ޚަބަރު

ރަސްދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ


  • މިއީ 3 ކޮޓަރީގެ ޔުނިޓްތަކެއް

  • މަަސައްކަތް ހަވާލުކޮށްފައިވަނީ 9 މަހުން ނިންމާގޮތަށް

  • ޕްރޮޖެކްޓަށް 84.2 މިލިއަން ރުފިޔާ ހޭދަކުރޭ

އއ.ރަސްދޫގައި 50 ހައުސިން ޔުނިޓް އެޅުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސް، މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ރަސްދޫގައި ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2023ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 4ވަނަ ދުވަހުއެވެ.

މިމަޝްރޫޢުގެ މަސައްކަތް ކޮންޓްރެކްޓްކޮށްފައިވަނީ އެސްއޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ ރަސްދޫގައި 50 ހައުސިން ޔުނިޓް އިމާރާތްކުރުމަށް ބޭނުންވާ ސާމާނު މިހާރު އެރަށަށް ގެންގޮސްފައިވާކަމަށެވެ. މީގެތެރޭގައި ހިލަވެއްޔާއި ސިމެންތިއާއި ދަގަނޑުގެ އިތުރުން މަސައްކަތަށް ބޭނުންވާ މެޝިނަރީވެސް ވަނީ ގެންގޮސްފައެވެ. އިމާރާތްކުރުމާއި ބެހޭ ވުޒާރާއިން ވިދާޅުވީ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ސައިޓުގައި ފަށާނެކަމަށެވެ.

މިމަޝްރޫޢަށް ބައެއް ބަދަލުވެސް ގެނެސްފައިވާކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އެގޮތުން ކުރިން މި ހައުސިން ޔުނިޓްތައް ރަށުގެ ދެ ސަރަޙައްދެއްގައި އަޅަން ނިންމާފައި އޮތް ނަމަވެސް، މިހާރު ހުރިހާ ޔުނިޓްތައް ރަށުގެ އެއް ސަރަޙައްދުގައި އަޅާގޮތަށް ޕްރޮޖެކްޓަށް ބަދަލުގެނެސްފައިވާކަމަށް ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ރަސްދޫގައި އަޅާ ކޮންމެ ހައުސިން ޔުނިޓެއްގައި 1000 އަކަފޫޓް ހުންނާނެއެވެ. އަދި ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި، 3 ފާޚާނާއާއި، ސިޓީން ރޫމް، ބަދިގެ ކާގެ އަދި ލޯންޑަރީއާއި ސްޓޯރޫމް ހުންނާނެއެވެ.

މީގެއިތުރުން ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމްކުރުމަށްޓަކައި ޔުނިޓްތައް ވަށައިގެން އަލިކޮށް، ޕާކަކާއި ވެހިކަލްތައް ޕާކްކުރާނެ ސަރަހައްދެއް ހަދާނެކަމަށްވެސް އެވުޒާރާއިން ވިދާޅުވިއެވެ.

ރަސްދޫއަކީ އާބާދީގައި 1200އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. އެރަށުގެ ބިމުގެ ބޮޑުމިނަކީ 20 ހެކްޓަރެވެ.

މިމަސައްކަތް ހަވާލުކޮށްފައިވަނީ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ފަށާތާ 9 މަސް ދުވަހުގެ މުއްދަތުގައި ނިންމުމަށެވެ. މިމަޝްރޫޢަށް ސަރުކާރުން 84.2 މިލިއަން ރުފިޔާ ޚަރަދުކުރެއެވެ.