ޚަބަރު

ރަސްފަންނަށް ކަޅުތެޔޮ އެޅުން- ޒިންމާދާރުކަން ކުޑަ އަމަލެއް


ރަސްފަންނު ސަރަހައްދުގެ މޫދަށް ކަޅުތެޔޮ އެޅުމަކީ ޒިންމާދާރުކަންކުޑަ ޢަމަލެއްކަމަށާއި މިމައްސަލަ ފުލުހުން ބަލަމުންދާކަމަށް ހައުސިންގ މިނިސްޓަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރަސްފަންނު ސަރަޙައްދަށް ކަޅުތެޔޮ އެޅުމާއި ގުޅިގެން، އެސަަރަޙައްދު ބައްލަވާލެއްވުމަށް ފަހު މީޑިއާއަށް މަޢުލޫމާތުދެއްވަމުން ހައުސިންގ މިނިސްޓަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ރަސްފަންނުގެ މޫދަށް ތެޔޮ އެޅުމުގެ ސަބަބުން މޫދު ވަރަށް ބޮޑަށް ތަޣައްޔަރުވެފައިވާކަމަށާއި، އާއްމުން ބޭނުންކުރާ ސަރަޙައްދަކަށް މިފަދަ ގެއްލުމެއް ދިނުމަކީ ޤަބޫލުކުރެވޭނެކަމެއް ނޫންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެމައްސަލަ މިހާރު ފުލުހުން ބަލަމުންދާކަމަށާއި، އެސަރަޙައްދަށް ތެޔޮ އަޅާފައިވަނީ އެސަރަހައްދުގެ ބޭރު ތޮށި ކައިރިއަށް މަޑުކުރި ދޯންޏަކުން ކަން، އެ މަންޒަރުދުށް މީހަކު ނަގާފައިވާ ވީޑއޯއަކުން ފެންނަކަމަށެވެ. އަދި ކަޅު ތެޔޮ އަޅާފައިވާ ޕެކެޓްތަކެއްވެސް އެސަރަޙައްދުން ފެނިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓަރ ވިދާޅުވީ ރަސްފަންނު މޫދު ސާފުކުރުމަށްފަހު އެޗްޕީއޭގެ ޙުއްދަ ލިބުމާއެކު އެސަރަޙައްދު އާއްމުންނަށް ހުޅުވާލާނެކަމަށެވެ.

މީގެ ކުރިންވެސް ވަނީ ރަސްފަންނު ސަރަޙައްދުގައި އަޅާފައިވާ ނަޖިސް ހޮޅިއެއް ފަޅާލާފައެވެ. މިނިސްޓަރ ވިދާޅުވީ މިކަމާއިި ގުޅިގެން އެހޮޅި އެހެން ހިސާބަކަށް ބަދަލުކުރުމަށް އެމްޑަބްލިޔުއެސްސީއާއެކު މަޝްވަރާކުރަމުންދާކަމަށެވެ.

މާލޭގައި ދިރިއުޅޭ ތަފާތު އުމުރުފުރާތަކުގެ މީހުންނަަށް ބޭނުންކުރެވޭގޮތަށް މާލޭގެ ހުޅަނގު ފަރާތުގައި ހައުސިންގ މިނިސްޓްރީ އާއި އެމްއާރުޑީސީ އަދި އެމްޓީސީސީ ގުޅިގެން ތަރައްޤީކުރި ރަސްފަންނު ސަރަޙައްދު ހުޅުވާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.