އޮގަސްޓާއި އޮކްޓޫބަރު މަހު ބަންގްލަދޭޝަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ, 1.1 މިލިޔަން މެޓްރިކް ޓަނުގެ ހަނޑޫ ހަލާކުވެފައިވާ ކަން އެ ޤައުމުގެ ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. އޮގަސްޓާއި އޮކްޓޫބަރު މަހު ބޯކޮށް ވާރޭވެހި, ފެންބޮޑުވުމާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި 75 މީހުން މަރުވިއެވެ. އަދި, އެތައް މިލިޔަން މީހުން ހާލުގައި ޖެހި, ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނީ އެ ޤައުމުގެ އިރުމައްޗާއި އުތުރުގެ ސަރަޙައްދުތަކުގައި ދަނޑުވެރިކަން ކުރާ ޢާއިލާތަކަށެވެ.
އެ ޤައުމުގެ ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ, ފެންބޮޑުވުމާ ގުޅިގެން ގިނަ އަދަދެއްގެ ހަނޑޫ ދަނޑުތަކަށް ގެއްލުންވި ކަމުގައެވެ. އަދި, ބަންގްލަދޭޝްގެ ބާޒާރަށް ނެރެވޭ ހަނޑުލުމުގެ އަދަދު މަދުވެ, ބޭރު ޤައުމުތަކުން ހަނޑޫ އެތެރެ ކުރަން މަޖުބޫރުވެފައިވާ ކަމުގައެވެ. އެ ކަމާ ގުޅިގެން ކާބޯތަކެތީގެ އަގުތައް ވަނީ އުފުލެން ފަށާފައެވެ. ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ, 500,000 ޓަނުގެ ހަނޑޫ އެތެރެ ކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށާއި, ހަނޑޫ އެތެރެ ކުރުމުގެ ފުރުޞަތު އަމިއްލަ ވިޔަފާރި ކުންފުނިތަކަށް ހުޅުވައިލަން ނިންމާފައިވާ ކަމުގައެވެ.
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އިސްތިޢުފާ ދެއްވުމާ ގުޅިގެން އޮގަސްޓު މަހު އެ ޤައުމުގައި ވަގުތީ ސަރުކާރެއް ވަނީ އެކުލަވައިލާފައެވެ. އޮގަސްޓު 5ވަނަ ދުވަހު ޙަސީނާ އިސްތިޢުފާ ދެއްވާފައި ވަނީ, ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި ތަޢުލީމު ހާސިލުކުރާ ދަރިވަރުން އޭނާގެ ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތައް ހުއްޓުވަން ބާރުގެ ބޭނުން ކުރުމާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާ ދަނޑިވަޅެއްގައެވެ. އެ ހަމަނުޖެހުންތަކުގައި 700އެއްހާ މީހުން މަރުވެ, އެތަކެއް ހާސް ބަޔަކު ޒަޚަމުވިއެވެ.
ނޮބެލް ސުލްޙައިގެ އިނާމު ހާސިލު ކުރައްވާފައި މުޙައްމަދު ޔޫނުސްގެ މުޝީރު ކަމުގެ ދަށުން އެކުލަވައިލާފައިވާ ސަރުކާރަށް މި ވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އުފުލެމުންދާ ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލް ކުރުމެވެ. ފާއިތުވި މަސްތަކުގެ ތެރޭގައި ބަންގްލަދޭޝްގައި ކާބޯތަކެތީގެ އަގުތައް %20އަށް އުފުލިފައިވާ ކަމަށް ތަފާސްހިސާބުތަކުން ހާމަވެެއެވެ. މި ކަމަށް ޙައްލެއް ހޯދުމުގެ ގޮތުން ބަންގްލަދޭޝަށް ހަނޑޫ އެކްސްޕޯޓު ކުރާނީ އިންޑިޔާއިން ކަމަށް ބެލެވެއެވެ.
ފެންބޮޑުވުމާ ގުޅިގެން ހަނޑުލުމުގެ އިތުރުން އެހެން ބާވަތްތައް ހައްދާ ދަނޑުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ބަންގްލަދޭޝްގެ ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ, ފެންބޮޑޫވުމާ ގުޅިގެން 200,000އެއްހާ ޓަނުގެ ތަރުކާރީ ހަލާކުވެފައިވާ ކަމުގައެވެ. އަދި, ދަނޑުވެރިކަމުގެ ސިނާއަތަށް ލިބިފައިވާ ގެއްލުމުގެ އަގު 380 މިލިޔަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމުގައެވެ.
ބަންގްލަދޭޝަކީ ދުނިޔޭގައި ތިންވަނައަށް އެންމެ ގިނައިން ހަނޑޫ ހައްދާ ޤައުމެވެ. އެ ޤައުމުގެ 170 މިލިޔަން މީހުންނަށް ބޭނުންވާ 40 މިލިޔަން ޓަނުގެ ހަނޑޫ އެ ޤައުމުގައި ކޮންމެ އަހަރަކު ވެސް ހައްދައެވެ. ނަމަވެސް, އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހުން ފަދަ ޤުދުރަތީ ހާދިސާތަކާ ގުޅިގެން ކޮންމެ އަހަރަކު ވެސް އެ ޤައުމުގެ ދަނޑުވެރިކަމުގެ ސިނާއަތަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. އަދި, ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން ދަށްވެއެވެ.
"މޫސުމީ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް, ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފެންބޮޑުވުމާއި ހަނަފަސް ކަމުގެ ސަބަބުން ގެއްލުންނުވާ ބާވަތްތަކުގެ ކާބޯތަކެތި ހައްދަން އިސްކަން ދޭން ޖެހޭ،" ބަންގްލަދޭޝް ރައިސް ރީސަރޗް އިންސްޓިޓިއުޓްގެ ޗީފް ސައިންޓިފިކް އޮފިސަރ ކަންދަކާރު މުޙައްމަދު އިފްތިޚާރު އަލް-ދަވްލާ ވިދާޅުވިއެވެ. ދަނޑުވެރިކަމުގެ ސިނާއަތާ ގުޅޭ ދިރާސާތަކަށް އިންވެސްޓު ކުރުން އިތުރު ކުރަން ޖެހިފައިވާ ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.