ކެންސަރު ހޮސްޕިޓަލަކާއި މެންޓަލް ހެލްތު ހޮސްޕިޓަލާއެކު ޖުމްލަ 5 ހޮސްޕިޓަލް ތަރައްޤީކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ. ބޯހިޔާވަހިކަމަށްފަހު އެންމެ ބޮޑު ހޭދައެއްކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ ސިއްޙީ ދާއިރާއަށެވެ.
ރާއްޖޭގައި ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ބޮޑު ހޭދައެއްކުރުމަށް ބަޖެޓުގައިވަނީ ހިމަނާފައެވެ. އެގޮތުން ޖުމްލަ 5 ހޮސްޕިޓަލް ތަރައްޤީކޮށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާންޖެހޭ ޖެހުން ހުއްޓުމަކަށް ގެނައުމަށްވަނީ ހިމަނާފައެވެ. 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ކެންސަރު ހޮސްޕިޓަލުގެ އިތުރުން މެންޓަލް ހެލްތު ހޮސްޕިޓަލާއެކު ޖުމްލަ 5 ހޮސްޕިޓަލް ތަރައްޤީކުރުމަށްވަނީ ހިމަނާފައެވެ. ސަރުކާރުން ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓާއެކު މި 5 ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފެށޭނެކަމަށާއި އަމާޒަކީ 2027ގެ ނިޔަލަށް ހޮސްޕިޓަލްތަކުގެ މަސައްކަތް ނިންމާ ޚިދުމަތް ދިނުންކަމަށެވެ.
ބަޖެޓުގައި ހިމަނާފައިވަނީ ހުޅުމާލޭގައި ކެންސަރު ހޮސްޕިޓަލް ތަރައްޤީކުރުމާއި،، ތެލަސީމިއާ އަދި އޯގަން ޓްރާންސްޕްލާންޓްގެ 100 އެނދުގެ ހޮސްޕިޓަލާއި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރާ ކުޑަކުދިންނާއި އަންހެނުންނަށް ޚާއްސަ ހޮސްޕިޓަލާއި، ވިލިމާލޭ ޓަރޝިއަރީ ހޮސްޕިޓަލާއި، މިހާރުގެ ހުޅުމާލޭ ހޮސްޕިޓަލް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތެވެ.
ރައްޔިތުންގެ މަޖިލީހުގައި ބަޖެޓު ހުށައަޅުއްވާދެއްވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ރާއްޖޭގައި ސިއްހީޙީ ނިޒާމުގެ ދިގު ތާރީހެޚެއް އޮތްނަމަވެސް، އަދުގެ ހަގީގަތަކީ ދިވެހި ރައްޔިތުން އެދޭ ފެންވަރުގައި ކެންސަރުފަދަ ބޮޑެތި ސިއްޙީ ބަލިތަކަށާއި، ނަފްސާނީ ދުޅަހެޔޮކަމަށް ފަރުވާދެވޭ ވަރަށްވުރެ ރާއްޖޭގެ ސިއްޙީ ނިޒާމު ބަލިކަށިކަމަށެވެ.
"މި ހާލަތުން ދިވެހި ގައުމު ވީއްލި، ސިއްޙީ ނިޒާމު ހަރުދަނާކޮށް ފުޅާކުރުމަށް ދިވެހީންނަށް ރާއްޖޭގައި ތިބެގެން ބޮޑެތި ބަލިތަކަށް ބޭސްފަރުވާކުރެވޭނެ ގޮތަށް ޒަމާނީ އިންފްރާސްޓްރަކްޗަރ އާއި ވަސީލަތްތައް ގާއިމުކުރުން ކޮންމެހެން މުހިންމު. ހަމަ އެހެންމެ، ދިވެހީންގެ ސިއްޙީ ޚިދުމަތުގައި ތަމްރީނުލިބިފައިވާ ދިވެހި ދަރީން ތިބުމަކީ ސަރުކާރުން ނުހަނު އިސްކަންދޭ ސިޔާސަތެއް. މި ތަސައްވުރު ހަގީގަތަކަށް ހެދުމަށް 2025 ވަނަ އަހަރުގެ ބަޖެޓުގައި ސިއްޙީ ނިޒާމަށް ބޭނުންވާ މުހިންމު މަޝްރޫއުތަކެއް ހިމަނާފައިވާނެ." ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން ވިދާޅުވީ މި ހޮސްޕިޓަލްތަކާއެކު ޑޮކްޓަރަށް ދެއްކުމަށް އޮތް ޒަމާންވީ ދިގު ކިޔުގެ މައްސަލަ ޙައްލުވާނެކަމަށެވެ.
ސަރުކާރުގެ ސިޔާސަތަކީ ޢާއްމު ބަލީގެ ޑޮކްޓަރުންނަށް ދެއްކޭނެ އިތުރު ކްލިނިކްތަކެއް މާލެ ސަރަހައްދުގައި ތަރައްޤީކޮށް ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކުމަށް އޮތް ޑިމާންޑު ކުޑަކުރުމަށް މަސައްކަތް ކުރުމެވެ. އަދި މިއުސޫލުގެ ދަށުން ސްޕެޝަލިސްޓުންނަށާއި ސުޕަރ ސްޕެޝަލިސްޓުންނަށް ދެއްކޭނެ ރަނގަޅު ނިޒާމެއް ޤާއިމުކުރެވިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ހަމައެއާއެކު ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތް ފުޅާކުރުމަށްވެސް މަސައްކަތް ކުރުމަށް މިބަޖެޓުގައިވަނީ ހިމަނާފައެވެ.