ޚަބަރު

އަމާޒަކީ މި ސަރަހައްދުގެ އެންމެ ކުރިއަރައިފައިވާ ޓެކްސް އޮތޯރިޓީއަށް މީރާ ހެދުން: ޒަރީރު


  • ކުރިއަށް އޮތް 4 އަހަރުގެ ސްޓްރެޓީޖިކް ޕްލޭންގެ މަސައްކަތްދަނީ ކުރަމުން

  • މުޅި ޕްރޮސެސް އޮޓޮމޭޓުކުރުމަށް ވަނީ ވިސްނާފައި

  • މީރާގައި އީ -ޓެކްސް އިންވޮއިސް ސިސްޓަމެއް ގާއިމްކުރާނެކަމަށް ވިދާޅުވި

އަމާޒަކީ މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ، މީރާ އަކީ މި ސަރަހައްދުގެ އެންމެ ކުރިއަރައިފައިވާ ޓެކްސް އޮތޯރިޓީއަށް ހެދުންކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މީރާއިން މިހާރުދަނީ ކުރިއަށްއޮތް 4 އަހަރުގެ ސްޓްރެޓީޖިކް ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތްކުރަމުންނެވެ.

ޕީއެސްއެމްނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވީ މީރާގެ ކުރިއަށް 4 އަހަރަގެ ސްޓްރެޓީޖިކް ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ކުރެވެމުންދަނީ ގިނަ ބައެއްގެ ބައިވެރިވުމާއެކު ކަމަށެވެ.

އެގޮތުން ރާއްޖޭގައި ސްޓްރެޓީޖިކް ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާއި، ރާއްޖެއިން ބޭރުގެ ކޮންސަލްޓެންޓުންނާއި އެކުވެސް މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.

މީގެއިތުރުން މީރާއާއި މެދު ޓެކްސް ދައްކާ ފަރާތްތަކުން ދެކޭގޮތް ހޯދުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޒަރީރު ވިދާޅުވިއެވެ.
ކޮމިޝަނަރ ޖެނެރަލް ވިދާޅުވީ ސްޓްރެޓީޖިކް ޕްލޭންގައި އެންމެ ބޮޑު އިސްކަމެއް ދެނީ މި ސަރަހައްދުގެ އެންމެ ކުރިއަރާފައިވާ ޓެކްސް އޮތޯރިޓީއަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ކަމަށެވެ.

"ސްޓްރެޓީޖިކް ޕްލޭންގައި ވަރަށް ބޮޑަށް ފާހަގަކޮށްފައި ހުންނާނެ މީރާއަކީ މި ރީޖަންގެ އެންމެ ލީޑިންގ ޓެކްސް އޮތޯރިޓީއަށް ހެދުމަށް އަޅުގަނޑުމެން ކުރާނެ މަސައްކަތްތައް، މިހާރުވެސް ރާއްޖޭގެ ލެވަލްގައި ބެންޗު މާކު ކުރެވޭ ފަދަ އެޖެންސީއެއް" ޒަރީރު ވިދާޅުވިއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޒަރީރު ވިދާލުވީ މީރާއަށް ޒަމާނީ ގިނަ ބަދަލުތަކެއް ގެނައުމަށް ރާވަމުންދާކަމަށެވެ. އެގޮތުން ޓެކްސް ދެއްކުމުގެ މުޅި ޕްރޮސެސް އޮޓޮމޭޓުކުރުމަށް ވިސްނާފައިވާކަމަށެވެ.

"އެންމެ ފުރަތަމަ ކަމެއްގެގޮތުގައި މީރާގެ މިހާރު ހުރި ސިސްޓަމްތައް އަޕްގްރޭޑުކުރުން، ދެން އެއަށްފަހު އެ އަޕްގްރޭޑުކުރެވޭ ސިސްޓަމްއާއި އެކު ޓެކްސް ދައްކާ ފަރާތްތަކާއި ގާތުން މަސައްކަތްކުރެވޭނެގޮތަށް މީރާގައި އީ -ޓެކްސް އިންވޮއިސް ސިސްޓަމެއް ގާއިމްކުރާނެ، މިއާއެކު ވިޔަފާރިތަކުގެ ސިސްޓަމްތަކާއި މީރާގެ އިންވޮއިސް ސިސްޓަމްއާއި އިންނާނީ ގުޅިފައި" ޒަރީރު ވިދާޅުވިއެވެ.

މީރާއިން ވަނީ ބައެއް ސްޓޭކްހޯލްޑަރުންނާއެކު "މީރާގެ ސްޓޭކްހޯލްޑަރ ކޮންސަލްޓޭޝަން އިވެންޓް"ގެ ނަމުގައި ފޯރަމެއް މިމަހުގެތެރޭގައި ބާއްވާފައެވެ. މީރާގެ ސްޓްރެޓީޖިކް ޕްލޭން ތައްޔާރުކުރުމުގެ ޚިޔާލާއި މަޝްވަރާހޯދުމަށް ބޭއްވި މި ބައްދަލުވުމުގައި މީރާއިން އިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ރަނގަޅުކޮށް ޓެކްސްދައްކާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރެވޭނެފަދަ ގޮތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.