ޚަބަރު

ޑރ. ޚަލީލް، ޒަމީރު އަދި ނާޒިމަށް ކޮމިޓީން ރުހުން ދީފި


  • 3 ވަޒީރުންނަކީވެސް ގާބިލު ބޭފުޅުންކަމަށް ވިދާޅުވޭ

  • 3 ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ ކޮމިޓީ މެންބަރުންގެ އިއްތިފާގުން

ރައީސުލްޖުމްޖުމްހޫރިއްޔާ، ޚާރިޖީ ވަޒީރުކަމަށް އައްޔަން ކުރެއްވި، ޑރ. ޢަބްދުﷲ ޚަލީލާއި މާލީ ވަޒީރުކަމަށް އައްޔަން ކުރެއްވި މޫސާ ޒަމީރުގެ އިތުރުން ސިއްޙަތާ ބެހޭ ވަޒީރުކަމަށް އައްޔަންކުރެއްވި ޢަބްދުﷲ ނާޡިމް އިބްރާހީމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ރުހުން ދީފިއެވެ.

ތިން ވަޒީރުންނަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރެއްވުމަށް ކޮމިޓީއަށް ފޮނުއްވީ މި މަހުގެ 14ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ ކެބިނެޓަށް ބަދަލުތަކެއް ގެންނެވީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެގޮތުން، ކުރިން ޚާރިޖީ ވަޒީރަކަށް ހުންނެވި މޫސާ ޒަމީރު، މާލީ ވަޒީރަކަށް ހަމަޖައްސަވައި ސިއްޙަތާ ބެހޭ ވަޒީރަކަށް ހުންނެވި ޑރ. ޢަބްދުﷲ ޚަލީލް ވަނީ ޚާރިޖީ ވަޒީރަކަށް ހަމަޖައްސަވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ނާޡިމް އިބްރާހީމް ސިއްޙަތާ ބެހޭ ވަޒީރަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވިއެވެ.

މެންބަރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ވާހަކަދައްކަވަމުން ކޮމިޓީގެ މެންބަރުން ވިދާޅުވެފައިވަނީ ތިން ވަޒީރުންނަކީވެސް މީގެކުރިން ވަޒީރުކަން ކުރައްވާފައިވާ ގާބިލު ބޭފުޅުން ކަމަށެވެ. އެހެންވެ ރުހުން ދިނުމަށް ފެންނަ ކަމަށް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި 7 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

ޤާނޫނުގައިވާގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ބަދަލެއް ގެންނެވިނަމަވެސް އަދި ވަޒީރުންގެ މަޖިލީހަށް ބޭފުޅަކު އައްޔަން ކުރެއްވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހެއެވެ.

މަޖިލީހުން ވަޒީރުންނަށް ރުހުން ދޭނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނަންތައް ދިރާސާކުރެއްވުމަށްފަހު ކޮމިޓީން ނިންމާގޮތް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.