ޚަބަރު

ފެންބޯސާގެ ބައްދަލުވުމަށް ރާއްޖެއިން ތައްޔާރުވަނީ


އަންނަ އޮގަސްޓްމަހު ރާއްޖޭގައި ބާއްވާ ފެންބޯސާ ބައްދަލުވުމުގައި މި ސަރަޙައްދުގެ އިންތިޚާބީ އިދާރާތަކުގެ އިސްވެރިން ބައިވެރިވެޑައިގަންނަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ފޯރަމް އޮފް އިލެކްޓޯރަލް މެނޭޖްމަންޓް ބޮޑީސް އޮފް ސައުތް އޭޝިއާ، "ފެންބޯސާ"ގެ މި އަހަރުގެ ބައްދަލުވުން އޮންނާނީ އަންނަ އޮގަސްޓްމަހުގެ އެކަކުން ހަތަރަކަށް ރާއްޖޭގައެވެ.

މި ސަރަޙައްދުގެ ޤައުމުތަކުގައި އިންތިޚާބީ އިދާރާތަކުގެ ޖަމްޢިއްޔާގެ މި  ބައްދަލުވުމުގައި ފަސްސާހަށްވުރެ ގިނަ މަންދޫބުން ބައިވެރިވެޑައިގަންނަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. މިއީ މި ޖަމްޢިއްޔާގެ ބައްދަލުވުމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. އަދި މި ފަހަރުގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުންކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.

މި ޖަމްޢިއްޔާގެ މިއަހަރުގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަދެކެވޭނީ އިންތިޚާބުތަކުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމަ ގުޅޭގޮތުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އަދި ކޮންމެ ޤައުމަކުންވެސް ކަރުދާހެއް ހުށައަޅާގޮތަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި ރާއްޖެއިން ހުށައަޅާ ކަރުދާސް އެކުލަވާލެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދާވަކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.