ޚަބަރު

އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދިިނުމާ ދެކޮޅަށް ރަޝިޔާއިން އިންޒާރު ދީފި


އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ޤާއިމު ކޮށްފައިވާ މަރުކަޒުތަކަށް ޙަމަލާ ދިނުން ވިސްނުމަށް ގެނައުމަކީ ވެސް ހެދޭނެ ގޯހެއް ކަމަށް ބުނެ, ރަޝިޔާއިން ޔަހޫދީންނަށް ވަރުގަދަ އިންޒާރެއް ދީފިއެވެ. ރަޝިޔާއިން ޔަހޫދީންނަށް އިންޒާރު ދީފައި މި ވަނީ, އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދިނުމަށް ޔަހޫދީ ފައުޖުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ޔަހޫދީން އެ ކަން ކުރާނީ އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާގެ އެހީތެރިކަމާ އެކުގައެވެ. އަނެއްކޮޅު, ރަޝިޔާއަކީ އީރާނާ އެކު ގާތް ގުޅުންތަކެއް ބާއްވަމުންދާ ޤައުމެކެވެ.

ޔަހޫދީން އީރާނަށް ދީފާނެ ޙަމަލާއަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ސެރްގިޔޭ ރަބްކޮފް ވަނީ އީރާނުގެ ނިއުކްލިޔަރ ވަސީލަތްތަކާއި މަރުކަޒުތަކަށް ޙަމަލާދިނުން ވިސްނުމަށް ގެނައުން ވެސް ހުއްޓައިލުމަށް ޔަހޫދީންނަށް ގޮވައިލައްވާފައެވެ. "އެ ކަމާ ދެކޮޅަށް އަޅުގަނޑުމެން މި ދަނީ މެދުނުކެނޑި އިންޒާރު ދެމުން, އަދި އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދިނުން ވިސްނުމަށް ވެސް ނުގެނައުމަށް [އިސްރާއީލަށް] ނަސޭހަތްތެރިވަމުން،" ރަޝިޔާގެ ތާސް ނޫސް އޭޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވިއެވެ.

ރަބްކޮފް ވިދާޅުވީ, އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ޤާއިމު ކޮށްފައިވާ މަރުކަޒުތަކަށް ޙަމަލާ ދިނުމަކީ, އެ ފަދަ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޤާއިމު ކޮށްފައިވާ ބައިނަލްއަޤުވާމީ މިންގަނޑުތަކާ ޚިލާފު އަމަލަކަށް ވާނެ ކަމުގައެވެ. ރަބްކޮފް މި ފަދަ އިންޒާރެއް ޔަހޫދީންނަށް ދެއްވާފައިވީ ނަމަވެސް, ރަޝިޔާއިން އެ ކަން ރަސްމީކޮށް ޒަޔަނިސްޓު ދައުލަތުގެ ސަރުކާރާ ހިއްސާ ކޮށްފައިިވާ ކަން ސާފެއް ނޫނެވެ.

އިސްރާއީލާއި ހުޅަނގުގެ ބާރުތަކުން ތުހުމަތު ކުރާ ގޮތުގައި, އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމަކީ ނިއުކްލިޔަރ ހަތިޔާރު އުފައްދަން ހިންގާ ޕުރޮގުރާމެކެވެ. ނަމަވެސް, އީރާނުން އެ ތުހުމަތުކޮށް ދޮގު ކުރެއެވެ. އަދި, އެއީ މަދަނީ ބޭނުންތަކަށް ނިއުކްލިޔަރ ހަކަތަ އުފައްދަން ހިންގަމުންދާ ޕުރޮގުރާމެއް ކަމުގައި އީރާނުން ބުންޏެވެ. އެ ޕުރޮގުރާމުގެ ދަށުން ޤާއިމު ކޮށްފައިވާ މަަރުކަޒުތަކަށް ޙަމަލާ ދިނުމާ ދެކޮޅަށް ޔަހޫދީންގެ މަދަދުގާރު އެމެރިކާއިން ވެސް ގޮވައިލާފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ފަލަސްޠީނާއި ލުބްނާންގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް އީރާނުން ވަނީ ތެދުވެފައެވެ. ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފަށާފައި ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އަދި, ސެޕްޓެންބަރު 23ވަނަ ދުވަހު އެ މީހުން ވަނީ ލުބްނާނަށް ވެސް ބޮންއަޅަން ފަށާފައެވެ. އަދި, އޮކްޓޫބަރު 1ވަނަ ދުވަހު ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ވަނީ ބަރުހަތިޔާރާ އެކު ލުބްނާންގެ ދެކުނުގެ ރަށްތަކަށް އަރައިގަނެ, ޤަތުލުޢާންމު އިތުރަށް ފުޅާކޮށްފައެވެ.

އޮކްޓޫބަރު 1ވަނަ ދުވަހު އީރާނުން ވަނީ ޒަޔަނިސްޓު ދައުލަތަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް ދީފައެވެ. އެއީ, ޖުލައި 31ވަނަ ދުވަހު އީރާނުގެ ވެރިރަށް ތަހްރާނަށް ޔަހޫދީ ފައުޖުން ދިން ނިރުބަވެރި ޙަމަލާއެއްގެ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ޙަމަލާތަކެކެވެ. އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން 180އެއްހާ ބެލިސްޓިކް މިސައިލް ބޭނުން ކޮށްގެން ދީފައިވާ ޙަމަލާތަކުގައި ޔަހޫދީންގެ ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ދިނެވެ. އީރާނަށް ޙަމަލާ ދިނުމަށް ޔަހޫދީން މި ވަގުތު ތައްޔާރުވަމުން ދަނީ އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.