ދުންފަތާއި ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށް ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހު މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން މި އިސްލާހު ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 71 މެންބަރުންގެ ވޯޓުންނެވެ. މި އިސްލާހު ފާސްކުރުމަށް ނުފެންނަ ކަމަށް 8 މެންބަރުން ވޯޓު ދެއްވިއެވެ.
ސަރުކާރުގެ ފަރާތުން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު މަޖިލީހަށް ހުށަހެޅުއްވި އިސްލާހުގައިވަނީ ސިނގިރޭޓާއި ބިޑިން އިމްޕޯޓް ޑިއުޓީ ބޮޑުކުރުމުގެ އިތުރުން އީސިނގިރޭޓާއި ވޭޕްގައި ބޭނުންކުރާ ފްލޭވާ އަދި ކެމިކަލް ފަދަ ތަކެތިން ނަގާ ޑިއުޓީވެސް ބޮޑުކުރުމަށް ހުށައަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ގޮތުގައި އަންނަ މަހުގެ 15ވަނަ ދުވަހުގެ ފަހުން ރާއްޖެއަށް ވޭޕާއި އީސިނގިރޭޓު އަދި އެއާގުޅޭ ބާވަތްތައް އެތެރެކުރުން މަނާވާނެއެވެ. ޤާނޫނަށް ހުށަހެޅި އިސްލާހުގައި އެތަކެތީގެ އިމްޕޯޓް ޑިއުޓީ އިތުރު ކުރުމަށް ހުށަހަޅާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރާއްޖެ އެތެރެކުރާ ތަކެތިން ޑިއުޓީ ބޮޑުކުރުމަށެވެ.
ބިލުގައިވާގޮތުން މިހާރު ރާއްޖެ އެތެރެކުރާ ސިނގިރޭޓާއި ބިޑިން 25 ޕަސެންޓް ޑިއުޓީ އަދި ކޮންމެ ސިނގިރޭޓަކުންނާއި ބިޑިއަކުން 3 ރުފިޔާ ނަގާއިރު އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 50 ޕަސެންޓް އަދި ކޮންމެ ސިނގިރޭޓަކާއި ބިޑިއަކުން 8 ރުފިޔާ ނަގާނެއެވެ. އަދި އީ-ސިނގިރޭޓު ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އެނޫން އާލަތްތަކަށް އަޅާ ފްލެވާއާއި ކެމިކަލުން 50 ޕަސެންޓް އަދި ކޮންމެ މިލިލީޓަރަކުން 8 ރުފިޔާގެ ޑިއުޓީ ނަގާނެއެވެ.
މިތަކެތީގެ އިތުރުން ހީޓަޑް ޓޮބެކޯ އުފެއްދުންތައް ނުވަތަ ރޯކުރުމަކާނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން 50 ޕަސެންޓް އަދި ކޮންމެ ސްޓިކަކުން 8 ރުފިޔާގެ ޑިއުޓީ ނަގާގޮތަށްވެސް އިސްލާހުގައި ވަނީ ހިމަނުއްވާފައެވެ. މީގެ އިތުރުން އީ-ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންވާ ކުރާ އާލާތަތްކަށް ހީޓަޑް ޓޮބެކޯ އުފެއްދުންތަކުން 200 ޕަސެންޓުގެ ޑިއުޓީ ނެގުމަށްވެސް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ އިޞްލާހުގައި ވަނީ ހިމަނުއްވާފައެވެ.
މި އިސްލާހު ގެނައުމުގެ ސަބަބުން ރާއްޖެއަށް އިމްޕޯޓް ޑިއުޓީން ލިބޭނެކަމަށް އަންދާޒާކުރާ އަދަދުތައްވެސް ބިލުގައި ވަނީ ހިމަނުއްވާފައެވެ. އެގޮތުން، އަންނަ އަހަރު އިތުރަށް 1.05 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ.
މި އިސްލާހު މަޖިލީހުން ފާސްކުރި ނަމަވެސް އިސްލާހަށް އަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރެއްވުމުންނެވެ.