ޚަބަރު

ހިޔާ ސަރަހައްދުގައި ހުރި ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި


  • މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ އަހުމަދު ރިސްފާން

ހިޔާ ސަރަހައްދުގައި ހުރި ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ރޭ ފަތިހު 5:30 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ 13 ވަނަ ޓަވަރު ކައިރީގައި ހުރި ޓްރާންސްފޯމަރުގެ ތެރެއަށް މީހަކު ވަދެ ވައްކަން ކުރަން އުޅުނު މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ނ. މާޅެންދޫ، ފެހިއައްސޭރި އުމުރުން 32 އަހަރުގެ އަހުމަދު ރިސްފާންއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ މައްސަލަތަކެއް މިފަހުން ވަނީ ފެންމަތިވެފައެވެ. އެގޮތުން، ސަބްސްޓޭޝަންތަކުގެ ތަޅު ހަލާކުކޮށްލައިގެން ޓްރާންސްފޯމަރުގެ އެކި ބައިތައް ވަގަށް ނަގާކަން ފާހަގަކުރެވި، އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށްވެސް ހުށަހެޅިއެވެ.

މިއަހަރުގެ މާޗު މަހުގެ ތެރޭގައި ހިޔާ ސަރަހައްދުގައި ޓްރާންފޯމަރެއްގެ ތެރެއަށްވަދެ އުޅުނު މީހަކު ވަނީ މަރުވެފައެވެ. އެފަދަ ތަންތަނަކީ އިންސާނާގެ ފުރާނައަށްވެސް ނުރައްކާވެދާނެފަދަ އަނިޔާއެއްވުމުގެ ނުރައްކާ އޮތްތަނަކަށްވާއިރު އެތަންތަނަށް ނުވަނުމަށް ކަމާބެހޭ އިދާރާތަކުންވެސް ދަނީ އިލްތިމާސްކުރަމުންނެވެ.