ޚަބަރު

އައްޑޫ ސިޓީ ހުޅުމީދޫ-ހިތަދޫ ބުރިޖުގެ މަޝްރޫއު އަންނަ އަހަރު ފެށޭނެ: މާލީ ވަޒީރު


  • ޕީއެސްއައިޕީ މަޝްރޫޢުތަކަށް 12.4 ބިލިޔަން ރުފިޔާވަނީ ހިމަނާފައި

  • ބްރިޖު އެޅުމުގެ މަޝްރޫޢުތަކަށް 1.4 ބިލިޔަން ރުފިޔާ ހިމަނާފައިވޭ

  • ހިތަދޫ އާއި ހުޅުމީދޫ ބްރިޖަކުން ގުޅާލުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެއް

އައްޑޫ ސިޓީ ހުޅުމީދޫ-ހިތަދޫ ބުރިޖުގެ މަޝްރޫއު އަންނަ އަހަރު ފެށުމަށް ރާވާފައިވާކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ހިތަދޫ އާއި ހުޅުމީދޫ ބްރިޖަކުން ގުޅާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ބްރިޖުގެ ސަރވޭ އާއި ޕްރިލިމިނަރީ ޑިޒައިން މަސައްކަތް ހަވާލުކޮށްފައިވަނީ މިސްރުގެ ކުންފުންޏެއް ކަމަށްވާ "ދަ އަރަބް ކޮންޓްރެކްޓާސް" އާއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން މާލީ ވަޒީރު މޫސާ ޒަމީރުވަނީ އަންނަ އަހަރުގެ ބަޖެޓުން ފާހަގަކޮށްލެވާ ކަންތައްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އައްޑޫ ސިޓީ ހުޅުމީދޫ-ހިތަދޫ ބުރިޖުގެ މަޝްރޫއު އަންނަ އަހަރު ފަށައިގަތުމަށް ރާވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވަނީ 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުގެ ބޮޑު ބައެއް ޚާއްސަކޮށްފައިވަނީ ޕަބްލިކް ސެކްޓަރ އިންފްރާސްޓްރަކްޗާ ޕްރޮގްރާމް، ޕީއެސްއައިޕީ އަށެވެ. އެގޮތުން ޕީއެސްއައިޕީ މަޝްރޫޢުތަކަށް 12.4 ބިލިޔަން ރުފިޔާވަނީ ހިމަނާފައެވެ. މިއީ ތާރީޚީ އަދަދެކެވެ.

މާލީ ވުޒާރާއިން ވިދާޅުވާގޮތުގައި އަންނަ އަހަރުގެ ބަޖެޓުވެގެންދާނީ އައު މަޝްރޫޢުތަކަށާއި ހަރަކާތްތަކަށް އެންމެ ގިނައިން ޚަރަދުކުރާ ބަޖެޓަށެވެ.

ޕީއެސްއައިޕީ މަޝްރޫޢުތަކަށް ބަލާއިރު ލަފާކުރުމުގެ ދަތިކަން ހައްލުކުރުމަށް 4.1 ބިލިޔަން ރުފިޔާ ހޭދަކުރުމަށްވަނީ ހިމަނާފައެވެ.

ލަފާކުރުމުގެ ދަތިކަން ހައްލުކުރުމަށް ބަޖެޓްގައި ހިމަނާފައިވާ ކަންކަން

* ބަނދަރު ހެދުމަށް: 356 މިލިޔަން ރުފިޔާ
* ބްރިޖު އެޅުމަށް: 1.4 ބިލިޔަން ރުފިޔާ
* ވައިގެ ބަނދަރުގެ މަސައްކަތްތަކަށް: 2.3 ބިލިޔަން ރުފިޔާ
* ދަތުރުފަތުރަށް 1.5 މިލިޔަން ރުފިޔާ

އައްޑޫ ސިޓީ ހުޅުމީދޫ-ހިތަދޫ ބުރިޖުގެ މަޝްރޫއު އަންނަ އަހަރު ފަށައިގަތުމަށް ރާވާފައިވާކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެފައިވާއިރު، ބްރިޖުގެ ސަރވޭ އާއި ޕްރިލިމިނަރީ ޑިޒައިން މަސައްކަތް މިސްރުގެ "ދަ އަރަބް ކޮންޓްރެކްޓާސް" އާ މިދިޔަ ފެބްއުރީމަހުވަނީ ހަވާލުކޮށްފައެވެ.

އައްޑޫ ސިޓީގައި އަޅާ ބްރިޖަކީ އެންމެ މަދުވެގެން 14 ކިލޯމީޓަރުގެ ބްރިޖަކަށް ވާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އަދި މި ބްރިޖު ވެގެންދާނީ އައްޑޫ ސިޓީއަށް ކުރިއެރުމާއި ތަރައްގީ ގެންނާނެ ބްރިޖަކަށް ކަމަށާއި އެހެން އަތޮޅުތަކުން ވެސް ހުޅުމީދޫއަށް މީހުން ހިޖުރަކޮށް ރަށް އިތުރަށް ތަރައްގީ ވެގެންދާނެ ކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.