ޚަބަރު

ދައުލަތުގެ ޚަރަދު ކުޑަކުރުމަށް 228 ސިޔާސީ މުވައްޒަފުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި


  • ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި މިކަން ތަންފީޒުކުރެއްވުމަށް ރައީސް ވަނީ އަންގަވާފައި

ދައުލަތުގެ ޚަރަދު ކުޑަކުރުމަށް 228 ސިޔާސީ މުވައްޒަފުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.


ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، 228 ސިޔާސީ މުވައްޒަފުން ވަކިކުރުމަށް ނިންމެވީ ސަރުކާރުގެ އިޤްތިޞާދީ އިސްލާހީ އެޖެންޑާގެ ދަށުން ކަމަށެވެ. އެގޮތުން، ދައުލަތުގެ ވުޒާރާތަކުން ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި އެ މުވައްޒަފުން ވަކިކުރުމަށް އަންގަވާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ވަކި ކުރާ މުވައްޒަފުންގެ ތެރޭގައި 7 ސްޓޭޓް މިނިސްޓަރުންނާއި، 43 ޑެޕިއުޓީ މިނިސްޓަރުންނާއި، 109 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނޭ ކަމަށެވެ. އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުންވެސް ވަކިކުރުމަށް ނިންމަވާފައިވކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ މި ނިންމެވުމާއެކު 5.714 މިލިޔަން ރުފިޔާ ދައުލަތުގެ ބަޖެޓުން ސަލާމަތްކުރެވޭނެ ކަމަށެވެ.

ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދަށްވުމާ ގުޅިގެން އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުން ގެންދަވަނީ އެކި ފިޔަވަޅުތައް އަޅުއްވަމުންނެވެ. އެގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށާއި މާލީ ހާލަތު ރަނގަޅުކުރުމަށްވެސް ސަރުކާރުން ގެންދަވަނީ ތަފާތު ފިޔަވަޅުތައް އަޅުއްވަމުންނެވެ.