އުތުރު ކޮރެޔާގެ ރަށަކަށް ވެއްޓިފައި އޮތް ދެކުނު ކޮރެޔާގެ އަސްކަރީ ޑްރޯނެއް ފެނިފައިވާ ކަން އުތުރުން ހާމަކޮށްފިއެވެ. މި ކަން އިޢުލާނު ކޮށްފައި ވަނީ އުތުރު ކޮރެޔާގެ ދައުލަތުގެ މީޑިޔާއިންނެވެ. އެ މީޑިޔާއިން ބުނީ, އެއީ ޖާސޫސް ކުރުމުގެ އިތުރުން އެ ޤައުމުގެ ޒައީމް ކިމް ޖޮންގ އުނާ ދެކޮޅު ޕްރޮޕެގެންޑާގެ މެސެޖުތައް ލިޔެފައިވާ ލީފްލެޓު ނުވަތަ ކަރުދާސްތަކެއް އެ ޤައުމުގެ ވައިގެ ސަރަޙައްދަށް އަޅައިލުމަށް ފޮނުވާފައިވާ ޑްރޯނެއް ކަމަށް ބެލެވޭ ކަމުގައެވެ.
"ޑްރޯން ފަރުމާ ކޮށްފައިވާ ބައްޓަމާއި, އޭތި ދަތުރު ކޮށްފައިވާ ވަގުތާއި, ލީފްލެޓް ފަދަ ތަކެތި އުފުލުމަށް އޭގެ ދަށުގައި ހަރުކޮށްފައިވާ ފޮށްޓަށް ބަލާއިރު, އެއީ ޕްޔުންގޔަންގަށް ޕްރޮޕެގެންޑާގެ މެސެޖުތައް ލިޔެފައިވާ ލީފްލެޓުތައް އެޅުމަށް ބޭނުން ކޮށްފައިވާ އުޅަނދެއް ކަމަށް ބެލެވޭ. ނަމަވެސް, އެ ކަން ކަށަވަރު ކުރެވިފައެއް ނެތް،" އުތުރު ކޮރެޔާގެ ދައުލަތުގެ މީޑިޔާ, ކޭސީއެންއޭ ނޫސް އޭޖެންސީން ރިޕޯޓު ކުރިއެވެ.
އުތުރު ކޮރެޔާގެ ވައިގެ ސަރަޙައްދަށް ދެކުނު ކޮރެޔާގެ އަސްކަރީ ޑްރޯންތަކެއް ފޮނުވާފައިވާނެ ކަމަށް ކުރާ ތުހުމަތުތައް ދެކުނުން ކަށަވަރު ކޮށްދީފައެއް ނެތެވެ. މި ކަމާ ގުޅޭ ގޮތުން ދެކުނު ކޮރެޔާގެ ދިފާޢީ ވުޒާރާއިން ބުނީ, އުތުރު ކޮރެޔާއިން ދައްކާ މި ފަަދަ ދެކޮޅު ނުޖެހޭ ވާހަކަތައް ކަށަވަރު ކޮށްދިނުމަކީ ބޭކާރު ކަމެއް ކަމުގައެވެ. އަދި, އެ ފަދަ ތުހުމަތުތަކަށް ރައްދު ދިނުމަކީ ވެސް ތާކުންތާކުނުޖެހޭ ކަމެއް ކަމުގައެވެ.
"[ޑީޕީއާރްކޭގެ] އުތުރު ކޮރެޔާގެ ބިމާއި, ވަޔާއި ކަނޑުގެ ސަރަޙައްދަށް [އާރްއޯކޭގެ] ދެކުނު ކޮރެޔާގެ އަސްކަރީ އުޅަނދެއް އެތެރެވެފައިވާ ކަން ކަށަވަރު ކުރެވިއްޖެ ނަމަ, އެއީ އުތުރު ކޮރެޔާގެ ސިޔާދަތީ މިނިވަން ކަމާއި އިސްތިޤުލާލަށް އަރައިގަތުމަށް ހިންގާފައިވާ ޖަރީމާއެއްގެ ގޮތުގައި ބެލެވޭނެ. އަދި, [ދެކުނު ކޮރެޔާއާ ދެކޮޅަށް] ހަނގުރާމަ އިޢުލާނުކޮށް, ވަގުތުން ރައްދު ޙަމަލާ ދޭނެ،" އުތުރު ކޮރެޔާގެ އަސްކަރިއްޔާއާ ޙަވާލާދީ ކޭސީއެންއޭން އިންޒާރު ދިނެވެ.
ދެކުނު ކޮރެޔާގެ އަސްކަރީ ޑްރޯނެއް ކަމަށް ބުނާ އުޅަނދުގެ ފޮޓޯތަކެއް އުތުރު ކޮރެޔާއިން ވަނީ ޢާންމު ކޮށްފައެވެ. ދެކުނު ކޮރެޔާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު, ޔޫ ޔުންގ-ވެޔޮން ވިދާޅުވީ, އުތުރު ކޮރެޔާއިން ޢާންމު ކޮށްފައިވާ ފޮޓޯތަކުން ފެންނަނީ ދެކުނު ކޮރެޔާގެ އަސްކަރިއްޔާއިން ބޭނުން ކުރަމުންދާ ޖާސޫސީ ޑްރޯނަކާ ވައްތަރުު އުޅަނދެއް ކަމުގައެވެ. އަދި, އެއީ 2023ވަނަ އަހަރު ސަންގވޫ އިންޖިނިޔަރިންގ ކުންފުނިން ދެކުނު ކޮރެޔާގެ އަސްކަރިއްޔާއަށް ވިއްކާފައިވާ ޑްރޯންތަކާ ވައްތަރު އުޅަނދެއް ކަމަށް ޤަބޫލު ކުރައްވާ ކަމުގައެވެ.
ސަންގވޫ އިންޖިނިޔަރިންގ ކުންފުނިން އުފައްދާ އެސް-ބެޓް މަރުކާގެ 100 ޑްރޯން ހުސްވި އަހަރުގެ ތެރޭގައި ދެކުނު ކޮރެޔާގެ އަސްކަރިއްޔާއަށް ވިއްކާފައިވާ ކަން އެ ކުންފުނީގެ ވެބްސައިޓުގައި ކަށަވަރު ކޮށްދީފައިވެއެވެ. އެއީ, ގަޑިއަކު 140 ކިލޯމީޓަރުގެ ބާރުމިނުގައި ހަތަރު ގަޑިއިރު ދަތުރު ކުރުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދެކެވެ. ޔޫ ވިދާޅުވީ, ސަންގވޫ އިންޖިނިޔަރިންގ ކުންފުނިން އުފައްދާފައިވާ ޑްރޯންތަކެއް ގަތުމަށް ދެކުނު ކޮރެޔާގެ އަސްކަރިއްޔާއިން އޯޑަރު ޖަހާފައި ވަނީ, އުތުރު ކޮރެޔާގެ ޑްރޯންތަކެއް ދެކުނުގެ ވައިގެ ސަރަޙައްދަށް އެތެރެވި ހާދިސާއަކާ ގުޅިގެން ކަމުގައެވެ. އެ ހާދިސާގައި އުތުރު ކޮރެޔާގެ އަސްކަރީ ޑްރޯންތަކެއް ދެކުނުގެ އޮފީސް އޮފީސް ކައިރިއަށް ދަތުރު ކުރިއެވެ.
ދެ ކޮރެޔާގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސް ކަން ފަހަކަށް އައިސް އިތުރަށް ހޫނުވެފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ދެ ކޮރެޔާގެ ދެމެދުގައި އެންމެ ފަހުން މައްސަލަގަނޑު ގޯސްވީ, ބޮޑެތި ފުއްޕާހަންތަކެއް ބޭނުންކޮށް އުތުރު ކޮރެޔާއިން ދެކުނުގެ ކޮރެޔާގެ ރަށްތަކަށް ކުނިއެޅުމާ ގުޅިގެންނެވެ. އެ ހާދިސާއާ ގުޅިގެން ދެކުނު ކޮރެޔާއިން ވަނީ ސަރަޙައްދީ ރޮނގު ކައިރީގައި އަޑުބާރު ސްޕީކަރުތައް ބޭނުން ކޮށްގެން ޕްރޮޕެގެންޑާގެ މެސެޖުތައް ފަތުރަން ފަށާފައެވެ.
އުތުރު ކޮރެޔާގެ ވެރިރަށް ޕްޔުންގޔަންގގެ ވައިގެ ސަރަޙައްދަށް މީގެ ކުރިން ވެސް ދެކުނު ކޮރެޔާގެ އަސްކަރީ ޑްރޯންތައް ވަދެފައިވާ ކަމަށް އުތުރުން ތުހުމަތު ކުރެއެވެ. މި ގޮތުން, މި ހިނގާ އޮކްޓޫބަރު މަހުގެ ތެރޭގައި އެކަނިވެސް އެ ފަދަ ތިން ހާދިސާ ހިނގާފައިވާ ކަމުގައި އުތުރުން ބުންޏެވެ. އަދި, އެ ފަދަ އަމަލުތައް ތަކުރާރު ކުރާ ނަމަ, ދެކުނު ކޮރެޔާއާ ދެކޮޅަށް ނުރައްކާތެރި ޙަމަލާއެއް ދޭނެ ކަމުގެ އިންޒާރު ވެސް އުތުރުން ދީފައިވެއެވެ.