ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ހައްުޔަރު ކުރުމުގެ އަމުރެއް, އެ ޤައުމުގެ އިންޓަރނޭޝަނަލް ކްރައިމްސް ޓްރައިބިޔުނަލުން ނެރެފިއެވެ. އޮގަސްޓު 5ވަނަ ދުވަހު އިސްތިޢުފާ ދެއްވުމަށް ފަހު, ޤައުމު ދޫކޮށް ވަޑައިގަންނަވައި, ޙަސީނާ މި ވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ އިންޑިޔާގައެވެ. އޭނާ އިސްތިޢުފާ ދެއްވާފައި ވަނީ, އޭނާގެ ސަރުކާރާ ދެކޮޅަށް އެތަކެއް ހާސް ބަޔަކު ބަޔަކު ކުރި މުޒާހަރާތަކާ ގުޅިގެންނެވެ.
ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅަށް އަޑު އުފުލުމަށް ބަންގްލަދޭޝްގެ ކޮލެޖުތަކާއި ޔުނިވަރިސިޓީތަކުގައި ދަރިވަރުން ތެދުވެ, ސަރުކާރާ ދެކޮޅު މުޒާހަރާތައް ފަށާފައި ވަނީ ޖުލައި މަހުގެ މެދުތެރޭގައެވެ. އެ މުޒާހަރާތައް ހުއްޓުވަން ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްފައެވެ. އަދި, މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 700އަށްވުރެ ގިނަ މީހުން މަރުވެ, އެތަކެއް ހާސް ބަޔަކު ޒަޚަމުވިއެވެ. އެއީ, 1971ވަނަ އަހަރަށް ފަހު އެ ޤައުމުގައި ހިނގާފައިވާ އެންމެ ލޭއޮހޮރުވުން ބޮޑު ހަމަނުޖެހުންތަކެވެ.
ޙަސީނާގެ އިސްތިޢުފާއާ ގުޅިގެން ބަންގްލަދޭޝްގައި ވަގުތީ ސަރުކާރެއް އެކުލަވައިލިއެވެ. އެ ސަރުކާރުގެ އިސް މުޝީރު ކަމުގެ މަޤާމަށް ޢައްޔަން ކޮށްފައި ވަނީ ނޮބެލް ސުލްޙައިގެ އިނާމު ހާސިލު ކުރައްވާފައިވާ މުޙައްމަދު ޔޫނުސެވެ. އޭނާގެ ސަރުކާރުން އެކުލަވައިލާފައިވާ ޓްރައިބިޔުނަލަކުން މިހާރު ދަނީ, ޙަސީނާގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ހިންގާފައިވާ ހަމަނުޖެހުންތަކާއި މަރުތަކުގެ މައްސަލަތައް ތަޙުޤީޤު ކުރަމުންނެވެ.
ޓްރައިބިޔުނަލްގައި ހިނގަމުންދާ މައްސަލައަށް އިސްވެ ބައްލަވަމުން ގެންދަވަނީ ފަނޑިޔާރު ގޯލާމް މުރްތުޖާ މުޖުމްދަރެވެ. ހަމަނުޖެހުންތަކާ ގުޅިގެން 50 މީހަކު ހައްޔަރު ކުރުމަށް ޓްރައިބިޔުނަލުން އަމުރު ނެރެފައިވާއިރު އޭގެ ތެރޭގައި ޙަސީނާ ވެސް ހިމެނި ވަޑައިގަންނަވެއެވެ. މި މައްސަލައިގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވާ ޗީފް ޕްރޮސިކިޔުޓަރ މުޙައްމަދު ތާޖް އަލް-އިސްލާމް ވިދާޅުވީ, ދަރިވަރުންނާ ދެކޮޅަށް ހިންގާފައިވާ ކުށްތަކުގައި ޒިންމާވާ ނުފޫޒު ގަދަ މީހުން ހަައްޔަރު ނުކޮށް, މި މައްސަލަތަކުގެ ފުރިހަމަ އަދި އިންސާފުވެރި ތަޙުޤީޤެއް ހިންގޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމުގައެވެ.
ޙަސީނާ ހައްޔަރު ކޮށްގެން ނޮވެންބަރު 18ވަނަ ދުވަހުގެ ކުރިން ޓްރައިބިޔުނަލްގެ ކުރިމައްޗަށް ހާޒިރު ކުރުމަށް ފަނޑިޔާރު މުޖުމްދަރު ވަނީ އަމުރު ކުރައްވާފައެވެ. ޙަސީނާގެ އިތުރުން އޭނާގެ އަވާމީ ލީގު ޕާޓީގެ އިސްވެރިންނާ ދެކޮޅަށް 60 ފަރާތަކުން މައްސަލަ ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ގަދަކަމުން މީހުން ގެއްލުވައިލުމާއި, ގިނަ ޢަދަދެއްގެ ބަޔެއްގެ ފުރާނަ ނަގައިލުމުގެ ކުށުގެ ތުހުމަތުތައް ހިމެނެއެވެ. މި ތުހުމަތުތަކާ ގުޅިގެން އަވާމީ ލީގުން ވަކި އެއްޗެށް ހާމަކޮށްފައެއް ނެތެވެ.
ޙަސީނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ކުރިމަތިލައްވަން އޭނާ ތައްޔާރަށް ހުންނެވި ކަމުގައި އޭނާގެ ދަރިކަލުން އަދި މުޝީރު ސަޖީބް އަޙްމަދު ވާޒިބް އޮގަސްޓު މަހު ވިދާޅުވެފައިވެއެވެ. "އަޅުގަނޑުގެ މަންމާފުޅު ގޯހުން އެއްވެސް ކަމެއް ކުރައްވާފައެއް ނޯންނާނެ،" އޭނާ ވިދާޅުވިއެވެ.
ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޚާރިޖީ ވަޒީރު މުޙައްމަދު ތަވްޙީދު ޙުސައިން ވިދާޅުވީ, ޙަސީނާ ހައްޔަރު ކުރުމުގެ އަމުރު ޓްރައިބިޔުނަލުން ނެރުމާ އެކު, އޭނާ ހައްޔަރަށް ގެންދިޔުމުގެ މަސައްކަތްތައް ފެށުމާ ގުޅޭ ގޮތުން އިންޑިޔާގެ ސަރުކާރާ މަޝްވަރާ ކުރަން ފެށުމަށް ތައްޔާރުވަމުންދާ ކަމުގައެވެ. އަދި, ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ޙަސީނާ ހައްޔަރު ކޮށްގެން ވެރިރަށް ދާކާއަށް ގެންދެވޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމުގައެވެ. "[ޓްރައިބިޔުނަލްގެ އަމުރު ތަންފީޒު ކުރުމަށް] ކުރަން ޖެހުނު ކޮންމެ ކަމެއް އަޅުގަނޑުމެން ކުރާނަން،" އޭނާ ވިދާޅުވިއެވެ.