ޚަބަރު

ވޭޕް ވިއްކައިފިނަމަ 20،000 ރުފިޔާއިން، ބޭނުންކޮށްފިނަމަ 5،000 ރުފިޔާގެ ޖޫރިމަނާއެއް


  • 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތުގެ އުފެއްދުންތައް ވިއްކުން މަނާވާނެ

  • ދުންފަތުގެ ވިޔަފާރިއަށް ލައިސަންސް ދޫނުކުރާނެ

އީ-ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ ބާވަތްތައް ވިއްކައިފިނަމަ ވިހި ހާސް ރުފިޔާއިން ޖޫރިމަނާކޮށް، އަދި އެ ބޭނުންކޮށްފިނަމަ ފަސް ހާސް ރުފިޔާއިން ޖޫރިމަނާކުރާގޮތަށް ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށައަޅުއްވައިފިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވަނީ ވޭޕް ބޭނުންކުރުމާއި ވިއްކުން މަނާކޮށް، ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމުގެ ގޮތުންނެވެ. މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާނެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ދަށުން ދުންފަތުގެ ބާވަތްތައް 21 އަހަރުން ދަށުގެ އެއްވެސް މީހަކަށް ވިއްކުމާއި އެފަދަ އުފެއްދުމެއް ވިއްކުމުގައި ބައިވެރިކުރުވުމަކީވެސް މަނާކަމެކެވެ. އަދި އެކަން އެނގޭގޮތަށް އެފަދަ ތަކެތި ވިއްކާ ތަންތަނުގައި އިންޒާރު ހަރުކުރަންވެސް މި އިސްލާހުގައިވަނީ ހިމަނުއްވާފައެވެ. މިހާރު ދުންފަތުގެ އުފެއްދުންތައް ވިއްކޭނެ އެންމެ ހަގު އުމުރަކީ 18 އަހަރެވެ.

މި އިސްލާހުގެ ދަށުން ދުންފަތުގެ ބާވަތްތައް ރާއްޖޭގައި އިޝްތިހާރުކުރުމާއި އެތަކެތި އާންމުންނަށް ފެންނާނެހެން ބެހެއްޓުމާއި އާންމުންނަށް ފެންނާނެހެން އެއްތަނުން އަނެއްތަނަށް އުފުލުންވެސް މަނާވާނެއެވެ. އަދި ރާއްޖޭގައި ދުންފަތް އުފެއްދުމާއި ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުންވެސް މަނާވާނެއެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ އީ-ސިނގިރޭޓްފަދަ ވޭޕްކުރަން ބޭނުންވާ އާލާތްތައް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުންވެސް މަނާކޮށްފައެވެ. އެފަދަ ތަކެތި ރާއްޖެއަށް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާކުރުމާއެކު އެތެރެކުރާ ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެކަމަށް އިޞްލާހުގައިވެއެވެ.

ވޭޕްކުރަން ބޭނުންކުރާ އެއްވެސް ބާވަތެއްގެ އާލާތެއް ރާއްޖޭގައި ވިއްކައިފިނަމަ އެ ފަރާތެއް 20،000 ރުފިޔާއިން ޖޫރިމަނާކުރުމާއެކު ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރަން ބިލުގައި ހިމަނުއްވާފައިވާއިރު، އެފަދަ އާލާތެއް ހިލޭ ބަހައިފިނަމަ އެ އަމަލެއް ކުރި މީހަކު 10،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި ވޭޕުގެ އެއްވެސް ބާވަތެއް ބޭނުންކޮށްފި މީހަކު 5،000 ރުފިޔާއިން ޖޫރިމަނާކުރުމަށްވެސް ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ބަޔާންކުރައްވާފައެވެ.

މީގެ އިތުރުން ވޭޕް ކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުން ކުރާ ޖޫރިމަނާގެ އިތުރަށް 50،000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެކަމަށްވެސް އިސްލާހުގައި ވަނީ ހިމަނުއްވާފައެވެ.

މި އިސްލާހުގެ ދަށުން ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކޮށް، ބޭރުކުރާ އަދި ގަނޑުކޮށްނާއި ވަކިވަކިން ވިއްކާ ކޮންމެ ފަރާތެއްވެސް އެކަމަށް ޚާއްސަ ލައިސަންސް ނަގަން ޖެހޭނެއެވެ. މި ލައިސަންސް ހަމައެކަނި ދުންފަތާ ގުޅުންހުރި ވިޔަފާރި ހިންގުމަށް ދޫނުކުރާނެކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

މި އިސްލާހު ފާސްވެ، އަމަލުކުރުމަށް ނިންމާފައިވަނީ އަންނަ މަހުގެ 15ވަނަ ދުވަހުން ފެށިގެންކަމަށް ބިލުގައި ވަނީ ބަޔާންކުރައްވާފައެވެ.