ޒަޔަނިސްޓު ދައުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން އީރާނަށް ދިން ނިރުބަވެރި ޙަމަލާތަކުގެ ބަދަލު ހިފާނެ ގޮތަކާ މެދު އީރާނުން ވިސްނަމުންދާ ކަން ހާމަވެއްޖެއެވެ. އީރާނުގެ އައިއާރްއެންއޭ ނޫސް އޭޖެންސީން ބުނީ, ޔަހޫދީންގެ ކިބައިން ބަދަލު ހިފާނެ ގޮތަކާ މެދު އީރާނުން ފުންކޮށް ވިސްނަން ޖެހޭނެ ކަމުގައި އެ ޤައުމުގެ ރޫހީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަނާޢީ ވިދާޅުވެފައިވާ ކަމުގައެވެ.
”ޒަޔަނިސްޓު ދައުލަތުން [އިސްރާއީލުން] ހިންގި ޖައްބާރު ކުށްތައް ބޮޑުކޮށްލައިގެން ވެސް ނުވާނެ, އަދި އަޅައިނުލައި ދޫކޮށްލައިގެން ވެސް ނުވާނެ،“ ޚާމަނާޢީ ވިދާޅުވެފައިވާ ކަމުގައި އައިއާރްއެންއޭން ރިޕޯޓު ކުރިއެވެ. ޚާމަނާޢީ ވިދާޅުވީ އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ ޤާބިލުކަން މުޅި ދުނިޔެއަށް ހާމަކޮށްދޭން ޖެހޭ ކަމުގައެވެ. އަދި, އެ ކަން ކުރާނެ ގޮތަކާއި, ޔަހޫދީންގެ ކިބައިން ބަދަލު ހިފާނެ ގޮތެއް އީރާނުގެ އޮފިޝަލުން ކަނޑައަޅަން ޖެހޭ ކަމަށާއި, އެ ކަން ކުރަން ޖެހޭނީ އީރާނުގެ ޢާންމު ރައްޔިތުންގެ މަސްލަޙަތާ އެއްގޮތަށް ކަމުގައި ވެސް ޚާމަނާޢީ ވިދާޅުވިއެވެ.
ޔަހޫދީ ފައުޖުގެ އަސްކަރީ މަތިންދާބޯޓުތަކުން އީރާނުގެ އަސްކަރީ އަމާޒުތަކަށް ޙަމަލާ ދީފައި ވަނީ އޮކްޓޫބަރު 26ވަނަ ދުވަހުއެވެ. ވެރިރަށް ތަހްރާންގެ އިތުރުން ޚޫޒިސްތާނާއި އީލާމަށް ދިން ޙަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ ހަތަރު ސިފައިން ޝަހީދު ކޮށްލިއެވެ. އަދި, ރާޑަރު ނިޒާމަކަށް ގެއްލުންތަކެއް ދިނެވެ. އީރާނުން ބުނީ, ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައި ނުވާ ކަމުގައެވެ.
ޔަހޫދީން އީރާނަށް ޙަމަލާ ދީފައި ވަނީ އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާގެ ރުހުމާ އެކުގައެވެ. ޔަހޫދީންގެ ޙަމަލާތަކަށް ފަހު ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ދެ ފަރާތުގެ މެދުގައި ޙަމަލާ ބަދަލު ކުރުން ހުއްޓައިލުމަށް ބާރު އަޅުއްވާފައެވެ. އަދި, ޙަމަލާ ބަދަލު ކުރުން މެދުކަނޑައިނުލައިފި ނަމަ, މެދުއިރުމަތީގައި ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ. ނަމަވެސް, އަނިޔާވެރި ނަތަންޔާހޫގެ ބޭނުމަކީ އީރާނާ ދެކޮޅަށް ހަނގުރާމައެއް ފެށުމެވެ. އަދި, އެ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވެއްދުމެވެ.
އީރާނުގެ ޚާރިޖީ ވުޒާރާއިން ޔަހޫދީންގެ ނިރުބަވެރި ޙަމަލާތައް ސިފަކޮށްފައި ވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ އިތުރުން އދގެ ޗާޓަރާ ޚިލާފު ޖަރީމާއެއްގެ ގޮތުގައެވެ. އަދި, އީރާނުގެ ރައްޔިތުންގެ ދިފާޢުގައި ޔަހޫދީންގެ ކިބައިން ބަދަލު ހިފުމަކީ އެ ޤައުމަށް ލިބިގެންވާ ޙައްޤެއް ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ.
”އީރާނުގެ ރައްކާތެރިކަން ކަށަވަރުކޮށް, ރައްޔިތުންގެ ދިފާޢުގައި [އީރާނަށް] ލިބިފައިވާ ހުރިހާ ޤާބިލުކަމެއްގެ ބޭނުން ކުރެވޭނެ. އަދި, ސަރަޙައްދީ ސުލްޙައާއި ހަމަޖެހުން ދެމެހެއްޓުމަކީ [އީރާނުގެ] ޒިންމާއެއް ކަމުގައި ދެކޭހިނދު, އެ ކަން ދެމެހެއްޓުމަކީ އެހެން ޤައުމުތަކުގެ ޒިންމާއެއް ކަން ވެސް ހަނދާން ކޮށްދެން،“ އީރާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, ޔަހޫދީންގެ ޙަމަލާތަކުގައި އީރާނަށް ބޮޑެތި ގެއްލުންތަކެއް ދެވިފައި ނުވުމަކީ, ބަދަލު ހިފުމުގެ ގޮތުން އިތުރު ޙަމަލާތަކެއް ދިނުމާ ދެކޮޅަށް ބާރުއަޅާ ސަބަބެއް ކަމަށް ޤަބޫލު ކުރާ ކަމުގައެވެ. އީރާނުގެ ބައެއް މަޞްދަރު ތަކުން ވެސް ބުނީ, މެދުއިރުމަތީގައި ހޫނުވެފައިވާ މަސްރަޙު އިތުރަށް ގޯސްވިޔަ ނުދީ, މަސްރަޙު ފިނި ކުރުމުގެ ގޮތުން ޔަހޫދީންގެ ކިބައިން ބަދަލުނުހިފަން ނިންމުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ. ނަމަވެސް, މަސްރަޙު ދިރާސާ ކުރައްވާ ބޭފުޅެއް ކަމުގައިވާ އެލައިޖާ މެގްނިޔޭ ވިދާޅުވީ, ޔަހޫދީންގެ ޙަމަލާތަކުގައި އީރާނުގެ ސިފައިންގެ ބަޔަކު ޝަހީދު ކޮށްލުމަކީ ބަދަލު ހިފުމަށް އީރާނަށް ލިބޭ ހިތްވަރެއް ކަމުގައެވެ.
ޔަހޫދީ ފައުޖުން އީރާނަށް ޙަމަލާދީފައި ވަނީ އޮކްޓޫބަރު 1ވަނަ ދުވަހު އީރާނުން ޔަހޫދީ ފައުޖުގެ އަސްކަރީ އަމާޒުތަކަށް ދިން ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ކަމުގައި ޔަހޫދީން ބުންޏެވެ. ޔަހޫދީންނާއި އީރާނާ ދެމެދު މަސްރަޙު ހޫނުވެފައި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން މީގެ އަހަރެއްހާ ދުވަސް ކުރިން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނާ ގުޅިގެންނެވެ. އަދި, ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެންނެވެ.
އޮކްޓޫބަރު 1ވަނަ ދުވަހު އީރާނުން ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ޙަމަލާ ދީފައި ވަނީ, ޖުލައި 31ވަނަ ދުވަހު ޔަހޫދީ ފައުޖުން ތަހްރާނަށް ދިން ނިރުބަވެރި ޙަމަލާއެއްގެ ބަދަލު ހިފުމުގެ ގޮތުންނެވެ. އައިއާރްޖީސީން ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ޙަމަލާ ދިނުމަށް 180އެއްހާ ބެލިސްޓިކް މިސައިލް ބޭނުން ކުރިއެވެ. އެ ޙަމަލާތަކުގައި އެކަކު މަރައިލައި, ބޮޑެތި ގެއްލުންތަކެއް ދިން ނަމަވެސް, އެ ގެއްލުންތަކުގެ ތަފުސީލު ހާމަކުރަން ޔަހޫދީން ވަނީ ދެކޮޅު ހަދާފައެވެ.