ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މެންބަރުކަމުގެ 4 މަޤާމަށް އައްޔަންކުރުމަށް 4 ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މެންބަރުންގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި 13 މީހަކު ކުރިމަތިލިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަގާމުތަކަށް ކުރިމަތިލެއްވި ހުރިހާ ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރަކު ވަކިކުރުމާ ގުޅިގެން އެ ހަތަރު މަގާމުވެސް މިހާރު އޮތީ ހުސްކޮށެވެ. އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލެއްވި 13 ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓު ވަނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައެވެ.
މަޖިލީހުގެ ޖަލްސާގައި ވަނީ މި މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންނަށް ރުހުން ހޯދުމަށް ވަކިވަކިން ވޯޓަށް އަހާފައެވެ. މެންބަރުންގެ ވޯޓުން ރުހުން ދިނުމަށް ފާސްކޮށްފައިވަނީ އަލްއުސްތާޛް އަބްދުލްޣަނީ މުހައްމަދާއި، އިބްރާޙިމް ޝަރީފާއި، ހަސަން ޒުހައިރު މުހައްމަދުގެ އިތުރުން އަލްއުސްތާޛާ ޝިފްޒާ އަބްދުލްޤައްޔޫމް ނަމެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ކުރިން ތިއްބެވި ހަތަރު މެންބަރުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މަޖިލީހުން އެގޮތަށް ސަރުކާރަށް ލަފާ ދެއްވުމުންނެވެ. މަޖިލީހުން މިގޮތަށް ފާސްކުރީ ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށައެޅި ސިޓީއަކާ ގުޅިގެން ޖުޑީޝަރީ ކޮމިޓީން އެ މައްސަލަ ދިރާސާކުރުމަށްފަހުއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލާ ގުޅޭ މައްސަލަ ބެލި ބެލުމުން، އެ އިދާރާއިން، ކުރީ ސަރުކާރުގެ ދުވަސްވަރު ކޮރަޕްޝަނަށް ތުހުމަތުވާގޮތަށް އެތައް ކަމެއް ކޮށްފައިހުރިކަން ފާހަގަކުރެވިފައިވާކަމަށް ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓުގައި ވަނީ ބަޔާންކުރައްވާފައެވެ. އަދި ޚަރަދު ކުޑަކޮށް ކުރެވެންހުރި ކަންކަން ދައުލަތުގެ މާލިއްޔަތަށް ބުރަވާގޮތަށް، ބޮޑު އަގުގައި ކޮށްފައިހުރިކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ޓްރައިބިއުނަލްގައި ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް ކަންކަން ކޮށްފައިހުރިކަން ފާހަގަކުރެވޭތީ އެކަންކަން ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައެޅުމަށްވެސް ޖުޑީޝަރީ ކޮމިޓީން ވަނީ ނިންމަވާފައެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލުން ވަކިކުރީ އެ ޓްރައިބިއުނަލްގެ ރައީސް މުޙައްމަދު މުނައްވަރު އަލީއާއި، ނައިބު ރައީސް ހުސައިން ޒައިދާން ޖަލީލާއި، މެންބަރު ޚަދީޖާ ނައީމް އަދި އަހުމަދު އަޝްރަފެވެ.