ޚަބަރު

ބިދޭސީއަކަށް އަނިޔާކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި


ބިދޭސީއަކަށް ކާންނުދީ އެމީހާއަށް އަނިޔާކުރަމުންދިޔަ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންވިދާޅުވީ ބިދޭސީއަކަށް އަނިޔާކޮށް އެމީހާ އާއި ދޭތެރޭ އިންސާނިއްޔަތާ ޚިލާފްއަމަލުތަކެއް ހިންގަމުންދިޔަކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ މީހެއްކަމަށެވެ. އަދި މިމީހާއަކީ އެ ބިދޭސީ މީހާއާއި ހަވާލްވެގެން ހުރިމީހާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ކޯޓް އަމުރެއްގެދަށުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހައްޔަރި ކުރި މީހާ 5 ދުވަހުގެ މުއްދަތަށް ގޭބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލާގައި މިހާތަނަށް ބެލިބެލުމުން ބިދޭސީ މީހާއަށް ކާންނުދީ ރޭގަނޑު 10 ޖެހުމުން އެނާ ބަހައްޓާފައި ހުންނަ ތަނުން ކަރަންޓު ކަނޑާލުންފަދަ ކަންކަން ކުރުމުގެ އިތުރުން ފާއިތުވި 6 މަސްދުވަހު އެމީހާހަށް މުސާރަ ދީފައިނުވާކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެއިތުރުން ބިދޭސީ މީހާގެ ހަށިގަނޑުގައި، ޖިސްމާނީ އަނިޔާކޮށްފައިވާކަމުގެ ނިޝާންތަކެއްވެސް ފެންނަންހުރިކަމަށް ފުލުހުން ވިދާޅުވެއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާއި ދޭތެރޭ ބައެއް ފަރާތްތަކުން ލާއިންސާނީ ޢަމަލުތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާކަމަށާއި މިފަދަމައްސަލަތައް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައިތަޙްޤީޤު ކުރައްވަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ވިދާޅުވެއެވެ.