ޚަބަރު

މަތިމަރަދޫ ފެނަކަ ބްރާންޗުގެ ކުރީގެ އެސިސްޓެންޓް މެނޭޖަރަށް ކޮރަޕްޝަނުގެ ދަޢުވާކުރަން ފޮނުވައިފި


  • މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ޢާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވޭ

ފެނަކަ ކޯޕަރޭޝަނުގެ ލ. ގަމު މަތިމަރަދޫ ބްރާންޗުގެ ކުރީގެ އެސިސްޓެންޓް މެނޭޖަރަށް ކޮރަޕްޝަނުގެ ދަޢުވާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން ވިދާޅުވީ 2019 ވަނަ އަހަރު ލ. ގަމު މަތިމަރަދޫ ފެނަކަ ބްރާންޗު ހިންގުމާ އެދުވަސްވަރު ޙަވާލުވެހުރި، އެ ބްރާންޗުގެ އޭރުގެ އެސިސްޓެންޓް މެނޭޖަރު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ޢާއިލީ މަސްލަހަތުއޮތް ކުންފުންޏަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަމަށެވެ. މި މައްސަލާގައި އޭނާއަށް ކޮރަޕްޝަނުގެ ދަޢުވާކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.

މި މައްސަލާގައި އޭސީސީން މަތިމަރަދޫ ފެނަކަ ބްރާންޗުގެ ކުރީގެ އެސިސްޓެންޓް މެނޭޖަރުގެ މައްޗަށް ދަޢުވާކޮށްދިނުމަށްއެދި ފޮނުވާފައިވަނީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ.

އޭސީސީން ވިދާޅުވީ 2019 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނުން ލ. ގަމުގެ އިންޖީނުގެތައް އެއް ބްރާންޗަކަށް ބަދަލުކުރުމަށް ލ. ގަމު މަތިމަރަދޫ އަވަށުގައި ހުރި ނާސަރީ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ހަވާލުކުރީ މަތިމަރަދޫ ބްރާންޗު ހިންގުމާ އެދުވަސްވަރު ހަވާލުވެހުރި، ނަޞްރުﷲ ޢަބްދުﷲ ގެ ޢާއިލީ މަސްލަހަތު އޮތް މާތުނޑި ޓްރޭޑް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ. އެ މަސައްކަތް ހަވާލުކުރީ ފެނަކައިގެ މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރާ ގަވާއިދާ ޚިލާފަށް، ޢާއިލީ މަސްލަހަތު އޮތްކަން ފެނަކަ ކޯޕަރޭޝަންއަށް އެންގުމެއް ނެތި ކަމަށް އޭސީސީން ފާހަގަކުރައްވައެވެ.

މީގެ އިތުރުން އެމަސައްކަތް ނިންމިކަން ކަށަވަރުނުކޮށް، މަސައްކަތުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާގޮތަށް މަސައްކަތް ފުރިހަމަކުރިކަމުގެ ލިޔުންތައް ފުރިހަމަ ކުރުމަކާނުލައި، މަސައްކަތުގެ އަގު ދިނުމަށް ފެނަކަ ކޯޕަރޭޝަނުގެ ހެޑް އޮފީހުގައި ނަޞްރުﷲ އެދިފައިވާ ކަމަށްވެސް އޭސީސީން ވަނީ ވިދާޅުވެފައެވެ.

ނަސްރުﷲ އަބްދުﷲ އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު އޭނާ މަގާމުގެ ނުފޫޒު ބޭނުންކޮށް، އާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާކަން ތަހުޤީޤުން ހޯދާފައިވާ ހޯދުންތަކުން އެނގޭކަމަށް އޭސީސީން ވިދާޅުވެއެވެ.