ރާއްޖެއަށް ފިލްމް ޓުއަރިޒަމް ތަޢާރަފްކުރުމަށް އަންނަ އަހަރު ޚާއްސަ ޙަރަކާތެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެއެވެ. 
ޝިއުރީ މިހެން ވިދާޅުވީ ކ. ގުރައިދޫގެ ފަތުރުވެރިކަމުގެ ބްރޭންޑް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. 
ގުރައިދޫގައި ބޭއްވި ރަސްމިއްޔާތުގައި އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ ފަތުރުވެރިކަން ދަށް ދުވަސްވަރު ނުވަތަ އޮފް ސީޒަންގައި ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ވަކި ބާވަތެއްގެ ފަތުރުވެރިކަމަށް ބަރޯސާވެފައި އޮންނަ އޮތުން ބަދަލުކޮށް ފަތުރުވެރިކަން ސިންދަފާތު ކުރުމުގެ މަސައްކަތް ކުރަންޖެހޭކަން ޝިއުރީ ފާހަގަކުރެއްވިއެވެ. 
ޝިއުރީ ވަނީ ސްޕޯޓްސް ޓުއަރިޒަމްގެ ދާއިރާއިން ކުޅިވަރާ 
ބެހޭ އެނުއަލް އިވެންޓްތައް ބޭއްވިއްޖެނަމަ ރާއްޖޭ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަން ފާހަގަކުރައްވާފައެވެ. އަދި މިފަދަ އިތުރު ދާއިރާތައް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ތަޢާރަފްކޮށް ހުޅުވާލުމަށް މަސައްކަތް ކުރަމުންދާން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ ރީތިކަން އިޝްތިހާރުކުރުމަށްޓަކައި ފިލްމް ޓުއަރިޒަމް ތަޢާރަފްކުރުމަށްވެސް މަސައްކަތް ކުރަމުން އަންނަކަމަށާއި  އަންނަ އަހަރު އެފަދަ ހަރަކާތެއް ބޭއްވުމަށް ޕްލޭންކުރާކަމަށް ޝިއުރީ ވިދާޅުވިއެވެ. 
" ޔުނިވަރސިޓީތަކާ ގުޅިގެން ސަމަރ ކޭމްޕްތައް ބާއްވާ އެކްސްޗޭންޖް ޕްރޮގްރާމްތައްވެސް ކުރިއަށްގެންދެވިދާނެ. އެކުދިންނަށްވެސް ރާއްޖޭއާ ބެހޭ މަޢުލޫމާތު ލިބޭ ޕްލެޓްފޯމެއް ހެދިދާނެ." އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ. 
ކ. ގުރައިދޫގެ ފަތުރުވެރިކަމަށް އަިލއަޅުވާލަމުން ޝިއުރީ ވިދާޅުވީ އެރަށުގައި މިހާރުވެސް 23 ގެސްޓްހައުސް ހިންގަމުންދާކަމަށެވެ. އަދި ގެސްޓްހައުސްތައް ހިންގާ މީހުން ގުޅިގެން މަސައްކަތްކޮށްފިނަމަ އެ ރަށުގައި ފަތުރުވެރިކަން މިޙާރަށް ވުރެ ބޮޑަށް ކުރިއަރައިގެންދާނެކަމަށެވެ. އަދި މަސައްކަތް ކުރަން ބެނުންވާ ބަޔަކާ ގުޅިގެން ކުރިއަށް ދިޔުމަށް އެމްއެމްޕީއާރްސީން އަބަދުވެސް ތައްޔާރަށް އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖެއަށް ފިލްމް ޓުއަރިޒަމް ތަޢާރަފްކުރުމަށްޓަކައި އަންނަ އަހަރު ޚާއްސަ ޙަރަކާތެއް ބޭއްވުމަށް މަސައްކަތް ކުރާއިރު ދިވެހިރާއްޖެއާ ގުޅޭ ހޮލީވުޑް ފިލްމެއް އުފެއްދުމަށްވެސް މަސައްކަތް ކުރައްވަމުންދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު ވަނީ މީގެކުރިން ވިދާޅުވެފައެވެ.