ޚަބަރު

އެމްއާރްއެމް އުވާލުމުގެ މަސައްކަތް އީސީން ފަށައިފި


  • މޯލްޑިވްސް ރިފޯމް މޫވްމަންޓް އިިން އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ އެކަން އެންގުމަށް އެދިފައިވޭ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފަށައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެ އެއް މަސް ކުރިން އެޕާޓީ އުވާލާނެކަން ހާމަކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރު.އެމް) އުވާލުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުންދާއިރު މޯލްޑިވްސް ރިފޯމް މޫވްމަންޓް އިިން އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ، 2024 ނޮވެންބަރު 10 ވަނަ ދުވަހުގެ ނިޔަލަށް، އެ ޕާޓީގެ އޮފީސް (މއ.މާރާދައާގެ، 2 ވަނަ ފަންގިފިލާ، 7965444) އަށް، އެކަން ހުށަހެޅުއްވުމަށް އެދޭ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު ޙަސަން ޒަކަރިއްޔާ ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ މޯލްޑިވްސް ރިފޯމް މޫވްމަންޓް އިިން އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ އެކަން އެންގުމަށް އެޕާޓީއަށް އެންގި ކަމަށެވެ. ނަމަވެސް އެއް މަސް ފާއިތުވެގެންދިޔައިރު ވެސް އެއްވެސް ޚަބަރެއް ނުވުމުން ޕާޓީ އުވާލުމުގެ ކުރިން، މޯލްޑިވްސް ރިފޯމް މޫވްމަންޓް އިިން އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ އެކަން އެންގުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެއަށްފަހު ޕާޓީ އުވާލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ލާޒިމު ކުރާ އަދަދަށް މެމްބަރުން ހަމަނުވާތީ އެމްއާރްއެމް އުވާލަން އީސީން ކުރިން ވެސް ނިންމިއެވެ. ނަމަވެސް އެ ނިންމުން އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނާއި ހިލާފަށް ކަމަށް ކަނޑައަޅަން އެ ޕާޓީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އަދި އެ ކޯޓުން މައްސަލަ ނިންމީ އެ ޕާޓީއާ އެއްކޮޅަށެވެ.

ކޯޓުން އެފަދައިން ނިންމުމާއި ގުޅިގެން އީސީން އެމްއާރްއެމް އުވާނުލައެވެ. އަދި ކޮންމެ ހަ ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އަދަދު ހަމަނުވުމުން، އެ ޕާޓީއަށް 3000 މެމްބަރުންގެ އަދަދު ހަމަ ކުރަން ތިން މަސް ދުވަހުގެ މުއްދަތެއް ދިނެވެ. ނަމަވެސް އެ މުއްދަތުގައި ވެސް އެ ޕާޓީއަށް މެމްބަރުންގެ އަދަދު ހަމައެއް ނުކުރެވުނެވެ. މިއީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލަން އީސީން ނިންމި ދެވަނަ ފަހަރެވެ.