ޚަބަރު

މަތީ ތަޢުލީމު ހާސިލްކުރަމުންދާ 32 ދަރިވަރަކަށް ޗައިނާ އެމްބަސީން އެހީ ފޯރުކޮށްދީފި


  • އައިޔޫއެމްގެ 12 ދަރިވަރުން ކުރިއަތް އޮތް ދުވަސްތަކުގައި ޗައިނާއަށް ޒިޔާރަތްކުރާނެ

މަތީ ތަޢުލީމު ޙާސިލްކުރަމުންދާ 32 ދަރިވަރަކަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން އެހީތެރިކަން ފޯރުކޯށްދީފިއެވެ.

"ޗައިނީސް އެންބެސެޑަރ ބަރސަރީ" ޕްރޮގުރާމުގެ ދަށުން ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީގައި ތަޢުލީމު ހާސިލުކުރަމުންގެންދާ 32 ދަރިވަރަކަށް މިފަހަރުވަނީ ވަނީ އެހީދެއްވާފައެވެ.

އެހީ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު އާދަމް، އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އާއިޝަތު ވަޙީދާ، އަދި މި ދެ ޔުނިވަރސިޓީގެ މުވައްޒަފުންނާއި ދަރިވަރުން ބައިވެރިވިއެވެ.

މި ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތާ އެއްގޮތަށް، މަތީ ތައުލީމު ކުރިއެރުމަށް އަމާޒުކޮށް ހިންގާ ޕްރޮގްރާމެއްކަމާއި، މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ޗައިނާއާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެ، ގައުމު ބިނާކުރާނެ ޒުވާން ޖީލެއް އުފެދިގެންދާނެކަމަށް ސްޓޭޓް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަންލީ ޝިންގ ވިދާޅުވީ ޤައުމުގެ އުއްމީދަކީ ޒުވާނުންކަމަށާއި، ޤައުމުގެ މުސްތަޤުބަލު އޮތީ ޒުވާނުންގެ އަތްމަތީގައި ކަމަށެވެ. މިއަހަރުގެ ކުރީކޮޅު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބު ދަތުރުފުޅެއް ޗައިނާއަށް ކުރެއްވިކަމަށާއި، މިއީ ދެޤައުމުގެ ގުޅުން އައު މަރުޙަލާއަކަށް ގެންދިޔަ ދަތުރެއްކަން ސަފީރު ފާހަގަކުރެއްވިއެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ތައުލީމު ޙާސިލުކުރުމަށާއި ތަފާތު ތަމްރީނުތަކަށް އެޤައުމަށް ޒިޔާރަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި އެކަމަނާ ވަނީ އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ސަފީރު ވަނީ އެމްއެންޔޫ އަދި އައިޔޫއެމްގެ 12 ދަރިވަރުން ކުރިއަތް އޮތް ދުވަސްތަކުގައި ޗައިނާއަށް ޒިޔާރަތްކުރާނެކަންވެސް ފާހަގަކުރައްވާފައެވެ.

މި ސްކޮލަރޝިޕް ޕްރޮގްރާމަކީ ރާއްޖެއާއި ޗައިނާއާ ދެމެދުގައިވާ ގާތް ރަޙްމަތްތެރިކަމާއި، އެކަކު އަނެކަކަށް ދޭ އެހީތެރިކަމާއި، ވަރުގަދަ ބައިވެރިކަން ދައްކުވައިދޭ ކަމެކެވެ.

ޗައިނާއިން އަބަދުވެސް ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށާއި އަމިއްލަ ފުދުންތެރިކަމާއެކު ތަރައްޤީވުމަށް މަގުފަހިކުރުމަށްޓަކައި ޗައިނާއިން ދިވެހިރާއްޖޭގެ ތަޢުލީމީ މަސައްކަތްތަކަށް އެހީތެރިކަން ދެމުން ގެންދެއެވެ.