ޚަބަރު

ރަޖިސްޓްރީވެފައިވާ ޕާޓީގެ މައުލޫމާތު ހިމެނޭ ލިޔުން ހޯދަން ޕޯޓަލް މެދުވެރިކޮށް އެދެވޭގޮތް ހަދައިފި


  • ލިޔުން ހޯދުމަށް މީގެ ކުރިން އެދެން ޖެހެނީ ކޮމިޝަނަށް ސިޓީ ފޮނުވައިގެން

  • ޚިދުމަތްތައް ހަރުދަނާކޮށް، ޑިޖިޓަލް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުން

ތިމާ ރަޖިސްޓްރީވެފައިވާ ސިޔާސީ ޕާޓީގެ މައުލޫމާތު ހިމެނޭ ލިޔުން ހޯދަން އެދި އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް އެދެވޭގޮތް ހަދައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އަންނަނީ އެ ކޮމިޝަނުން ދެމުން އަންނަ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދެވޭގޮތަށް ބަދަލުތައް ގެންނަމުންނެވެ. މިއީ އެ ކޮމިޝަނުން ޚިދުމަތް ހޯދާ މީހުންނަށް ފަސޭހައިން އަދި އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް ގެންނަ ބަދަލެއް ކަމަށް އިލެކްޝަންސް ކޮމިޝަން ވިދާޅުވެއެވެ.

އެކޮމިޝަނުން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރުގައި ރަޖިސްޓަރީ ވެފައިވާނަމަ ރަޖިސްޓަރީ ވެފައިވާ ޕާޓީގެ މަޢުލޫމާތު ހިމެނޭ ލިޔުން އަދި ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިނުވާނަމަ އެކަމުގެ ލިޔުން ހޯދުމަށް މިހާރު އޮންލައިންކޮށް އެދެވޭނެ ކަމަށެވެ. މި ބަދަލު ގެނެސްފައިވަނީ މި މަހުގެ 20ވަނަ ދުވަހުން ފެށިގެން ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.

އޮންލައިންކޮށް އިލެކްޝަންސް ކޮމިޝަންގެ ޚިދުމަތްތަކަށް އެދެވޭނީ އެ ކޮމިޝަންގެ މައި ޕޯޓަލް (my.elections.gov.mv) މެދުވެރިކޮށެވެ.

ދަފްތަރުވެފައިވާ ސިޔާސީ ޕާޓީގެ މައުލޫމާތު ހިމެނޭ ލިޔުން ހޯދުމަށް މީގެ ކުރިން އެދެން ޖެހެނީ އެ ކޮމިޝަނަށް ސިޓީ ފޮނުވައިގެން ނުވަތަ އީމެއިލްކޮށްގެންނެވެ. ނަމަވެސް އެ ޚިދުމަތް އޮންލައިން ޕޯޓަލް މެދުވެރިކޮށް ލިބޭގޮތަށް ބަދަލުކުރީ އެކޮމިޝަނުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކޮށް، ޑިޖިޓަލް ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

އިލެކްޝަނުން މި ޕޯޓަލް ފަރުމާކޮށްފައިވަނީ ހުށަހަޅާ ހުށައެޅުމެއްގެ އަދާހަމަ ވަގުތުން ފެންނާނެހެންކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރުން ވަކިވާން ބޭނުންވާ މީހުންނަށްވެސް ޕޯޓަލް މެދުވެރިކޮށް އެދެވޭގޮތަށްވަނީ މިހާރު ބަދަލުތައް ގެނެސްފައެވެ. މިއާއެކު މީގެކުރިން ބޭނުންކުރަމުން އައި "ސިޔާސީ ޕާޓީގެ ދަފްތަރަށް ޝަކުވާ ހުށަހަޅާ ފޯމު" ބޭނުންކުރުން ވަނީ ހުއްޓާލާފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލަށް އީ-ފާސް ބޭނުންކޮށްގެން ލޮގިން ވެވޭނެއެވެ. މައި ޕޯޓަލުން މިހާރު ޖުމްލަ 4 ޚިދުމަތެއް ދެއެވެ. އެގޮތުން، އިންތިޚާބަކާ ދިމާކޮށް ރީ-ރަޖިސްޓްރީވުމާއި އިންތިޚާބުތަކުގައި އީސީގެ އޮފިޝަލަކަށްވުމަށް އެދެވުމުގެ އިތުރުން ސިޔާސީ ޕާޓީން ވަކިވުމަށް އެދި ހުށަހެޅުން ހިމެނެއެވެ. މި ޕޯޓަލުން އިންތިޚާބުތަކާބެހޭ ތަފާތު މަޢުލޫމާތުތައްވެސް ލިބޭނެއެބެ.