ޚަބަރު

އެމެރިކާއިން ޔޫކްރެއިނަށް 425 މިލިޔަން ޑޮލަރުގެ ހަތިޔާރު ފޮނުވަނީ


ޔޫކްރެއިނަށް އިތުރު 425 މިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ފޯރުކޮށްދޭން ނިންމާފައިވާ ކަން އެމެރިކާއިން ހާމަކޮށްފިއެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ޔޫކްރެއިނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންދާ މަދަދުގާރުންނަކީ އެމެރިކާއާއި ނޭޓޯގެ ބާރުތަކެވެ. ޔޫކްރެއިނަށް އަސްކަރީ އެހީގެ އިތުރު ޕެކޭޖެއް ފޯރުކޮށްދޭން ނިންމާފައިވާ ކަން އިޢުލާނު ކޮށްފައި ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއަށް ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު, ވައިޓް ހައުސުން ބުނީ ޔޫކްރެއިނަށް ފޯރުކޮށްދެމުންދާ އަސްކަރީ އެހީ އިތުރު ކުރުމާ ގުޅޭ ގޮތުން ބައިޑަނާއި ޒެލެންސްކީ ވާހަކަފުޅު ދައްކަވާފައިވާ ކަމުގައެވެ. އަދި, އެންމެ ފަހުން އިޢުލާނު ކޮށްފައިވާ އަސްކަރީ އެހީގެ ޕެކޭޖުގައި ވައިގެ ދިފާޢީ ނިޒާމަށް ބޭނުންވާ ހަތިޔާރާއި, ބިމުގެ އަމާޒުތަކަށް ޙަމަލާ ދިނުމަށް ބޭނުން ކުރާނެ ހަތިޔާރުގެ އިތުރުން އަސްކަރީ އުޅަނދުފަހަރާއި މިސައިލާއި ބޮންފަދަ ހަތިޔާރު ހިމެނޭ ކަމުގައެވެ.

ޒެލެންސްކީ ވިދާޅުވީ, ބައިޑަނާ އެކު ކުރެއްވި މަޝްވަރާތަކުގައި އޭނާއާއި, އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މައި ދެ ޕާޓީގެ އިތުރުން އެމެރިކާގެ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފައިވާނެ ކަމުގައެވެ. އަދި, ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކާމިޔާބު ކުރުމަށް އޭނާ އެކުލަވައިލައްވާފައިވާ ރޭވުމާ ގުޅޭގޮތުން ބައިޑަނާ މަޝްވަރާ ކުރައްވާފައިވާނެ ކަމުގައެވެ. "ދެ ޤައުމުން ގުޅިގެން ހަތިޔާރު އުފެއްދުމުގެ މަސައްކަތް ފެށުމަށް އަޅުގަނޑު ހުށަހެޅިން. އަދި, ޔޫކްރެއިންގެ ސިފައިންނަށް އިތުރު ތަމްރީނު ދިނުމާ ގުޅޭ ގޮތުން ވެސް އަޅުގަނޑުމެން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރިން،" ޒެލެންސްކީ ވިދާޅުވިއެވެ.

ހަނގުރާމަ ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ޒެލެންސްކީ އެކުލަވައިލާފައިވާ ރޭވުން އޮކްޓޫބަރު 16ވަނަ ދުވަހު އޭނާ ވަނީ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވާފައެވެ. އެއްވެސް ޝަރުޠަކާ ނުލައި ޔޫކްރެއިނަށް ނޭޓޯގެ މެންބަރު ކަމުގެ ދަޢުވަތު އެރުވުމަށް ޒެލެންސްކީގެ ރޭވުމުގައި ގޮވައިލާފައިވެއެވެ. އަދި, ޔޫކްރެއިންގެ ދިފާޢީ ދާއިރާ ހަރުދަނާ ކުރަން އަސްކަރީ އެހީގެ ޕެކޭޖެއް ހޯދުމަށް ވެސް އޭނާ ވަނީ ހުށަހަޅުއްވާފައެވެ. ނަމަވެސް, އޭގެ ތެރޭގައި ނިއުކްލިޔަރ ހަތިޔާރެއް ނުހިމެނޭނެއެވެ.

ޤާނޫނު ހަދާ މަޖިލީހުގައި ތަޤުރީރު ކުރައްވަމުން ޒެލެންސްކީ ވިދާޅުވީ, ވިލާތުގެ ޤައުމުތަކުގައި ޤާއިމު ކޮށްފައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިންގެ ބަދަލުގައި އެ ތަންތަނުގައި ޔޫކްރެއިންގެ ސިފައިން ޤާއިމު ކުރުމަށް ވެސް އޭނާގެ ރޭވުމުގައި ހުށަހަޅުއްވާފައިވާނެ ކަމުގައެވެ. އަދި, ޔޫކްރެއިންގެ މަދަދުގާރުންނާ ގުޅިގެން ދިފާޢީ ދާއިރާ ހަރުދަނާ ކުރުމާއި, ޔޫކްރެއިންގެ ވަސީލަތްތައް ބޭނުން ކުރުމުގެ ފުރުޞަތު މަދަދުގާރުންނަށް ދިނުން ހިމެނޭ ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފަށާފައި ވަނީ 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ. މަސްރަޙު ދިރާސާ ކުރާ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި, މިއީ ޔޫކްރެއިނަކީ މެދުވެރިއެއްގެ ގޮތުގައި ބޭނުންކޮށް އެމެރިކާއާއި ނޭޓޯގެ ޤައުމުތަކުން އަޑީގައި އޮވެ ރަޝިޔާއާ ދެކޮޅަށް ކުރާ ޕްރޮކްސީ ހަނގުރާމައެކެވެ. ރަޝިޔާއިން ވެސް ޤަބޫލު ކުރަނީ އެ ގޮތަށެވެ. ރަޝިޔާގެ ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ޔޫކްރެއިންގެ ފައުޖުތަކަށް ބޭނުންވާ ހަތިޔާރު އެމެރިކާއާއި ނޭޓޯގެ ބާރުތަކުން ދަނީ މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުންނެވެ.

ހަނގުރާމައިގެ ދަށުން ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ ބޮޑު ސަރަޙައްދަކަށް އަތްގަދަ ކޮށްފައެވެ. އެންމެ ފަހުން ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ޔޫކްރެއިންގެ އިރުމަތީ ދޮންބާސްގައި އޮންނަ ދެ އަވަށެއް ހިމެނެއެވެ. އެއީ, ދޮންޏެސްކު ސަރަޙައްދުގެ އަވަށެއް ކަމުގައިވާ ކްރަސްނީ ޔާރާއި ލުހާންސްކުގައި އޮންނަ އަވަށެއް ކަމުގައިވާ ނެވްސްކޭއެވެ. ޔޫކްރެއިންގެ ކުރާޚޮވޭ ސަރަޙައްދުގައި ވެސް ދެ ޤައުމުގެ ސިފައިންގެ މެދުގައި ޙަމަލާ ބަދަލު ކުރަމުންދާ ކަމުގައި ޔޫކްރެއިނުން ހާމަކުރިއެވެ. ލުހާންސްކާއި ދޮންޏެސްކުގެ އިތުރުން ޔޫކްރެއިންގެ ދެކުނުގައި އޮންނަ ޒަޕޮރީޜިޔާގެ ބޮޑު ސަރަޙައްދަކަށް ވެސް ރަޝިޔާގެ ސިފައިން ވަނީ އަތްގަދަ ކޮށްފައެވެ.

ހަނގުރާމަ ހުއްޓައިލުމަށް ރަޝިޔާއަށް ބާރުއެޅުމަށް ކަމަށް ބުނެ, އޮގަސްޓު 6ވަނަ ދުވަހު ޔޫކްރެއިންގެ ސިފައިން ވެސް ވަނީ ރަޝިޔާގެ ހުޅަނގުގައި އޮތް ކޫރްސްކް ސަރަޙައްދަށް އަރައިގަނެފައެވެ. އަދި, އެ ސަރަޙައްދުގެ އަވަށްތަކަށް އަތްގަދަ ކުރަން ފަށާފައެވެ. އެ ސަރަޙައްދުގައި އޮތް 100އެއްހާ އަވަށަށް އަތްގަދަ ކޮށްފައިވާނެ ކަމުގައި ޔޫކްރެއިނުން ބުނެފައިވާއިރު, އެ ސަރަޙައްދުތައް ދިފާޢު ކުރަން ރަޝިޔާގެ ސިފައިން ދަނީ ހަނގުރާމަ ކުރަމުންނެވެ. ޔޫކްރެނުން ބުނީ, ކޫރްސްކުގައި ތިބި އެ ޤައުމުގެ ސިފައިންނަށް ރަޝިޔާގެ އަސްކަރިއްޔާއިން ވަރުގަފަ ހަތް ޙަމަލާއެއް ދީފައިވާ ކަމަށާއި, އެ ޙަމަލާތަކުގައި ނުވަ ގައިޑެޑް ބޮން ބޭނުން ކޮށްފައިވާ ކަމުގައެވެ. ނަމަވެސް, އެ ސަރަޙައްދުތައް އަދިވެސް އޮތީ ޔޫކްރެއިންގެ ބާރުގެ ދަށުގައި ކަމަށް އެ ޤައުމުން ބުންޏެވެ.