ޚަބަރު

ނޮޅިވަރަންފަރު ހައުސިން ޔުނިޓުތައް ލިބޭ މީހުންގެ ވަގުތީ ލިސްޓު ބާތިލުކުރަން އެޗްއާރުސީއެެމުން އަންގައިފި


  • ފްލެޓު ދިން އުސޫލާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް އެބަހުރި

  • 279 މީހުން ސޮއިކޮށް ޕެޓިޝަނެއް ހުށަހެޅި

ނޮޅިވަރަންފަރުގެ ހައުސިން ޔުނިޓުތައް ލިބޭ މީހުންގެ ވަގުތީ ލިސްޓު ބާތިލުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް، އެޗްއާރުސީއެެމުން އަންގާފިއެވެ.

ނޮޅިވަރަންފަރުގައި ތަރައްގީކުރި 100 ހައުސިންގ ޔުނިޓުގެ މަސައްކަތް ނިމިފައިވަނީ 2022 ވަނަ އަހަރުއެވެ. އެ ހައުސިން ޔުނިޓުތައް ދިނުމަށް ނޮޅިވަރަންފަރު ކައުންސިލުން އެކުލަވާލި އުޞޫލާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް ހުރުމުން އެ ކަންބޮޑުވުންތައް އެޗްއާރުސީއެމާވަނީ ހިއްސާކޮށްފައެވެ.

އެޗްއާރުސީއެމުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ނޮޅިވަރަންފަރުގައި އިމާރާތްކުރި 100 ހައުސިން ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލުގައި ރައްޔިތުން ކަންބޮޑުވާ ކަންތައްތަކެއް ހުރި ކަމަށް ބުނެ، 279 މީހަކު ސޮއިކޮށްފައިވާ ޕެޓިޝަނެއް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށާއި އެ ޝަކުވާތައް ބެލުމަށް ކޮމިޝަނުން ތަހުގީގެއް ހިންގާފައިވާކަމަށެވެ.

އެޗްއާރުސީއެމުން ވިދާޅުވީ ހައުސިން ޔުނިޓްތައް ދިނުމަށް ކައުންސިލުން މިހާރު ކަނޑައަޅާފައި އޮތް އުސޫލުގެ ދަށުން އެ ހައުސިން ޔުނިޓުތައް ދޫކޮށްފިނަމަ، ފޯމު ހުށަހަޅާފައިވާ މީހުންނަށް ޤާނޫނުއަސާސީ އާއި ޤާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ޙައްގުތައް ގެއްލިގެންދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ތަހުގީގަކަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ އުސޫލު އިސްލާހުކޮށް، މިހާރު ފޯމު ހުށަހަޅާފައިވާ މީހުންގެ ފޯމުތައް އަލުން އިވެލުއޭޓް ކުރުމަކީވެސް އެންމެ އިންސާފުވެރިވާނެ ގޮތެއް ކަމަށް ތަހުގީގަށް ގަބޫލެއް ނުކުރެވޭ ކަމަށް ވިދާޅުވެއެވެ.

ތަހުގީގަށްފަހު އެޗްއާރުސީއެމުން ވަނީ ވަގުތީ ފްލެޓް ލިސްޓު ބާތިލުކޮށް، އާ އުސޫލެއް އެކުލަވާލަން ނޮޅިވަރަންފަރު ކައުންސިލަށް އަންގާފައެވެ. އައު އުސޫލު ހަދާއިރު، އެޗްއާރުސީއެމްގެ ތަހުގީގުގެ ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ކަންކަމަށް ރިއާޔަތްކުރުމަށް އެ ކޮމިޝަނުން ވަނީ ކައުންސިލަށް އަންގާފައެވެ.

ކޮމިޝަނުގެ އެންގުމާ އެއްގޮތަށް އަމަލުނުކޮށްފި ނަމަ، ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގެ ތަހުގީގުގެ ރިޕޯޓުގެ ތަފުސީލް ނޮޅިވަރަންފަރު ކައުންސިލާއި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރާ އަދި މައްސަލަ ހުށަހެޅި މީހުންނާ މިހާރު ހިއްސާކޮށްފައިވާކަމަށްވެސް އެޗްއާރުސީއެމުން ވިދާޅުވެއެވެ،

ނޮޅިވަރަންފަރުގައި އިމާރާތް ކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. ނަމަވެސް އުސޫލަށް ބަދަލުތަކެއް ގެނެސް ފްލެޓްތަކަށް ކުރިމަތިލާން މިދިޔަ އަހަރުގެ މާޗު މަހު އަލުން ހުޅުވާލިއެވެ.