ޚަބަރު

އީރާނުން އިންތިޒާމު ކޮށްގެން އިންޑިޔާ ކަނޑުގައި އަސްކަރީ ތަމްރީނުތަކެއް ފަށައިފި


އީރާނުން އިންތިޒާމު ކޮށްގެން ބާއްވާ އަސްކަރީ ތަމްރީނުތަކެއް އިންޑިޔާ ކަނޑުގައި ފަށައިފިއެވެ. އޮކްޓޫބަރު 19ވަނަ ދުވަހު ފެށި ތަމްރީނުތަކުގައި ރަޝިޔާއާއި އޮމާންގެ އިތުރުން އެހެން ނުވަ ޤައުމަކުން ބައިވެރިވެއެވެ. މި ތަމްރީނުތައް ބާއްވަނީ 'އައިމެކްސް 2024'ގެ ނަމުގައެވެ.

އީރާނުން ބުނީ, މި ތަމްރީނުތަކުގެ މަޤުޞަދަކީ އިންޑިޔާ ކަނޑުގެ ސަރަޙައްދާއި, ކަނޑުދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ގުޅިގެން މަސައްކަތް ކުރުމާއި, ޤައުމުތަކުގެ މެދުގައި އޮތް ދިފާޢީ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުން ކަމުގައެވެ. އަދި, ރަޙުމަތްތެރި ކަން ބަދަހިކުރުން ކަމުގައެވެ. މީގެ އިތުރުން, ކަނޑުމަގުން މުދާ އުފުލުމުގެ ސިނާއަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި, އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމާއި, ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގައި ހާލުގައި ޖެހޭ މީހުން ސަލާމަތް ކުރުމާ ގުޅޭ ތަމްރީނުތައް ކުރިއަށް ގެންދާނެ ކަމުގައި ވެސް އީރާނުން ބުންޏެވެ.

އިންޑިޔާ ކަނޑުގައި އީރާނުން އިސްވެ އަސްކަރީ ތަމްރީނުތަކެއް ފަށާފައި މި ވަނީ, އެ ޤައުމަށް ނިރުބަވެރި ޙަމަލާތަކެއް ދިނުމަށް ޔަހޫދީން ތައްޔާރުމުންދާ ދަނޑިވަޅެއްގައެވެ. ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން މި ވަގުތު ދަނީ ފަލަސްޠީނާއި ލުބްނާނުގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންނެވެ. ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއިން ދަނީ އެ ޖަރީމާތައް ހިންގުމަށް ވާގިވެރިވަމުންނެވެ. އެ ޢުދުވާންތަކުގެ ތެރެއިން ޖުލައި 31ވަނަ ދުވަހު ޔަހޫދީ ފައުޖުން އީރާނުގެ ވެރިރަށް ތަހްރާނަށް ވެސް ނިރުބަވެރި ޙަމަލާތަކެއް ދިނެވެ.

ތަހްރާނަށް ދިން ޙަމަލާގައި, ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ މުޖާހިދުންގެ ޖަމާޢަތް, ޙަމާސްގެ ސިޔާސީ ގޮފީގެ ކުރީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދުކޮށްލިއެވެ. އަދި, ސެޕްޓެންބަރު 27ވަނަ ދުވަހު ލުބްނާނުގެ ވެރިރަށް ބައިރޫތަށް ބޮންއަޅައި އެ ޤައުމުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުالله ޝަހީދު ކޮށްލިއެވެ. އެ ޙަމަލާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ ވެރިޔާގެ ނައިބު ޢައްބާސް ނިލްފުރޫޝާން ވެސް ހިމެނެއެވެ.

އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން އޮކްޓޫބަރު 1ވަނަ ދުވަހު އައިއާރްޖީސީން ވަނީ ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް ނުރައްކާތެރި ޙަމަލާތަކެއް ދީފައެވެ. 180އެއްހާ ބެލިސްޓިކް މިސައިލް ބޭނުން ކޮށްގެން ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒުތަކަށެވެ. އެ ޙަމަލާތައް ދިފާޢު ކުރަން ޔަހޫދީން ނުކުޅެދި, އެ މީހުންގެ ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދިނުމަށް ޔަހޫދީ ފައުޖުން މި ވަގުތު ތައްޔާރުވަމުން އެ ދަނީ އެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ފަށާފައި ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އަދި, ލުބްނާނުގެ މުސްލިމުން ޝަހީދު ކުރަން އެ ޤައުމަށް ބޮންއަޅަން ފަށާފައި ވަނީ ސެޕްޓެންބަރު 23ވަނަ ދުވަހުއެވެ. އެއަށްފަހު, އޮކްޓޫބަރު 1ވަނަ ދުވަހު ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން ވަނީ ބަރުހަތިޔާރާއި އަސްކަރީ ޓޭންކުފަހަރާ އެކު ލުބްނާނުގެ ދެކުނު ސަރަޙައްދުތަކަށް އަރައިގަނެ, ޤަތުލުޢާންމުތައް އިތުރުކޮށް, ފުޅާކޮށްފައެވެ.

ޣައްޒާ ޢުދުވާނާ ދެކޮޅު ހެދުމުގެ ގޮތުން ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް, ޙޫޘީން ވެސް ވަނީ ޔަހޫދީންނާ ދެކޮޅަށް އަސްކަރީ ހަރަކާތެއް ފަށާފައެވެ. އަދި, ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރާ ޔަހޫދީންނާ ގުޅުން އޮތް, އަދި ޒަޔަނިސްޓު އިސްރާއީލަށް މުދާ ގެންދާ އާާގުބޯޓުފަހަރަށް ޙަމަލާ ދޭން ފަށާފައެވެ. ޙޫޘީންގެ އިތުރުން ޙަމާސާއި ޙިޒްބުاللهއަކީ އީރާނުން ވާގިވެރިވާ އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ ޖަމާޢަތްތަކެކެވެ.

ޔަހޫދީންނާ ދެކޮޅަށް އީރާނުން ވާގިވެރިވާ އެކްސިސްގައި ހިމެނޭ ޖަމާޢަތްތަކުން ތެދުވުމާ ގުޅިގެން, ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއާއި އީރާނާ ދެމެދުގައި އުފެދިފައި އޮތް ނުތަނަވަސް ކަން ވަނީ އިތުރަށް ހޫނުވެފައެވެ. އެ ކަމާ ގުޅުވައި އީރާނުން ވަނީ ރަޝިޔާއާއި ޗައިނާއާ އެކު ބާއްވަމުންދާ ގުޅުންތައް އިތުރަށް ހަރުދަނާ ކުރަން ފަށާފައެވެ. މިއީ, އެމެރިކާއަށް ހަޖަމު ކުރެވޭ ކަމެއް ނޫނެވެ.

މި އަހަރުގެ މާރިޗު މަހުވެސް އީރާނާއި ޗައިނާ އަދި ރަޝިޔާ ގުޅިގެން އޮމާން ކަނޑުގައި ބޮޑު އަސްކަރީ ތަމްރީނުތަކެއް ބޭއްވިއެވެ. އީރާނުން އިންތިޒާމު ކޮށްގެން އިންޑިޔާ ކަނޑުގައި ފަށާފައިވާ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވާ އެހެން ޤައުމުތަކުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާ, ޤަޠަރު, އިންޑިޔާ, ޕާކިސްތާން, ބަންގްލަދޭޝް އަދި ތައިލެންޑު ހިމެނެއެވެ.