ޚަބަރު

ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަންޖެހުނީ ޒިންމާދާރުކަން ކުޑަކޮށް މިއަހަރުގެ ބަޖެޓް ފާސްކޮށްފައި އޮތުމުން: މެމްބަރުން


  • 19 ވަނަ މަޖިލީހުން ބަޖެޓް ފާސްކުރީ ރައީސް މުޢިއްޒުގެ ސަރުކާރަށް ޖެއްސުން ކުރަންކަމަށް މެމްބަރުން ތުހުމަތު ކުރެއްވި

ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަންޖެހުނީ ޒިންމާދާރުކަން ކުޑަކޮށް މިއަހަރުގެ ބަޖެޓް ފާސްކޮށްފައި އޮތުމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިހެން ވިދާޅުވީ ސަރުކާރުން މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓްގެ ބަހުސް މަރުހަލާގައެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން މިއަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓްގެ ތަފްސީލްތައް ފެންނަން އޮތްނަމަވެސް ސަޕްލިމެންޓްރީ ބަޖެޓްގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދެއްކެވި އެމްޑީޕީގެ މެމްބަރުން ވަނީ ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅި ސަބަބާއި ގުޅޭގޮތުން ހަޤީގަތާއި ހިލާފު ވާހަކަތައް ދައްކަވާފައެވެ. އަދި ސަރުކާރުން ބަޖެޓަށް ހިޔާނާތްތެރިވެފައިވާކަމަށްވެސް އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތުކުރެއްވިއެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ މިއަހަރުގެ ބަޖެޓަކީ ރާއްޖޭގައި ފާސްކުރި އެންމެ ބޮޑު އެއް ބަޖެޓު ކަމަށެވެ.

"އަޅުގަނޑުމެން މިދައްކަނީ ޚަރަދު ކުޑަކުރާ ވާހަކަ، އެހެން ނަމަވެސް ޚަރަދު ކުޑަވާތަކެއް އަޅުގަނޑުމެންނަކަށް ނުފެނޭ. އެއްވެސް ޕްރޮޖެކްޓެއް ހިނގާ މަންޒަރެއް އަޅުގަނޑުމެންނަކަށް ނުފެނޭ އަަހަރު ނިމެން ބާކީ ދެމަސްދުވަހަށް ވެފައި މިވަނީ،" އަބްދުލްޣަފޫރު ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުން ވަނީ ސަރުކާރުން ސަޕްލިމަންޓްރީ ބަޖެެޓެއް ހުށަހަޅަން ޖެހުނު ސަބަބުތައް ތަފްސީލީ ގޮތެއްގައި ވިދާޅުވެދެއްވާފައެވެ.

ޕީއެންސީގެ ސީނިއަރ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް ނިމިދިޔަ މަޖިލީހުން މިއަހަރަށް ބަޖެޓް ފާސްކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންނެވި ގޮތަށް ނޫން ކަމަށެވެ. އަދި އެ ބަޖެޓް ފާާސްކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކުރިއަށްގެންދަވަން ނިންމަވާފައިވާ މަސައްކަތްތަކަށް ހުރަސް އެޅޭގޮތަށްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ޚަރަދު ކުޑަކުރުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ލަފާދީފައި އޮތްއިރުވެސް އެކަންކަމަށް ރިޔާޢަތްކޮށްފައި ނުވާކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.

"ރައީސް ޑރ. މުޢިއްޒާހަމައަށް ސަރުކާރު އައިއިރު ސަރުކާރު ހިއްސާވާ ކުންފުނިތައް ދަރާއޮތީ. ފައިސާ ނުދެއްކޭ. މަޝްރޫއުތަކެއް ކުރިއަކަށް ނުހިންގާ. 49 ބިލިޔަން ރުފިޔާގެ ބަޖެޓެއް ހެދިގެން ދިޔައިރު ބަޖެޓުގެ ތެރެއިން މެނޭޖުކުރަންޖެހުނީ ލޯނުތައް ދައްކަން." ޝުޖާޢު ވިދާޅުވިއެވެ.

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގުވެސް ވަނީ ނިމިދިޔަ މަޖިލީހުން ބަޖެޓް ފާސްކޮށްފައިވަނީ ޒިންމާދާރުކަން ކުޑަކޮށްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރައީސް މުއިއްޒު އިރުޝާދު ދެއްވި ގޮތާ ޚީލާފަށް ބަޖެޓް ފާސްކޮށް، މި ސަރުކާރުން ހިންގަން ބޭނުންވި މަޝްރޫއުތައް ނުހިންގޭގޮތަށް ބަޖެޓް ފާސްކޮށްފައިވާކަމަށް ޠާރިގު ވިދާޅުވިއެވެ.

ތާރިޤު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށް ގޮސްފައިވަނީ ނިމިދިޔަ ސަރުކާރުން ޚަރަދަށް ޒިންމާވުމުގެ ޤާނޫނުތައް ސަސްޕެންޑުކޮށް، ހައްދެއް ނެތި ފައިސާ ޗާޕުކުރަމުންދިޔުމުންކަމަށެވެ. ނަމަވެސް މި ސަރުކާރުން ފައިސާ ޗާޕުނުކޮށް ރާއްޖޭގެ އިގްތިސާދު ކޮޅަށްޖެހުމަށް މަސައްކަތް ކުރައްވަމުންދާއިރު އެކަމަށް ބަޖެޓް ބޭނުންވާކަން ޠާރިގު ފާހަގަކުރެއްވިއެވެ.

"އެމްޑީޕީ ސަރުކާރުވިޔަސް މި ސަރުކާރުވިޔަސް ސަޕްލިމަންޓްރީ ބަޖެޓް ހުށަހެޅުމަކީ މައްސަލައެއް ނޫން. ތަފާތަކަށްވަނީ އެމްޑީޕީ ސަރުކާރުން ސަޕްލިމަންޓްރީ ބަޖެޓު ކޮންމެ ފަހަރަކުވެސް ހުށަހަޅަމުންދަނީ ޚަރަދުކޮށްފައި. އޭރު އޮންނަނީ 5 ބިލިޔަން ރުފިޔާ ފާސްކުރަން މަޖިލީހަށް ގެންނައިރު 2 ބިލިޔަން ޚަރަދުކޮށްފައި،" ޠާރިގު ވިދާޅުވިއެވެ.

އެމްޑީއޭ ޕީޖީ ގްރޫޕްގެ މެމްބަރު އަދި ވެލިދޫ ދާއިރާ މެމްބަރު މުޙައްމަދު އައްބާސް ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓް ބޮޑުކަމަށް އެމްޑީޕީގެ މެންބަރުން ސިފަކުރައް ވަނީ ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ނެތް ފައިސާއެއް ބަޖެޓުގައި ޖަހައިގެން އިންތިޚާބާ ދިމާކޮށް މަޝްރޫއުތައް ފެށި ކަމަށާއި އެއީ ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުނިތަކަށް ދިން އަނިޔާއެއް ކަމަށްވެސް އައްބާސް ސިފަކުރެއްވިއެވެ.

"މި ހުށަހެޅިގެންދާ 5 ބިލިޔަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަމާނާތްތެރިކަމާއި އިޚްލާސްތެރިކަމާއެކު ވީހާވެސް އިސްރާފު ކުޑަކޮށް މި ފައިސާ، މި 5 ބިލިޔަން ރުފިޔާގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމުގައި ފަރުވާތެރިވެދެއްވުން އެއީ އަޅުގަނޑުގެ އިލްތިމާސެއް،"

ސަޕްލިމެންޓްރީ ބަޖެޓްގެ ބަހުސް މިއަދު ނިންމާލާފައިވާއިރު، ބަޖެޓް ދިރާސާކުރުމަށް ވަނީ ބަޖެޓް ދިރާސާކުރާ ކޮމިޓީއަށް ފޮނުއްވާފައެވެ. ބަޖެޓާމެދު ގޮތެއް ނިންމާނީ ކޮމިޓީން ބަޖެޓް ދިރާސާކުރުމަށްފަހުއެވެ.