ޚަބަރު

ލުބްނާން ޢުދުވާން އިތުރަށް ފުޅާކުރުމުގެ އިޝާރާތެއް ޔަހޫދީން ދީފި


ޔަހޫދީން ވެރިވެގަނެފައިވާ ސޫރިޔާގެ އަލް-ޖޫލާންގެ އުސް ބިންތަކާއި ލުބްނާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ވަޅުލާފައިވާ މައިންތައް ނަގައި, އެ ބިންތައް ސާފުކޮށް, ޔަހޫދީ ފައުޖުން އެ ސަރަޙައްދުގައި ދިފާޢީ ހުރަސްތަކެއް ބިނާ ކުރަން ފަށައިފިއެވެ. ސަލާމަތީ ދާއިރާގެ މަޞްދަރުތަކާއި އެނެލިސްޓުން މި ކަން ކަށަވަރު ކޮށްދީފައިވާއިރު, މިއީ ލުބްނާނުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ފުޅާކުރަން ޔަހޫދީ ފައުޖުން ތައްޔާރުވަމުންދާ ކަމުގެ އިޝާރާތެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

ލުބްނާނުގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޖަރީމާތަކުގެ ދަށުން އެ ޤައުމަށް ވައިގެ ޙަމަލާތައް ދޭން ފަށާފައި ވަނީ ސެޕްޓެންބަރު 23ވަނަ ދުވަހުއެވެ. އަދި, އެއްގަމު މަގުން ލުބްނާނުގެ ދެކުނުގެ ސަރަޙައްދުތަކަށް އަރައި, ޤަތުލުޢާންމު އިތުރަށް ފުޅާކޮށްފައި ވަނީ އޮކްޓޫބަރު 1ވަނަ ދުވަހުއެވެ. މި ޢުދުވާނުގެ ދަށުން އެތަކެއް ހާސް ބަޔަކު ވަނީ ޝަހީދު ކޮށްލާފައެވެ.

ޖޫލާންގެ އުސް ބިންތަކުގައި މައިން ވަޅުލާފައިވާ ބިންތައް ސާފުކޮށް, އެ ސަރަޙައްދުގައި ދިފާޢީ ހުރަސްތައް ބިނާ ކުރަން ފެށުމަކީ ލުބްނާނުގެ އިރުމަތީ ސަރަޙައްދަށް އެއްގަމު މަގުން އަރަން ޔަހޫދީ ފައުޖުން ތައްޔާރުވަމުންދާ ކަމުގެ އިޝާރާތެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. މިއީ, ލުބްނާނުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهއަށް ފާރަލައި ޖާސޫސް ކުރުމާއި, ޙިޒްބުاللهން ދެމުންދާ ޙަމަލާތައް ދިފާޢު ކުރުމަށް އަޅާފައިވާ އިތުރު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

ތުރުކީވިލާތުގެ ހަރްމޫން ސެންޓަރުގައި މަސްރަޙު ދިރާސާ ކުރައްވާ ބޭފުޅެއް ކަމުގައިވާ ނާވާއި ޝާބާން ވިދާޅުވީ 1,200އެއްހާ އަކަ ކިލޯމީޓަރުގެ ޖޫލާންގެ ބިންތަކުގައި މައިން ވަޅުލާފައިވާ ބިންތައް ސާފުކޮށް, ޔަހޫދީ ފައުޖުން އެ ބިންތަކުގައި ދިފާޢީ ހުރަސްތައް ބިނާ ކުރަން ފަށާފައި ވަނީ ލުބްނާނުގެ އިރުމަތީ ފަޅިން ޙަމަލާ ދިނުމަށް ތައްޔާރުވުމުގެ ގޮތުން ކަމުގައެވެ. އަދި, ކުރިއަށް އޮތް ދުވަސްތަކުގައި ލުބްނާނުގެ އިރުމަތީ ސަރަޙައްދުތަކަށް ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން އެއްގަމު މަގުން އަރައި ޤަތުލުޢާންމު އިތުރަށް ފުޅާ ކުރާނެ ކަމަށް ބެލެވޭ ކަމުގައެވެ.

ސޫރިޔާއާއި ލުބްނާންގެ އިތުރުން އދގެ ސުލްޙަ ބަލަހައްޓާ ފައުޖު (ޔޫއެންޑީއޯއެފު)ގެ މަޞްދަރުތަކުން ބުނީ, ޖޫލާނާއި ސޫރިޔާ ގުޅޭ ސަރަޙައްދުގައި އޮންނަ ހަތިޔާރު ގެންގުޅުން މަނާ ކޮށްފައިވާ ސަރަޙައްދު (ޑީއެމްޒީ)ގައި ޖަހާފައިވާ ފެންސު ދުރަށް ޖައްސައި, އެ ސަރަޙައްދު ބޮޑު ކުރުމަށް ޔަހޫދީ ފައުޖުން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި, އެ ސަރަޙައްދުގައި ދިފާޢީ އިތުރު ހުރަސްތައް ބިނާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމުގައެވެ.

ޖޫލާންގެ އުސް ބިންތައް ބޭނުންކޮށްގެން ލުބްނާނުގެ އިތުރު ރަށްތަކަށް ޔަހޫދީ ފައުޖުން އަރައިގަނެފި ނަމަ, މަސްރަޙު އިތުރަށް ހޫނުވާނެ ކަމަށް ބެލެވެއެވެ. ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެން, މެދުއިރުމަތީގެ މައި ބާރެއްގެ ގޮތުގައި ބެލެވޭ އީރާނުން ވެސް ވަނީ ޔަހޫދީންނާ ދެކޮޅަށް ތެދުވެފައެވެ. އޮކްޓޫބަރު 1ވަނަ ދުވަހު އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން 180އެއްހާ ބެލިސްޓިކް މިސައިލް ބޭނުން ކޮށްގެން ޔަހޫދީންގެ އަމާޒުތަކަށް ނުރައްކާތެރި ޙަމަލާތަކެއް ދީފައިވެއެވެ.

ޙިޒްބުاللهން ޔަހޫދީންގެ އަމާޒުތަކަށް ޙަމަލާ ދޭން ފަށާފައި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން މީގެ އަހަރެއްހާ ދުވަސް ކުރިން ފެށި ލާއިންސާނީ ޢުދުވާނާ ގުޅިގެންނެވެ. ޙިޒްބުاللهގެ ބޭނުމަކީ ޣައްޒާގެ މުސްލިމުންނާއި, ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތްތަކަށް ވާގިވެރިވުމެވެ. އަދި, އަމާޒަކީ ޔަހޫދީންގެ ލާއިންސާނީ ޢުދުވާން ހުއްޓައިލަން މަޖުބޫރު ކުރުމެވެ. ނަމަވެސް, އެމެރިކާގެ އެހީތެރިކަމާ އެކު, ޔަހޫދީ ފައުޖުން ވަނީ ލުބްނާނުގެ ރައްޔިތުން ޝަހީދު ކުރަން ޖަރީމާތައް ފުޅާ ކޮށްފައެވެ. ފަލަސްޠީނާއި ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ.

ޙިޒްބުالله ނައްތައިލުމުގެ ނަމުގައި ޔަހޫދީ ފައުޖުން މިހާރު ދަނީ ލުބްނާނުގެ ޢާންމުން ދިރިއުޅޭ ރަށްތަކަށް ނިރުބަވެރި ވައިގެ ޙަމަލާތަކެއް ދެމުންނެވެ. އަދި, ދެކުނުގެ ސަރަޙައްދުތަކަށް އެއްގަމު މަގުން އަރައި ޤަތުލުޢާންމު ފުޅާ ކޮށްފައިވާއިރު, ލުބްނާނުގެ ހުޅަންގުން މެޑިޓެރޭނިޔަން ކަނޑުގައި ހަރަކާތްތެރިވަމުންދާ ޔަހޫދީ ފައުޖުގެ އަސްކަރީ މަނަވަރުތަކުން ވެސް ދަނީ އެ ޤައުމުގެ ރަށްތަކަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް ދެމުންނެވެ. ލުބްނާނުގެ އިރުމަތީ ފަޅީގައި ޖޫލާންގެ އުސް ބިންތަކުގައި ޔަހޫދީ ފައުޖުގެ އަސްކަރީ ހަރަކާތްތައް އިތުރު ކުރުމަކީ, ލުބްނާން ވަށައިލުމަށް ހިންގަމުންދާ އަމަލެއް ކަމަށް ޤަބޫލު ކުރެއެވެ.

ޔަހޫދީ ފައުޖުން ދަނީ ލުބްނާނާއި ސޫރިޔާ ގުޅޭ ސަރަޙައްދީ ރޮނގުގެ ސޫރިޔާއާވީ ފަޅީގައި އޮތް ރަށްތަކަށް ވެސް ޙަމަލާ ދެމުންނެވެ. ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ވެސް ވައިގެ ޙަމަލާތައް އަމާޒު ކުރަމުންނެވެ. މި ޙަމަލާތަކާ ގުޅިގެން, ސޫރިޔާގެ ސަރަޙައްދީ ރޮނގު ބަލަހައްޓާ ސިފައިންގެ ޕޯސްޓެއް ދޫކޮށް ސިފައިން ފައިބާފައިވާ ކަމުގައި ސޫރިޔާގެ ސަލާމަތީ ދާއިރާގެ މަޞްދަރުތަކުން ހާމަކުރިއެވެ. ސޫރިޔާގެ އަސްކަރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ރަޝިޔާގެ ސިފައިން ވެސް ވަނީ އެ ސަރަޙައްދުން ފައިބާފައެވެ.

ސޫރިޔާއާއި ޖޫލާންގެ އުސް ބިންތަކާ ދެމެދު ހަތިޔާރު ގެންގުޅުން މަނާ ކޮށްފައިވާ ސަރަޙައްދެއް ޤާއިމު ކޮށްފައި ވަނީ 1973ވަނަ އަހަރު ސޫރިޔާއާއި ޔަހޫދީންނާ ދެމެދު ކުރި ހަނގުރާމައަށް ފަހުއެވެ. އެ ސަރަޙައްދުގައި އަމަން ބަލަހައްޓަމުން ދަނީ އދގެ ސުުލްޙަ ބަލަހައްޓާ ފައުޖެއް ކަމުގައިވާ ޔޫއެންޑީއޯއެފުންނެވެ. ޖޫލާންގެ އުސް ބިންތަކުގައި ޔަހޫދީ ފައުޖުން އަސްކަރީ ހަރަކާތްތައް ފުޅާ ކުރަމުންދާ ކަން ޔޫއެންޑީއޯއެފްގެ އޮފިޝަލަކު ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ލުބްނާނުގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 2,309އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 10,000އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާއިރު, އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުތަކުގެ މަތީގައި ކަމުގައެވެ.