ޚަބަރު

ސިނަމާލޭ ބުރިޖް މޮނިއުމެންޓް ޕާކު ހުޅުވައިފި


  • މިޕާކުގައި ބްރިޖާއި ގުޅޭ މުހިއްމު މަޢުލޫމާތު ލިބޭނެ ފޮޓޯތައްވަނީ ޤާއިމުކޮށްފައި

  • ޢާއިލާތަކަށް ހިތްފަސޭހަކަމާއެކު މަޑުކޮށްލެވޭނެ އިންތިޒާމުވެސްވަނީ ހަމަޖައްސާފައި

ސިނަމާލޭ ބްރިޖް މަޝްރޫޢަކީ ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުއެވެ. މިމަޝްރޫޢުން ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތްގުޅުން ދައްކުވައިދޭއިރު، މިމަޝްރޫޢުގައި ޗައިނާއިންވަނީ އެޤައުމުގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްފައެވެ. މިކަންކަމާއި ގުޅޭ މަޢުލޫމާތު ލިބޭނެހެން ހިތްފަސޭހަ ޕާކެއްގެ ގޮތުގައޮ ބްރިޖް މޮނިއުމަންޓް ސަރަޙައްދުވަނީ ފަރުމާކޮށްފައެވެ.

ބްރިޖް މޮނިއުމަންޓް ޕާކު ހުޅުވާދެއްވީ ޢިމާރާތްކުރުމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބުއާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގ ލިޝިންގއެވެ. މިރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ ބްރިޖް މަޝްރޫޢު ހުޅުވިއިރުވެސް މޮނިއުމަންޓް ހުރިނަމަވެސް ލޮނުޒިޔާރަތް ޕާކާއެކު އެތަން ގެއްލިފައިވާކަމަށެވެ. އެހެންނަމަވެސް އެއީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ބޮޑު އިންސައްތައެއް ހިމެނޭ ތަނަކަށްވުމާއެކު ޢުމްރާނީގޮތުން ރާއްޖޭގައި ހިންގުނު ބިޔަ މަޝްރޫޢެއްކަމުން އެކަމުގެ މަޢުލޫމާތު ޢާއްމުންނަށް ލިބެން ހުރުމަކީ މުހިއްމުކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިއީ ޢުމްރާނީގޮތުން ރާއްޖޭގައި ހިންގި އެންމެ ބޮޑު މަސައްކަތް. މިދާއިރާއިން ކުރިއަށްދާންތިބި މީހުންނަށް މިމަޢުލޫމާތު ލިބުމަކީ މުހިއްމުކަމެއް. އެހެންކަމުން އެމަޢުލޫމާތު މޮނިއުމަންޓް މިއުޒިއަމެއްގޮތަށް ތަރައްޤީކޮށް ފެންނަގޮތަށް ހުރުމުން އޭގެފައިސާކުރާނެ" ވަޒީރު ވިދާޅުވިއެވެ.

މިރަސްމިއްޔާތަށްފަހު ޕީއެސްއެމްއާ ވަހަކަފުޅުދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގ ލިޝިންގ ވަނީ ސިނަމާލޭ ބްރިޖްގެ ޚާއްސަކަމަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިމަޝްރޫޢާއެކު ދިވެހީންގެ ޔަގީންކަން ތަރައްޤީއާއި މެދު އޮތްގޮތުން ބަދަލުވެ ކުރިމަގު އުޖާލާވުމުގެ އުއްމީދު އައުވެފައިވާކަން ސަފީރު ފާހަގަކުރެއްވިއެވެ.

"މިއީ ދެޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ރަމްޒުކޮށްދޭ ބިނާއެއް. ސިނަމާލޭ ބްރިޖާއެކު މީގެކުރިން ވަކި ރަށްތަކެއްގެ ގޮތުގައި އޮތް މާލެ ސަރަޙައްދު އެއް ފަސްގަނޑަށް ބަދަލުވެ ވިޔަފާރީގެ ގޮތުންވެސްވަނީ ބޮޑެތި ބަދަލުތަކެއް ރާއްޖޭގެ އިޤްތިސާދަށް އައިސްފައި." ސަފީރު ވިދާޅުވިއެވެ.

ސިނަމާލޭ ބްރިޖް މޮނިއުމަންޓް ޕާކުގައި ބްރިޖް ތަރައްޤީކުރި ދުވަސްވަރުގެ ފޮޓޯތަކާއި ބްރިޖްގެ މަޢުލޫމާތު ހިމެނޭ ފޮޓޯތައްވަނީ މިސަރަޙައްދުގައި ޢާއްމުންނަށް ފެންނަން ހުންނަ ގޮތަށް ބަހައްޓާފައެވެ. އަދި ޢާއިލާތައް އެސަރަޙައްދުގައި މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމުތައްވެސް އެސަރަޙައްދުގައިވަނީ ޤާއިމުކޮށްފައެވެ.