ޚަބަރު

ކޮމަންވެލްތުގެ އައު ސެކްރެޓަރީ ޖެނެރަލަށް ނައިބު ރައީސް މަރުޙަބާ ވިދާޅުވެއްޖެ


  • ކޮމަންވެލްތުގެ ޤައުމުތަކުގެ ލާބައާއި މަންފާއަށް ދިވެހި ސަރުކާރުން މަސައްކަތް ކުރައްވާނެ

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަންކުރެއްވި ގާނާގެ ޚާރިޖީ ވަޒީރު ޝަރލީ އަޔޯރކޯރ ބޮޗްވޭއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ކޮމަންވެލްތުގެ އައު ސެކްރެޓަރީ ޖެނެރަލަށް މަރުޙަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮމަންވެލްތުގެ ޤައުމުތަކުގެ ލާބައާއި މަންފާއަށް ދިވެހި ސަރުކާރުން ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލުވެސް ވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ އަލަށް ހަވާލުވެވަޑައިގެންނެވި ގާނާގެ ޚާރިޖީ ވަޒީރަށް މަރުހަބާ ވިދާޅުވެފައެވެ. އެކަމަނާގެ ދައުރުގައި ދިވެހިރާއްޖޭން ކޮމަންވެލްތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޝަރލީ އަޔޯރކޯރ ބޮޗްވޭ އައްޔަން ކުރައްވާފައިވަނީ ސަމޯއާގައި ނިމުނު ހަފުތާގައި ކުރިއަށްދިޔަ "ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިން"ގައެވެ. މެންބަރު ޤައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ރާއްޖެ ތަމްސީލްކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފެވެ.