ޚަބަރު

އުމުރުން ދުވަސްވީ މީހެއްގެ ކާޑު ބޭނުންކޮށްގެން 25،000 ރުފިޔާ ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފި


  • މި މައްސަލައިގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައި

  • ވަގަށް ނެގި 25،000 ރުފިޔާގެ ތެރެއިން 23،000 ރުފިޔާ ވަނީ ހޯދާފައި

އުމުރުން ދުވަސްވީ މީހެއްގެ ކާޑު ބޭނުންކޮށްގެން 25،000 ރުފިޔާ ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގއ. ވިލިނގިލީގައި އުމުރުން ދުވަސްވީ އަންހެނެއްގެ ކޭޝް ކާޑު ބޭނުންކޮށްގެން އެ އަތޮޅުގެ މާމެންދޫގައި ހުންނަ ބީއެމްއެލް އޭޓީއެމުން ފައިސާ ނަގާފައިވާ މައްސަލައެއް ރޭ 20:13 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި ކާޑު ވަގަށްނެގި ކަމަށް ތުހުމަތުވާ މީހުން މާމެންދޫއިން ވިލިނގިއްޔަށް ދަތުރުކުރަނިކޮށް ކަނޑުމަތިން އަތުލައިގެންފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އެ މީހުން ދަތުރުކުރި ލޯންޗު ބަލައި ފާސްކުރުއިރު ކޭޝް ކާޑު ބޭނުންކޮށްގެން ވަގަށް ނެގި ކަމަށް ބެލެވޭ 25،000 ރުފިޔާގެ ތެރެއިން 23،000 ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި، ލައިފް އުމުރުން 22 އަހަރުގެ މުޙައްމަދު ޝައިން ޝަމީޒާއި، ލ. ގަން ތުނޑި، ނޯތުހެވަން އުމުރުން 24 އަހަރުގެ ޙަމްދޫން ޚާލީލެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީޤުކުރަމުންނެވެ.