އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދިނުމާ ގުޅޭ ގޮތުން ޔަހޫދީން ރާވާފައިވާ ރޭވުންތަކާ ގުޅޭ ސިއްރު މަޢުލޫމާތުތަކެއް ލީކުކޮށްލާފައިވާ މައްސަލަ ތަޙުޤީޤު ކުރަން ފަށާފައިވާ ކަން އެމެރިކާއިން ހާމަކޮށްފިއެވެ. މި ކަން ހާމަކުރައްވާފައި ވަނީ އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް, ކޮންގްރެސްގެ ތިރިގެ, ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް މައިކް ޖޮންސަނެއެވެ. އޭނާ ވިދާޅުވީ, އީރާނަށް ޙަމަލާ ދިނުމާ ގުޅޭ ގޮތުން ޔަހޫދީން އެކުލަވައިލާފައިވާ ރޭވުންތަކުގެ މަޢުލޫމާތު ހިމެނޭ ޖާސޫސީ ދެ ލިޔުމެއް ލީކުކޮށްލާފައިވާ ކަމުގައެވެ.
ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކާ ގުޅޭ ރޭވުންތައް އެކުލަވައިލާފައި ވަނީ އެމެރިކާގެ ދިފާޢީ ވުޒާރާގެ ޖާސޫސީ އިދާރާއެއް ކަމުގައިވާ ނޭޝަނަލް ގިޔޯ-ސްޕޭޝަލް އިންޓެލިޖެންސް އޭޖެންސީ (އެންޖީއޭ)ންނެވެ. އެ ޖާސޫސީ ރިޕޯޓުތައް އެކުލަވައިލާފައި ވަނީ, އޮކްޓޫބަރު 15ން 16އާ ދެމެދު ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކެއްގެ މައްޗަށް ބިނާކޮށް, ޔަހޫދީންގެ ވައިގެ ސިފައިންނާއި ކަނޑުގެ ސިފައިންގެ އަމަލުތަކާއި ތައްޔާރީތައް ޖާސޫސް ކުރުމަށް ފަހުއެވެ. އެ ރިޕޯޓުތައް ލީކުކޮށްލާފައި ވަނީ ސޯޝަލް ނެޓްވޯކިންގ މަންސައެއް ކަމުގައިވާ ޓެލެގްރާމުގައެވެ.
މެދުއިރުމަތީގެ ބާރެއްގެ ގޮތުގައި ބެލެވޭ އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދިނުމަށް ޔަހޫދީން ތައްޔާރުވަމުން މި ދަނީ, ޒަޔަނިސްޓު ދައުލަތަށް އީރާނުން ދީފައިވާ ޙަމަލާތަކެއްގެ ބަދަލު ހިފުމުގެ ގޮތުންނެވެ. އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒުތަކަށް ޙަމަލާ ދީފައި ވަނީ, ފަލަސްޠީނާއި ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެންނެވެ. އަދި, ޖުލައި 31ވަނަ ދުވަހު އީރާނުގެ ވެރިރަށް ތަހްރާނަށް ނިރުބަވެރި ޙަމަލާއެއް ދިނުމުން, އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.
އޮކްޓޫބަރު 1ވަނަ ދުވަހު އައިއާރްޖީސީން ދިން ޙަމަލާތަކުގައި 180އެއްހާ ބެލިސްޓިކް މިސައިލް ބޭނުން ކުރިއެވެ. އޭގެ ތެރެއިން ގިނަ މިސައިލްތައް ދިފާޢު ކުރަން ޔަހޫދީން ވަނީ ނުކުޅެދިފައެވެ. އަދި, ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެމެރިކާއިން މެދުއިރުމައްޗަށް ފޮނުވާފައިވާ އަސްކަރީ މަނަވަރުތަކާއި މަތިންދާބޯޓުތައް ބޭނުންކޮށްގެން ވެސް އޭގެ ތެރެއިން ގިނަ މިސައިލްތައް ދިފާޢު ކުރެވިފައެއް ނުވެއެވެ. އައިއާރްޖީސީގެ ޙަމަލާތަކުގައި ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް, އެ ގެއްލުންތަކުގެ ތަފުސީލު ހާމަކުރަން ޔަހޫދީން ދަނީ ދެކޮޅު ހަދަމުންނެވެ.
އެމެރިކާގެ ޚަބަރުފަތުރާ ޓީވީ ޗެނަލް ސީއެންއެނަށް ދެއްވި ބަސްދީގަތުމެއްގައި ޖޮންސަން ވިދާޅުވީ, އީރާނަށް ޙަމަލާ ދިނުމަށް ޔަހޫދީން ރާވާފައިވާ ރޭވުންތަކާ ބެހޭ ސިއްރު މަޢުލޫމާތުތަކެއް ލީކުކޮށްލާފައިވާ މައްސަލައިގެ ތަޙުޤީޤު ކުރަމުންދާ ކަމުގައެވެ. އަދި, އެ މައްސަލަ ވަރަށް ގާތުން ބަލަމުންދާ ކަމުގައެވެ. ލީކުކޮށްލާފައިވާ ލިޔެކިޔުންތަކާ ގުޅޭ ގޮތުން އެންޖީއޭގެ އިތުރުން އެމެރިކާގެ އޮފީސް އޮފް ދި ޑިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސުން ވެސް ވަކި އެއްޗެއް ހާމަކޮށްފައެއް ނެތެވެ.
ލީކު ކޮށްލާފައިވާ ލިޔެކިޔުންތަކާ ގުޅޭ ގޮތުން އެމެރިކާގެ ނޫހެއް ކަމުގައިވާ ދި ނިއު ޔޯކް ޓައިމްސާ ވާހަކަދެއްކި އެމެރިކާ ސަރުކާރުގެ މަޞްދަރަކުން ވަނީ, އެއީ ސައްޙަ ލިޔެކިޔުންތަކެއް ކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް, ޖާސޫސީ ރިޕޯޓުތަކުގައި ހިމެނޭ ހުރިހާ މަޢުލޫމާތެއް ލީކު ކޮށްލާފައި ނުވާ ކަން ވެސް މަޞްދަރުތަކުން އެ ނޫހަށް ކަށަވަރު ކޮށްދިނެވެ.
ލީކު ކޮށްލާފައިވާ އެއް ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުގައި, އީރާނަށް ޙަމަލާ ދިނުމަށް ޔަހޫދީ ފައުޖުން ބެލިސްޓިކް މިސަައިލްގެ އިތުރުން އަސްކަރީ މަތިންދާބޯޓުތައް ވެސް ބޭނުން ކުރާނެވެ. އަދި, ދެވަނަ ރިޕޯޓުގައި ހާމަކޮށްފައިވާ މަޢުލޫމާތުން ސާފުވާ ގޮތުގައި, އީރާނަށް ޙަމަލާ ދިނުމަށް ޔަހޫދީ ފައުޖުން އަސްކަރީ ޑްރޯން ފަދަ ހަތިޔާރު ވެސް ބޭނުން ކުރާނެއެވެ. އީރާނަށް ޙަމަލާ ދިނުމަށް ޔަހޫދީން ވަމުންދާ ތައްޔާރީތަކާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ, ޔަހޫދީން އީރާނަށް ޙަމަލާދޭނެ ވަގުތާއި ގޮތް ވެސް އޭނާއަަށް އެނގިވަޑައިގަންނަވާ ކަމުގައެވެ. ނަމަވެސް, ދެ ފަރާތުގެ ދެމެދުގައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ފުރުޞަތުތަކެއް އޮތް ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން މެދުއިރުމަތީގައި ހޫނުވެފައިވާ މަސްރަޙު ފިނި ކުރަން މަސައްކަތްތަކެއް ކުރަމުންދާ ކަން ދެއްކުމަށް އެމެރިކާއިން ދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. ނަމަވެސް, ޔަހޫދީންގެ ޖަރީމާތަކުގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. ފަލަސްޠީނާއި ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި ބޭނުން ކުރަމުން ދަނީ އެމެރިކާއިން ފޯރުކޮށްދެމުންދާ ހަތިޔާރުތަކެވެ. އަދި, ޢުދުވާންތައް މެދުކެނޑުނަ ނުދިނުމުގެ ގޮތުން އެމެރިކާއިން ދަނީ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތައް ހުއްޓުމެއް ނެތި ޔަހޫދީންނަށް ފޯރުކޮށްދެމުންނެވެ. އެ ކަމުގެ އެންމެ އަޑީގައި ހުންނެވީ ބައިޑަނެވެ.