ކޮލަންބިއާގެ ކާލީގައި ކުރިއަށްދާ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ، ސީބީޑީގެ 16 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
އޮކްޓޫބަރު 29 ން 31 އަށް ކުރިއަށްދިޔަ މިބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގެ އިސް ވެރިޔާގެ ހައިސިއްޔަތުން މޫސުމަށް އަންނަ ބަދަލުތަކާ، ތިމާވެއްޓާ ހަކަތައާބެހޭ ވަޒީރު، ޠާރިޤް ބައިވެރިވެވަޑައިގެން ތަޤުރީރު ކުރެއްވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެއްޓާ ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ މިބައްދަލުވުމުގައި ކުރިއަށް އޮތް 17 ވަނަ ކޮންފަރަންސް އޮފް ދަ ޕާޓީސްގެ އޭޝިއާ ޕެސިފިކް ގައުމުތަކުގެ ބިއުރޯ މެމްބަރަކަށް އަދި ކޮންފަރަންސް އޮފް ދަ ޕާޓީސް ރިޔާސަތުގެ ނައިބަކަށް ރާއްޖެވަނީ ގައުމުތަކުގެ އިއްތިފާގުން ކަނޑައަޅާފައިވާކަމަށެވެ.
މިބައްދަލުވުންތަކުގައި ތިމާވެށީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކޮށް މުސްތަޤްބަލުގައި ގުޅިގެން ކުރާނޭ މަސައްކަތްތަކާގުޅޭ ގޮތުން މަޝްވަރާކުރެއްވިކަމަށާއި ކުންމިން މޮންޓްރިއަލް ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވޯކްގެ ދަށުން ދިރޭތަކެތީގެ ނަސްލު ހިމާޔަތް ކުރުމަށް ޚާއްސަ ފަންޑެއް ދަށުން ގާއިމުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒުކުރެވޭނެ ނިޒާމެއް އެކުލަވާލުމަށް ރާއްޖޭން ވަކާލާތުކޮށްފައިވާ ތިމާވެއްޓާއި ވުޒާރާއިން ވިދާޅުވެއެވެ.
އެވުޒާރާއިން ވިދާޅުވީ މިފަދަ ފަންޑަކުން ދިރޭތަކެތީގެ ނަސްލުތަކާއި މާހައުލުތައް ހިމާޔަތް ކުރުމަށް، އަދި މުއާހަދާ ތަންފީޒުކުރުން ވަރުގަދަ ކުރުމަށް ބޭނުންވާ ފައިސާގެ އެހީ އާއި ވަސީލަތްތައް ހޯދުމަށް ރާއްޖެފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް މަގުފަހިވާނެކަމަށެވެ.
މިބައްދަލުވުމުގައިވަނީ ތިމާވެށްޓާއި، ދިރޭތަކެއްޗަށް ޚާއްސަ ސަރަހައްދުތައް ކަނޑައަޅާ ތަންފީޒުކުރާނޭ ގޮތްތަކަށްވެސް އެއްބަސްވެފައެވެ. މިއެއްބަސްވުމަށް އާދެވިފައި މިވަނީ ފާއިތުވީ 8 އަހަރު ކޮށްފައިވާ މަޝްވަރާތަކުގެ އަލީގައިކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މިހާރުވެސް ރާއްޖޭން ވަނީ 2 ސަރަހައްދެއް އެބްސާގެ ގޮތުގައި ލިސްޓްކޮށްފައިކަމަށާއި އެއީ މާޅޮސްމަޑުލު ދެކުނުބުރީއާއި އަރިއަތޮޅު އުތުރުބުރީ މަޑިވަރު ސަރަހައްދުކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ވަޒީރުގެ މި ދަތުރުފުޅުގައި ވަނީ ދިވެހިރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ ގޮންޖެހުންތަކާ ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ. އަދި މިގޮންޖެހުންތަކަށް ހައްލު ހޯދުމަށް ޕްލެނެޓްގެ ސެޓެލައިޓް ޑޭޓާ ބޭނުންކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
މިބައްދަލުވުމުގެ ހަވާސާގެ ތެރެއިން ތިމާވެށީގެ ދާއިރާއިން ރާއްޖެއަށް އެހީތެރިވެދޭ އެކި ގައުމުތަކާއި ފަރާތްތަކާ ވަޒީރު ޠާރިޤް ވަނީ ބައްދަލުކުރައްވާފައެވެ.