ޚަބަރު

ރަސްފަރި ފަރު އަލުން އިޔާދަކުރުމަށް އެމްޑަބްލިއުއެސްސީން އެހީވަނީ


  • ރަސްފަރި ފަރު ހަލާކުވީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހު ފަރަށް ބާޖެއް އަރައިގެން

  • މިއާއެކު ފަރުގެ 2800 އަކަ މީޓަރަށް ވުރެ ބޮޑު ސަރަޙައްދެއްވަނީ ހަލާކުވެފައި

ރަސްފަރި ފަރު އާރާސްތުކޮށް އަލުން އިޔާދަކުރުމުގެ މަޝްރޫޢަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީއާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އީޕީއޭއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، ޢަބްދުލް މަތީން މުޙައްމަދެވެ. އީޕީއޭގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް، އިބްރާހިމް ނަޢީމެވެ.

އެމްޑަބްލިޔުއެސްސީން ވިދާޅުވީ، މިއެއްބަސްވުމަކީ އީޕީއޭއިން އިސްނަގައިގެން ކުރިޔަށްގެންދާ ރަސްފަރީގެ ފަރުތަކާއި މުރަކަތައް އާރާސްތުކޮށް އަލުން އިޔާދަކުރުމުގެ މަޝްރޫޢަށް އެކުންފުނިން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ އެއްބަސްވުމެއްކަމަށެވެ. އެގޮތުން، އެމަޝްރޫޢުގައި ބޭނުންކުރަމުންދާ އާރު.ވީ ތިމާވެށި އުޅަނދުގައި އެމްޑަބްލިޔުއެސްސީން ފެން ޕްލާންޓެއް ބެހެއްޓުމާއި ސާރވޭ ކުރުމަށް ބޭނުންވާ ސާމާނު ހޯދައިދިނުމަށް ހަމަޖެހިފައިވާކަމަށް އެމްޑަބްލިޔުއެސްސީން ވިދާޅުވެއެވެ. އަދި އެކުންފުނީގެ ޢިޖުތިމާއީ ޒިންމާގެ ދަށުން އެމަޝްރޫޢަށް ބޭނުންވާ ފެން ފޯރުކޮށްދިނުމާއި ދަތުރުފަތުރުގެ އިންތިޒާމުތައްވެސް މިއެއްބަސްވުމުގެ ދަށުން ހަމަޖައްސައިދޭނެކަމަށް އެމްޑަބްލިޔުއެސްސީން ހާމަކުރެއެވެ.

ރަސްފަރި ފަރަކީ 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ފަރެކެވެ. އަދި މިއީ މާލެ އަތޮޅުގައި އޮންނަ ތިމާވެށީގެ ގޮތުން އެންމެ މުހިންމު އެއް ސަރަހައްދެވެ. ނަމަވެސް 2021 ވަނަ އަހަރުގެ އޮގަސްޓު މަހު ރަސްފަރި ފަރަށް ބާޖެއް އަރައި، ފަރުގެ 2800 އަކަ މީޓަރަށް ވުރެ ބޮޑު ސަރަހައްދެއް ވަނީ ހަލާކުވެފައެވެ.

އެމްޑަބްލިޔުއެސްސީން ވިދާޅުވީ މިއެއްބަސްވުމަކީ ރާއްޖޭގެ ކަނޑުގެ ވެށި ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެގޮތުން އެމްޑަބްލިޔުއެސްސީން އެޅި މުހިންމު ފިޔަވަޅެއްކަމަށެވެ.