ޚަބަރު

ޕްރަބޮވޯ އިންޑޮނޭޝިޔާގެ ރައީސް ކަމުގެ މަޤާމުގެ ހުވައި ކުރައްވައިފި


ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ޑިމޮކުރަސީ ކަމުގައިވާ އިންޑޮނޭޝިޔާގެ ރައީސް ކަމުގެ މަޤާމާ ޕްރަބޮވޯ ސުބިއަންތޯ ހަވާލުވެ ވަޑައިގަންނަވައިފިއެވެ. ރައީސް ކަމުގެ މަޤާމުގެ ހުވައި ޕްރަބޮވޯ ކުރައްވާފައި ވަނީ, ވެރިރަށް ޖަކަރްތާގައި ހުންނަ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އޭނާގެ ރަނިންގ މޭޓެއްގެ ގޮތުން ނައިބު ރައީސް ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގަތީ, ވެރިކަމުން ވަކިވެ ވަޑައިގަންނަވާ ކުރީގެ ރައީސް ޖޮކޯ ވިޑޯޑޯގެ ދޮށީ ދަރިކަލުން, 37 އަހަރުގެ ގިބްރާން ރަކަބުމިންގ ރަކަރްއެވެ.

ޢުމުރުން 73 އަހަރުގެ ޕްރަބޮވޯއަކީ އިންޑޮނީޝިޔާގެ އަސްކަރިއްޔާގެ އެންމެ ބާރުގަދަ ފައުޖު ކަމުގައިވާ ސްޕެޝަލް ފޯސަސްގެ އިސް ޖެނެރަލެއްގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. ނަމަވެސް, 1998 ވަނަ އަހަރު އޭނާ ވަނީ އަސްކަރިއްޔާގެ މަޤާމުން ވަކި ކޮށްފައެވެ. ފެބުރުވަރީ 17ވަނަ ދުވަހު އިންޑޮނީޝިޔާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ޕްރަބޮވޯ ކާމިޔާބީ ހޯއްދަވާފައި ވަނީ ވޯޓުލާފައިވާ މީހުންގެ %60ގެ ތާޢީދާ އެކުގައެވެ. އިންޑޮނީޝިޔާގެ އަށްވަނަ ރައީސް ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގެންނެވި ޕްރަބޮވޯގެ އިންތިޚާބީ ވަޢުދުތަކުގެ ތެރޭގައި މަދަރުސާތަކުގައި ތަޢުލީމު ހާސިލު ކުރާ ހުރިހާ ދަރިވަރުންނަށް ހިލޭ ކެއުން ފޯރުކޮށްދިނުން ހިމެނެއެެވެ.

އިންތިޚާބަށް ފަހު ފާއިތުވި ނުވަ މަސް ދުވަސް ޕްރަބޮވޯ ހޭދަ ކުރައްވާފައި ވަނީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ސިޔާސީ ޕާޓީތަކުގެ ތާޢީދު ހޯއްދެވުމުގައެވެ. އަދި, ނުފޫޒު ގަދަ އިއްތިޙާދެއް އެކުލަވައިލެއްވުމުގައެވެ. ރައީސް ކަމުގެ މަޤާމުގެ ހުވައި ކުރެއްވުމަށް ފަހު ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ މުޚާޠަބު ކުރައްވައި ވާހަކަ ދައްކަވަމުން ޕްރަބޮވޯ ވަނީ އިންޑޮނީޝިޔާގެ ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅައްވަން ވަޢުދުވެ ވަޑައިގަންނަވާފައެވެ. އޭގެ ތެރޭގައި އިދިކޮޅު ކެނޑިޑޭޓުންނަށް ވޯޓުލާފައިވާ މީހުން ހިމެނޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ޕްރަބޮވޯ ދެކެވަޑައިގަންނަވާ ގޮތުގައި އޭނާގެ ސަރުކާރަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދައުލަތާއި ސަރުކާރުގައި މޫލާފައިވާ ކޮރަޕްޝަން ނައްތައިލުމެވެ. "ރައްޔިތުންނާއި ކުޑަކުދިންނަށް މެލްނިއުޓްރިޝަން ފަދަ ޞިއްޙީ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ ކަން އަޅުގަނޑުމެންނަށް އިޙުސާސް ކުރެވޭތޯ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔެއްގެ ރަނގަޅު ވަޒީފާއެއް ނެތް. އަޅުގަނޑުމެންގެ މަދަރުސާތަކަށް ވަނީ އިހުމާލުވެފައި. މި ކަންކަމާ މެދު އަޅުގަނޑުމެން ދެކެން ޖެހޭނީ ހިތްވަރާ އެކު, އަދި އެ ކަންކަން ހައްލު ކުރެވޭނީ ހިތްވަރު ހުރެގެން،" އޭނާ ވިދާޅުވިއެވެ.

ޕްރަބޮވޯއަށް ތާޢީދު ކުރާ ޢާންމުން ބުނީ, ޖޮކޯވީ ފަށްޓަވާފައިވާ މަޝްރޫޢުތަކާއި ތަރައްޤީގެ މަސައްކަތްތައް ޕްރަބޮވޯގެ ސަރުކާރުގައި ކުރިއަށް ގެންދާނެ ކަމަށް އުންމީދު ކުރާ ކަމުގައެވެ. ޖޮކޯވީގެ ވެރިކަމުގައި, 280 މިލިޔަން މީހުންގެ އާބާދީއެއް އޮތް އިންޑޮނީޝިޔާއަށް, އިޤުތިޞާދީ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދައިދީ, ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާއަށް ތާޢީދު ކުރާ މީހުން ޤަބޫލު ކުރެއެވެ. ނަމަވެސް, ޖޮކޯވީގެ ވެރިކަމާ ދެކޮޅު މީހުން ބުނީ, އޭނާގެ ވެރިކަމުގައި ނުފޫޒާއި ބާރުގަދަ ވަކިވަކި ޢާއިލާތަކަށް ކުރިއެރުން ހޯދައިދީފައިވާ ކަމުގައެވެ. އަދި, ޝަރުޢީ ދާއިރާއާއި ދައުލަތު މުއައްސަސާތަކުގެ އިތުބާރު ގެއްލުވައިލާފައިވާ ކަމުގައެވެ.

ޕްރަބޮވޯ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށް ޓަކައި އިންޑޮނީޝިޔާގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ހަރުކަށި ކޮށްފައެވެ. އަދި, އަމަން ބެލެހެއްޓުމަށް 100,000އަށްވުރެ ގިނަ ސިފައިންނާއި ފުލުހުން ހަރަކާތްތެރިވިއެވެ. އިންޑޮނީޝިޔާގެ ރައީސް އޮފީހުގެ މުއާޞަލާތާ ބެހޭ އިދާރާގެ އިސް ވެރިޔާ ޙަސަން ނަޞްބީ ވިދާޅުވީ, ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް އިންޑޮނީޝިޔާއަށް ވަޑައިގެންނެވި ބޭރު ޤައުމުތަކުގެ ވެރިންނާއި މަންދޫބުންގެ އިތުރުން ސަފީރުންނާ ޕްރަބޮވޯ އޮކްޓޫބަރު 20ވަނަ ދުވަހު ބައްދަލު ކުރައްވަން ހަމަޖެހިފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ޗައިނާގެ ނައިބު ރައީސް ހަން ޖޮންގާއި, އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލިންޑާ ތޮމަސް-ގްރީންފީލްޑް ހިމެނި ވަޑައިގަންނަވައެވެ.

އިންތިޚާބުގައި ޕްރަބޮވޯ ވެވަޑައިގަންނަވާފައިވާ ބައެއް އެހެން ވަޢުދުތަކަށް ބަލައިލާއިރު, އިންޑޮނީޝިޔާގެ އިޤުތިޞާދު ކުރިއަރަމުންދާ ނިސްބަތް މިހާރު ހުރި %5ން %8އަށް މަތި ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވުން ހިމެނެއެވެ. އަދި, އިންޑޮނީޝިޔާއަކީ ފުދުންތެރި ޤައުމުތަކަށް ހެދުމުގެ ގޮތުން ޤައުމީ އުފެއްދުންތެރިކަން އިތުރު ކުރުން ފާހަގަ ކޮށްލެވެއެވެ. މީގެ އިތުރުން, އިންޑޮނީޝިޔާއަކީ ބައިނަލްއަޤުވާމީ މައިދާނުގައި ފައިދާހުރި, ހަރުދަނާ މަސައްކަތްތަކެއް ކުރާ ޤައުމަކަށް ހެދުން ވެސް އޭނާގެ ވަޢުދުތަކުގެ ތެރޭގައި ހިމެނެއެވެ.