެތި ގެއްލުންތަކެއް ލިބުނެވެ.

ސްޕެއިންގެ ދަތުރުފަތުރާ ބެހޭ ވަޒީރު އޮސްކަރް ޕުއެންތޭ ވިދާޅުވީ, ފެންބޮޑުވުމާ ގުޅިގެން އެ ޤައުމުގެ އިރުމަތީ ސަރަޙައްދުގައި 80 ކިލޯމީޓަރުގެ މަގުތައް ހަލާކުވެފައިވާ ކަމުގައެވެ. އަދި, ގިނަ މަގުތަކެއްގައި އެއްގަމު އުޅަނދުފަހަރު ތާށިވެފައިވާ ކަމުގައެވެ. "ބައެއް އުޅަނދުފަހަރުގައި ތާށިވެ, މަރުވެފައިވާ މީހުންގެ ހަށިތައް އަދިވެސް އެބަތިބި،" އޭނާ ވިދާޅުވިއެވެ. ފެންބޮޑުވުމާ ގުޅިގެން ހުއްޓިފައިވާ ރޭލު ދަތުރުފަތުރުގެ ޚިދުމަތް އަލުން ފެށުމަށް ދޭއް ނުވަތަ ތިން ހަފުތާއެއްހާ މުއްދަތު ހޭދަވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ސްޕެއިންގެ ބޮޑުވަޒީރު ޕޭދްރޯ ސަންޗޭ ވަނީ ފެންބޮޑުވުމާ ގުޅިގެން ގެއްލުން ލިބިފައިވާ ސަރަޙައްދުތަކަށް ވަޑައިގަންނަވައި, ހާލުގައި ޖެހިފައިވާ މީހުންނާ ބައްދަލު ކުރައްވާފައެވެ. އަދި, ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެ ސަރަޙައްދުގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާތީ, ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ގޮވައިލައްވާފައެވެ. "މި ވަގުތު ކުރިމަތީގައި އޮތް އެންމެ މުހިންމު ޒިންމާއަކީ ވީހާ ވެސް ގިނަ ބަޔެއްގެ ފުރާނަ ސަލާމަތް ކުރުން،" އޭނާ ވިދާޅުވިއެވެ.

2021ވަނަ އަހަރު ވެސް ވިލާތުގެ ބައެއް ޤައުމުތަކުގެ ފެންބޮޑުވެ, ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އޭގެ ތެރެއިން އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ޖަރުމަނުވިލާތުން 185 މީހުން މަރުވިއެވެ. އޭގެ ކުރިން, 1970ވަނަ އަހަރު ރޮމޭނިޔާގައި ހިނގި މި ފަދަ ހާދިސާއެއްގައި 209 މީހުން މަރުވިއެވެ. އަދި, 1967ވަނަ އަހަރު ޕޯޗުގަލްގެ ބައެއް ސަރަޙައްދުތަކުގައި ކުއްލި ގޮތަކަށް ފެންބޮޑުވެ, 500އެއްހާ މީހުން މަރުވިއެވެ.