ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭން އުފައްދާފައިވާ އދގެ އިދާރާ (އުންރުވާ) އުވާލާ, އެ އިދާރާގެ އަގުވައްޓާލަން ޔަހޫދީން ކުރަމުންދާ މަސައްކަތްތައް އދގެ ސަލާމަތީ މަޖިލީހުން ކުށްވެރިކޮށްފިއެވެ. އެ މަޖިލީހުން މިކަމާމެދު މަޝްވަރާކޮށްފައި މިވަނީ, ޒަޔަނިސްޓު އިސްރާއީލާއި ޔަހޫދީން ވެރިވެގަނެފައިވާ ބިންތަކުގައި ހަރަކާތްތެރިވުން އުންރުވާއަށް މަނާކުރަން ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ. އުންރުވާއިން މަސައްކަތްކުރުން މަނާކޮށްފައިވާ ތަންތަނުގެ ތެރޭގައި ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާވެސް ހިމެނެއެވެ.
އުންރުވާ އުވާލަން ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައި ވަނީ, މީގެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުންނެވެ. ޔަހޫދީންގެ ބޭނުމަކީ, ޣައްޒާގައި ނިކަމެތިކޮށް, ހާލުގައި ޖައްސާފައިވާ 2.3 މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް އުންރުވާއިން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅުމެވެ. ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނުގެ އިތުރުން ބޭސްފަރުވާގެ ސާމާނު އެތެރެ ކުރުމަށްވެސް ޔަހޫދީން ދަނީ ހުރަސް އަޅަމުންނެވެ.
އުންރުވާ އުވާލުމަށް ޔަހޫދީން ފާސްކޮށްފައިވާ ޤަރާރާ މެދު އދގެ ސަލާމަތީ މަޖިލީހުން ކަންބޮޑުވުން ފާޅުކޮށްފައި މި ވަނީ, އެ ކަމާ މެދު ބައިނަލްއަޤްވާމީ މުޖުތަމަޢުން ވެސް ކަންބޮޑުވުން ފާޅުކޮށް, އެ އަމަލު ކުށްވެރި ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެ ކަން ކުށްވެރިކޮށް ސަލާމަތީ މަޖިލީހުން ނެރުނު ބަޔާނުގައި ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ބޯލެނބުމަށް ޔަހޫދީންނަށް ގޮވާލިއެވެ. އަދި, އުންރުވާއަށް އދން މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާ ކުރުމުގެ ފުރުޞަތު ދިނުމަށް ގޮވާލިއެވެ. އަދި, ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅުން ހުއްޓާލުމަށްވެސް ޔަހޫދީންނަށް ގޮވާލިއެވެ.
އުންރުވާ އުވާލާ, އިސްރާއީލާއި ޔަހޫދީން ވެރިވެގަނެފައިވާ ބިންތަކުގައި އެ އިދާރާއަށް ހަރަކާތްތެރިވުން މަނާކުރުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު, އަދި އދ.ގެ ޗާޓަރުގެ އިތުރުން އދގެ ގުނަންތަކަށް ޚާރިޖީ ބާރުތައް ދިނުމާ ގުޅޭ މުއާހަދާއާ ޚިލާފު އަމަލެއް ކަމުގައި އދގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިޔޯ ގުތެރޭޝް ވިދާޅުވިއެވެ. އުންރުވާގެ ވެރިޔާ ފިލީޕް ލެޓްޒަރީނީ ވިދާޅުވީ, ޔަހޫދީން ފާސްކޮށްފައިވާ އައު ޤާނޫނާ އެކު ހުޅަނގު އައްސޭރިއާއި ޣައްޒާގައި އުންރުވާއިން އިންސާނިއްޔަތަށް ޓަކައި ކުރަމުންދާ މަސައްކަތްތައް ހުއްޓުމަކަށް އައުމުގެ ހިރާސް އޮތް ކަމުގައެވެ.
އދގެ ސަލާމަތީ މަޖިލީހުން ބުނީ, ޣައްޒާގައި ނިކަމެތިކޮށް ހާލުގައި ޖައްސާފައިވާ 2.3 މިލިޔަން މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ބައިނަލްއަޤުވާމީ މުޖުތަމަޢުން ކުރަމުންދާ މަސައްކަތްތަކުގެ މައިބަދައަކީ އުންރުވާ ކަމުގައެވެ. އަދި, އެ ޖަމުޢިއްޔާގެ ބަދަލުގައި އެ ޒިންމާތައް އަދާކުރެވޭނެ އެހެން އިދާރާއެއް މި ވަގުތު ނެތް ކަމުގައެވެ. ޔަހޫދީންގެ އަނިޔާވެރި އަމަލުތަކާ ގުޅިގެން ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައަކަށް މިހާރު ވެސް ކާބޯތަކެތި ހޯދޭނެ މަގެއް ނެތެވެ. އަދި, އެތަކެއް ސަތޭކަ ހާސް ބަޔަކު ވަނީ ހައިހޫނުގައި ޖައްސާފައެވެ. ކާބޯތަކެތި ހޯދަން ހުރަސް އަޅައި, ޣައްޒާގެ މުސްލިމުން ހައިހޫނުގައި ޖެއްސުމަކީ ޔަހޫދީން ހިންގަމުންދާ ހަނގުރާމައިގެ ކުށެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަކުރެއެވެ.
އުންރުވާއަކީ ޣައްޒާއާއި ހުޅަނގު އައްސޭރީގެ އިތުރުން އުރުދުނާއި, ލުބްނާން އަދި ސޫރިޔާގައި ދިރިއުޅެމުންދާ ފަލަސްޠީނުގެ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން އެކުލަވައިލާފައިވާ އިދާރާއެކެވެ. ގެދޮރު ނެތިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް ޞިއްޙީ ފަރުވާގެ ޚިދުމަތްތަކާއި, ކުޑަކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމުގައި ވެސް އުންރުވާއިން ގިނަގުނަ ޚިދުމަތްތަކެއް ކުރެއެވެ. އުންރުވާ އުވާލަން ޔަހޫދީން ނިންމާފައި ވަނީ, 2023 އޮކްޓޫބަރު 7ވަނަ ދުވަހު ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާއީލުގެ ރަށްތަކަށް ދިން ޖިހާދީ ޙަމަލާއާ ގުޅިގެންނެވެ. އެ ޙަމަލާތަކުގައި އުންރުވާގެ ބައެއް މުވައްޒަފުން އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ޔަހޫދީން ތުހުމަތު ކުރެއެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 43,204އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 101,641 މީހުން ޒަޚަމު ކޮށްލާފައެވެ.