ޚަބަރު

އެއަރ އެމްބިއުލާންސް ޚިދުމަތަށް ބޭނުންވާ ޚާއްސަ ބައެއް ތަކެތި އޫރީދޫން ހަދިޔާކޮށްފި


  • އެމްބިއުލާންސްއަށް ބޭނުންވާ ބައެއް ތަކެތި ފޯރުކޮށްދިނުމަށް މިހާތަނަށް 16 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ

އެއަރ އެމްބިއުލާންސް ޚިދުމަތަށް ބޭނުންވާ ޚާއްސަ ބައެއް ސާމާނު އޫރީދޫ މޯލްޑިވްސް އިން ހަދިޔާކޮށްފިއެވެ. އޫރީދޫއިން ވަނީ މާރޗްމަހު ރާއްޖޭގައި އެންމެ ފުރަތަމަ އެއަރ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކުރިއިރު ވެސް އެޚިދުމަތަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފައެވެ.

އޫރީދޫން މި ތަކެތި ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިއްޙަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ޙާލިދް އަލް-ހަމާދީ އާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑއިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ސިއްޙަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ އޫރީދޫއިން ބައެއް ސަމާނުތައް ހަދިޔާކުރުމާއެކު މިއީ ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެއްކަމަށެވެ. މި ތަކެއްޗާއެކު އާންމުންނަށް އެކަށީގެންވާ ފަރުވާ ލިބިދެވޭނެކަން ކަށަވަރުވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

ރައްޔިތުންނަށް އެކަށީގެންވާ ވަގުތުގައި އަދި ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގައި ގިނަގުނަ ގޮންޖެހުންތައް ދިމާވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ރަށްތަކުގެ ދުރުމިނުގެ ސަބަބުން، އެކި ކަންކޮޅުތަކުގައި ތިބޭ ބަލިމީހުންނަށް އަވަހަށް އަދި ރައްކާތެރިކަމާއެކު ފަރުވާ ދިނުމަށްޓަކައި، ބޭނުންވާ ޞިއްޙީ އާލާތްތަކާއި ވަސީލަތްތައް ޤާއިމުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެ އަމާޒަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ.

ރާއްޖެ އުފެދިފައި އޮންނަ ގޮތުން ހަމަހަމަކަމާއެކު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އައު ގޮތްތަކެއް ހޯދަންޖެހެކަންވެސް ވެސް ވަޒީރު އަބްދުﷲ ނާޒިމް ފާހަގަކުރެއްވިއެވެ.

ނާޒިމް ވަނީ އެއަރ އެމްބިއުލާންސް ތައާރަފުކުރިފަހުން މިހާތަނަށް ގިނަ ބަލިމީހުން އުފުލާފައިވާކަން ފާހަގަކުރައްވާ، އެ ޚިދުމަތަކީ ސިއްޙީ ދާއިރާއަށް ބޮޑު އިންޤިލާބެއް ގެނުވިކަމެއްކަން ފާހަގަކުރައްވާފައެވެ.

ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ޙާލިދް އަލް-ހަމާދީ ވިދާޅުވީ ރައްޔިތުންނަށް ސިއްޙީ ފަރުވާ ފަސޭހައިން ލިބޭނެ ގޮތް ފަހިކޮށްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގައި ބައިވެރިވުމަކީ އުރީދޫއިން އިސްކަމެއްދޭ ކަމެއްކަމަށެވެ. އަދި މި ތަކެއްޗާއެކު އެއަރ އެމްބިއުލާންސްއިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެކަމަށް އޫރީދޫގެ ސީއީއޯ ވިދާޅުވިއެވެ.

އޫރީދޫ މޯލްޑިވްސްއިން އެއަރ އެމްބިއުލާންސް ޚިދުމަތަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް މިހާތަނަށް 16 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މި ރަސްމިއްޔާތުގައި އެއަރ އެމްބިއުލާންސްގެ 3D މޮޑަލްއެއް އޫރީދޫއިން ވަނީ ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމަށް ހަދިޔާ ކުރައްވާފައެވެ.