ޚަބަރު

ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި


ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ޑައިވިންގ ދޯންޏެއް ސ.މީދޫ އިރުމަތީ ފަރާތު ފަރަށް އެރުމާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން އެހީތެރިން ފޯރުކޮށްދޭން ފަށައިފިއެވެ.

މިހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. "ވިދުވަރު" ނަމަކަށް ކިޔާ މިދޯނި ފަރަށް އެރިއިރު މިދޯނިން 7 ފަތުރުވެރިންނާއި ޑައިވިންގ އިންސްޓްރަކްޓަރެއްގެ އިތުރުން 3 ފަޅުވެރިންނާއެކު ޖުމްލަ 11 މީހުން ދަތުރުކުރި ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.

މިހާދިސާގެ މަޢުލޫމާތު މިއަދު 13:00 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް ލިބުމާއެކު ކޯސްޓްގާޑް ޝިޕް ހުރަވީ އާއި ހާބަރކްރާފްޓް 108 ޑައިވަރުންނާއެކު އެސަރަހަށްދަށް ގޮސް އެ ދޯނި ފުންކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، މިހާދިސާގައި މިދޯނީގެ ބަނޑުފިލާ ފަޅައިގެން ގޮސް ދޯނި ދިޔަވެފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. މިދޯނި ފުންކުރުމުގެ މަސައްކަތުގައި އެމްއެންޑިއެފް ސަދަން އޭރިއާގެ ޑައިވަރުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.